ޑިސްކައުންޓް ދިނުމުގެ ކުރިން ބިލު ދެއްކި މީހުންނަށް ފެނަކައިންވެސް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ

Sun, 05 May 2024 12:52 PM

View on this article on Khabaru Online

ޑިސްކައުންޓް ދިނުމުގެ ކުރިން ބިލު ދެއްކި މީހުންނަށް ފެނަކައިންވެސް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ

މިދިޔަ ރޯދަ މަހުގެ ބާކީގެ ބައިގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމުގެ ކުރިން ބިލުތައް ދެއްކި ފަރާތްތަކަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ފެނަކައިންވެސް ބުނެފިއެވެ.



ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް، ޑިސްކައުންޓް ކޮށްފައިވާ ބިލްތައް ފެނަކަ ކޯޕަރޭޝަންއިންވެސް މިއަދު ވަނީ  ގޭބިސީތަކަށް ފޮނުވަން ފަށާފިއެވެ.

ފެނަކައިން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލަތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ވަނީ ފަށާފައިވާކަމުގައެވެ.

އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

ކަރަންޓު ބިލް ކުޑަ ކުރުމަށްފަހު ފެނަކައިން ގޭބިސީތަކަށް ފޮނުވަން ފަށާފައިވާއިރު، ރޯދަމަހު ދިން ޑިސްކައުން ދީފައިވަނީ ރައީސް އެންގިގޮތަށް ނޫންކަމަށްވާތީ އަލުން ޑިސްކައުންޓް ދިނުމަށް ރައީސް އެންގެވުމާއި ގުޅިގެން އެމްޑަބްލިއުއެސްސީއިންނާއި ސްޓެލްކޯއިންވެސް މިހާރުވަނީ ޑިސްކައުންޓް ކޮށްފައިވާ ބިލްތައް ގޭބިސީތަކަށް ފޮނުވަން ފަށާފައެވެ.

މިދިޔަ ރޯދަަ މަހުގެ ކަރަންޓް ބިލާއި ފެންބިލުން ޑިސްކައިންޓް ދީފައިވަނީ ރައީސް މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ނޫންކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް  ކަމާއިބެހޭ ފަރާތްތަށް ރައީސް މުއިއްޒު އަންގަވާފައިވާކަމަށް، ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

މިމަހުގެ ކަރަންޓު ބިލް ގޭބިސީތަކަށް ދިޔައިރު އާންމު މަސްތަކަށްވުރެ ބިލް ބޮޑު ކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް، ސަރުކާރުގެ ތަރުޖަމާން ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވަޢުދެއް ކަމަށާއި،  ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އަދި މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށްވެސް ހީނާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

The post ޑިސްކައުންޓް ދިނުމުގެ ކުރިން ބިލު ދެއްކި މީހުންނަށް ފެނަކައިންވެސް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ first appeared on Khabaru Online.



More from Khabaru Online