ބޭރުގެ އިންވެސްޓްމެންޓު ޗައިނާއަށް ލިބޭ މިންވަރު މަދުވެފައި

Wed, 24 Jul 2024 09:22 PM

View on this article on Kaafu Online

ބޭރުގެ އިންވެސްޓްމެންޓު ޗައިނާއަށް ލިބޭ މިންވަރު މަދުވެފައި

ޖައްސަ ޖައްސައިގެން 12 މަސް ތެރޭގައި ޗައިނާގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ދަށަށް ގޮސްފައިވާ ކަމަށް ދައްކައިފިއެވެ. ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް އެފްޑީއައިގެ ގޮތުގައި ޗައިނާއަށް 412.51 ބިލިއަން ޔުއާން (56.81 ބިލިއަން ޑޮލަރު) ލިބިފައިވާއިރު، އެ ޢަދަދކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %28.2 ގެ ދަށްވުމެކެވެ. ނިސްބަތުން މިޢަދަދު، ކުރީ އަހަރާ އަޅާ ބަލާއިރު ދަށްކަމަށް ދެއްކި ނަމަވެސް، އޮފިޝަލުން ވިދާޅުވަނީ، ތާރީޚީ ގޮތުން އެފްޑީއައި އިތުރު ވެފައިވާ ކަމަށެވެ.



ޗައިނާއާއި ހުޅަނގުގެ ޤައުމުތަކުގެ ދެމެދު ހިނގަމުންދާ އިޤްތިޞާދީ ކޯޅުންތަކުގެ ސަބަބުން އިންވެސްޓް ކުރާ ފަރާތްތައް ނުތަވަސް ވީނަމަވެސް، ޗައިނާގައި އަލަށް އިންވެސްޓު ކުރާ ބޭރުގެ އިންވެސްޓްމަންޓް ކުންފުނިތަކުގެ ޢަދަދު އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި %17.4 އަށް އިތުރުވެފައި ވެއެވެ. ޢަދަދުން ބަލާއިރު އެކުންފުނިތަކުގެ ޢަދަދަކީ، 21،764 އެވެ.

ޗައިނާގައި އެފްޑީއައި ދަށްވުމަށް ސަބަބެއްކަމުގައި ބެލެވެނީ، ވިޔަފާރީގެ ކޯޅުންތަކާއި، ޖިއޮޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ޔަގީންކަން ކުޑަވެގެން ދިއުމެވެ. އެހެންވެ، އިންވެސްޓަރުން ވަނީ ޗައިނާގެ ބާޒާރަށް ވަނުމަށް ފަސްޖެހިފައެވެ.

އޭގެ އިތުރުން، މި ފަހަކަށް އައިސް، ޗައިނާގައި ޤަވާޢިދަށް ގެނަސްފައިވާ ބަދަލުތަކާއި، ޓެކްނޮލޮޖީ ޓްރާންސްފާ އާއި ޑޭޓާ ސެކިއުރިޓީއާ ބެހޭ ހަރުކަށި އުސޫލުތަކެއް އިޢުލާން ކުރުމުގެ ސަބަބުން އިންވެސްޓަރުން ބޮނދާ ގޮތް ވަނީ ވެފައެވެ. އަދި ކޯވިޑާ ގުޅިގެން ދުނިޔޭގެ ސަޕްލައި ޗޭނަށް އައި ބަދަލުތަކާއި މަސައްކަތާއި އުޖޫރައިގެ ހޭދަ ބޮޑުވުމުގެ ސަބަބާއި ޖިއޮޕޮލިޓިކަލް ހިރާސްތައް ވެސް ވަނީ އެފްޑީއައި ދަށްވުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ކޯވިޑްގެ ކުރިން ޗައިނާގައި އަހަރީ ޖީޑީޕީ ކުރިއަރަމުން އައިސްފައި ވަނީ، %6 އާއި %7 އާ ދެމެދުގެ ބާރުމިނެއް ގައެވެ. ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން 40 އަހަރު ތެރޭގައި އިގްތިސާދީ ދުވެލި އެއްފަހަރާ މަޑުޖައްސައިލިއެވެ. ނަމަވެސް މަޑުމަޑުން އެކްސްޕޯޓް ދުޅަހެޔޮ ވާންފެށުމުގެ ސަބަބުން 2021 ވަނަ އަހަރު ޗައިނާގެ ޖީޑީޕީ %8 އަށް އަރާފައިވީނަމަވެސް، އޭގެ ފަހުން 2022 ވަނަ އަހަރު އަލުން %3 އަށް ވެއްޓި، 2023 ވަނަ އަހަރު %5.2 އަށް ހިންދެމިލިއެވެ. ހިނގަމުން މިދާ، 2024 ވަނަ އަހަރު ޗައިނާގެ އިޤްތިޞާދު ކުރިއަރާނީ %4.8 ގައެވެ. އަދި އޭގެ ފަހުން، 2025 ވަނަ އަހަރު %4.1 ގައި އަދި 2026 ވަނަ އަހަރު %4 ގައި ދެމި އޮންނާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

ބޭރުގެ އިންވެސްޓަރުންނަށް ޗައިނާގައި ދިމާވާ އަނެއް ގޮންޖެހުމަކީ، ޗައިނާގައި ޙަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކަށް ސަރުކާރުގެ ފާރަލުން އިތުރުވަމުން ދިއުމެވެ.

