މަޖިލިސް ހުއްޓުވަނީ ސީދާ ރައީސް ޞާލިހުގެ ބައިވެރިވުން އޮވެގެން: ނަޝީދު

Tue, 19 Sep 2023 11:54 AM

View on this article on Khabaru Online

މަޖިލިސް ހުއްޓުވަނީ ސީދާ ރައީސް ޞާލިހުގެ ބައިވެރިވުން އޮވެގެން: ނަޝީދު

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ކޯރަމް ހަމަނުވެ ޖަލްސާ ނުފެށިފަނިކޮށެވެ. އިއްޔެގެ ޖަލްސާ އެކޭ އެއްގޮތަށް، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ތަޅުމަށް ވަދެވަޑައިނުގެން ކުޑަދަށުގައި ތިއްބެވި ކަމަށް ރިޔާސަތުން ނަޝީދު ވިދާޅުވިއެވެ. ބައިގަޑިއިރު ފަހުން ޖަލްސާ ފެށޭ ގޮތް ނުވުމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް "ސެބޮޓާޖުކޮށް" ހުއްޓުވާފައި މި ބާއްވަނީ "ކަނޑައެޅިގެން" ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ކަމަށެވެ.

(މަޖިލިސް) ހުއްޓުވާފައި ބަހައްޓަމުން މި ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިގެން މިކަމާ ބައިވެރިވެވަޑައިގެން. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަން، ދަންނަވަން ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނު އަތްޕުޅު މައްޗަށް ނަންގަވާ ދިވެހި ދައުލަތް ހުއްޓުވާލައްވަން ތިކުރައްވާ މަސައްކަތްތައް ހުއްޓުވުމަށް.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. އަދި މަޖިލިސް ހުއްޓުނަ ނުދީ ކުރިއަށް ގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ވެރިކަމުގެ ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސް އެޖެންޑާކޮށްފައެވެ.

އެ ގަރާރު އަވަސްކުރުމަށް އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވިއެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުން ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.

އެކަމަކު ޖަލްސާ ބޮއިކޮޓް ކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ނިންމާފައިނުވާ ކަމަށް އެ ގުރޫޕުގެ ޑެޕިޔުޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

The post މަޖިލިސް ހުއްޓުވަނީ ސީދާ ރައީސް ޞާލިހުގެ ބައިވެރިވުން އޮވެގެން: ނަޝީދު first appeared on Khabaru Online.



More from Khabaru Online