އިންޑިއާއިން ނިއުކްލިއަރ ސެބްމެރިން ބަންނަން ނިންމައިފި

Sun, 13 Oct 2024 08:57 PM

View on this article on Kaafu Online

ނިއުކްލިއާ ހަކަތައިން ދުއްވާ ދެ ސެބްމެރިން ބަނުމަށް އިންޑިއާއިން 5.4 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފިއެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބާރުގަދަ ކުރުމަށް އިންޑިއާއިން ފޯކަސް ކުރަމުން ދާއިރު ނިއުދިއްލީން ވަނީ، ކަނޑުގެ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ޚާއްސަ މަސައްކަތެއް ފަށާފައެވެ.



އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ދެ ސެބްމެރިން ބަނުމަށް ބަޖެޓު ކަނޑައަޅާފައި ވަނީ ސަލާމަތީ ކަންކަމުގައި މަޝްވަރާތައް ކުރާ ކެބިނެޓްގެ ކުޑަ ކޮމިޓީއަކުންނެވެ.

ޗައިނާއަކީ މިހާރު ދުނިޔޭގައި ގިނަ އުޅަނދުތައް ގެންގުޅޭ ކަނޑުގެ ބާރެވެ. ޗައިނާ ކަނޑުގެ ސިފައިންގެ ޚިދުމަތުގައި 370 އަށް ވުރެ ގިނަ މަނަވަރު ހިމެނެއެވެ. އިންޑިއާއާއި ޗައިނާގެ އަސްކަރީ ވާދަވެރިން ބޮޑު ވެގެން ދިޔައީ ހިމާލިޔާ ސަރަހައްދުގައި އިންޑިއާގެ ބިމުގެ ސަރަހައްދަށް ޗައިނާއިން ވަދެ ސިފައިންނާ ދެމެދު ހަމަލާތައް ބަދަލު ކުރުމުންނެވެ. 2020ގައި ހިނގާފައިވާ މި ހާދިސާގައި އިންޑިއާ ސިފައިންގެ 24 މީހަކު މަރުވިއެވެ.

ނިއުކްލިއަރ ސެބްމެރިންތައް ބަނދެ ހަދަނީ ޗައިނާ، ފްރާންސް، ރަޝިޔާ އަދި އެމެރިކާ ފަދަ ގައުމުތަކުންނެވެ.

އިންޑިއާގެ ނިއުކްލިއަރ ސެބްމެރިން ބަންނާނީ، ދެކުނުގެ ވިސާކަޕަޓްނަމް ބަނދަރު ސިޓީގެ ބޯޓު ބިލްޑިން ސެންޓަރުގަ އެވެ. މިމަސައްކަތުގައި  ކޮންސްޓްރަކްޝަން ދާއިރާގެ މައި ކުންފުނި، ލާސަން އެންޑް ޓޫބްރޯ އިން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.



More from Kaafu Online