ރާއްޖެ އައި ފަތުރުވެރިންގެ %2 ހިއްސާ ކުރަނީ ކާނި ހޮޓަލަށް

Sun, 05 May 2024 12:54 PM

View on this article on Khabaru Online

ރާއްޖެ އައި ފަތުރުވެރިންގެ %2 ހިއްސާ ކުރަނީ ކާނި ހޮޓަލަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ހަތަރު ގެސްޓްހައުސްއަށް ނިސްބަތުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.



ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައީ 772،651 ފަތުރުވެރިންނެވެ. އަދި ކާނި ހޮޓެލްސް އިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން ކާނީގެ ހަތަރު ހޮޓަލަށް 16،355 (%2.12) ފަތުރުވެރިން އައިސްފައިވެއެވެ. އެންމެ ހަތަރު މަސް ތެރޭގައި އައި ފަތުރުވެރިންނާ އެކުގައި އެ ކުންފުންޏަށް ވަނީ 4.6 މިލިއަން ޑޮލަރު (66 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބިފައެވެ.

އެހެންވެ، ރާއްޖެ އަށް އައި ޖުމްލަ ޓޫރިސްޓުންގެ %2.12 ހިއްސާ ކުރަނީ ކާނިއަށެވެ. ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ 1،182 ފެސިލިޓީ ހުރިއިރު، އެއް ހޮޓެލް ޗެއިންއަކުން %2 ހިއްސާވުމަކީ ވަރަށް ބޮޑު ބޮޑު ކާމިޔާބެކެވެ.

ކ. މާފުށީގައި ހުންނަ ކާނިގެ ގެސްޓްހައުސްތަކުގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އައީ ކާނީ ޕާމް ބީޗަށެވެ. އެ ގެސްޓްހައުސް އަށް 9،784 ޓޫރިސްޓުން ދިޔައިރު ކާނި ގްރޭންޑް ސީވިއު އަށް 4،313 ޓޫރިސްޓުން ދިޔައެވެ. ކާނި ބީޗަށް 1،672 ޓޫރިސްޓުން ދިޔައިރު ކާނި ވިލެޖަށް 1،172 ޓޫރިސްޓުން ދިޔައެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މަންޒިލްތަކަށް ބަލާއިރު، 83،835 ފަތުރުވެރިންނާއި އެކީ އެއް ވަނައިގައި އޮތީ ޗައިނާއެވެ. 77،632 ފަތުރުވެރިންނާއި އެކީ ދެވަނައިގައި ރަޝިއާ އޮތްއިރު، 75،253 ފަތުރުވެރިންނާއި އެކީ ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ކާނިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނީގެ ގެސްޓްހައުސްތަކަށް ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިންނެވެ.

ކާނި ހޮޓެލްސްގެ ގެސްޓްހައުސްއަކާއި ހޮޓަލެއް އަޅަމުން އަންނަ އިރު އއ. އުކުޅަހުގައި އަޅަނީ 148 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ. ކާނިގެ އަމާޒަކީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ ތަން ނިންމުމެވެ. އެ ކުންފުނިން ދަނީ މާފުށީގައި 68 ކޮޓަރީގެ ގެސްޓްހައުސްއެއް ވެސް އަޅަމުންނެވެ.

ކާނި ހޮޓެލްސް އިން ދަނީ ދުނިޔޭގެ ހުރިހާ ޓްރެވަލް ފެއާއެއްގައި ބައިވެރިގެން ވަރަށް ބޮޑަށް މާކެޓް ކުރަމުންނެވެ.

 

The post ރާއްޖެ އައި ފަތުރުވެރިންގެ %2 ހިއްސާ ކުރަނީ ކާނި ހޮޓަލަށް first appeared on Khabaru Online.



More from Khabaru Online