ޗައިނާގައި އޮޕަރޭޓް ކުރާ އެމެރިކާގެ މިންޓްޒް ގްރޫޕްގެ ކުންފުނީގެ މުވައްޒަފުން ބަންދުކުރުމާއި ރާއްޖޭގެ ޓީއެމްއޭ ކުންފުނީގެ ހިއްސާ އޮންނަ ބެއިން ކޮމްޕެނީގެ ޝަންހާއީ އޮފީހުގެ މުވައްޒަފުންނާ ސުވާލުކުރުން ފަދަ ހާދިސާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ކުންފުނިތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާގެ ޕޯލް އޮރލަންޑޯ ފަދަ ޗައިނާގެ ވިޔަފާރި މާޙައުލަށް ފަރިތަ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކާއި އިންވެސްޓަރުން ޗައިނާއިން ވަކިވުމުގެ އޮއިވަރެއްވެސް ހިނގަމުން ދެއެވެ. އޭނާ ފާހަގަ ކުރާ ގޮތުގައި އެކަން މެދުވެރިވަމުން ދަނީ، ފިކުރީ މުދަލުގެ ޙައްޤުތަކާއި ސިނާޢީ ޖާސޫސީ ތުހުމަތުތަކަށް ބިރުންނެވެ.

އެކަމަކު، މި ގޮންޖެހުންތަކާ އެކުވެސް އެޕަލްގެ ކުރިއަށް އޮތް އައިފޯން 16 މަރުކާ އުފެއްދުމަށް ޗައިނާގައި ދަނީ މަސައްކަތް ކުރެވެމުންނެވެ. ފޮކްސްކޮން ކުންފުނިން ވަނީ އައިފޯން16 އުފެއްދުމުގެ މަސައްކަތަށް ހެއިނާން ޕްރޮވިންސްގެ ޖެންޖޯގައި ހުންނަ އައިފޯން އެސެމްބްލް ކުރާ އެންމެ ބޮޑު ޕްލާންޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާން ކޮށްފައެވެ. އަދި ކުރިން ވަޒީފާއަދާކޮށްފައިވާ އަލުން އެނބުރި އަންނަ މަސައްކަތްތެރިން ޝައުގުވެރި ކުރުވުމަށް އިތުރު ބޯނަސްތަކެއް ދޭނެކަމަށްވެސް ބުނެފައިވެއެވެ.

ބޭރުގެ އިންވެސްޓްމެންޓްތައް ހޯދުމަށް ޗައިނާއިން ދަނީ އިތުރު ފިޔަވަޅުތައްވެސް އަޅަމުންނެވެ. އެގޮތުން، ވިސާ ފްރީ ޕޮލިސީތައް ތަޢާރަފް ކުރުމާއި، ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުކޮށްގެން ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތް ކުރަމުން ދެއެވެ.

ޗައިނާގެ ބޮޑު ވަޒީރު ވަނީ، އެމެރިކާ އާއި ބޭރުގެ އެހެން ކުންފުނިތަކަށް ޗައިނާގައި އިންވެސްޓް ކުރުމަށް ދައުވަތު ދެއްވައި، ޗައިނާ ދޫކޮށް ކުންފުނިތަކުން ނުދިއުމަށް އިލްތިމާސް ކުރައްވާފައެވެ.

އެހެންނަމަވެސް ޗައިނާއާއި އެމެރިކާއާ ދެމެދުގެ ޖިއޮޕޮލިޓިކަލް މަސްރަޙު އަދިވެސް އޮތީ ހޫނުކަމެއްގައެވެ. ފިނިވާނެ ކަމަށް ނުބެލެވެއެވެ.

އެމެރިކާއާއި އެޤައުމުގެ އެކުވެރި ޤައުމުތަކުން ވަނީ ޗައިނާގެ މުދަލުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. ޗައިނާއިން ވަނީ ބަދަލު ހިފުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ޗައިނާގެ މަސްނޫއީ ސިކުނޑީގެ އުފެއްދުންތަކާއި ކޮމްޕިއުޓަރ ޗިޕްސް، އަދި ކުއަންޓަމް ކޮމްޕިއުޓިން ދާއިރާތަކަށް ކުރާ އިންވެސްޓްމަންޓްތައް ހަނިކުރުމަށާއި ދަތިކުރުމަށް އެމެރިކާއިން ހުށަހަޅާ ހުށަހެޅުންތަކުގެ ސަބަބުން ގުޅުންތައް އިތުރަށް ގޯސްވެފައިވެއެވެ.

ހުޅަނގުގެ މީޑިއާގައި މިކަންކަމާ ގުޅިގެން ފަތުރާ ވާހަކަތަކަށް ނިސްބަތް ކޮށް  ޗައިނާގެ މީޑިއާއިން ވަނީ ހުޅަނގުގެ ކުންފުނިތައް ޗައިނާ ދޫކޮށް ދާކަމަށް ބުނާ ވާހަކަތަކަކީ އޮޅުވާލުމަށް ފަތުރާ ޔޯލަ ވާހަކަތަކެއް ކަމަށް ސިފަކޮށްފައެވެ.

ވެންޗާ ކެޕިޓަލިސްޓް ޖެފްރީ ފަދަ ބައެއް އިންވެސްޓަރުން ގަބޫލުކުރާ ގޮތުގައި ޗައިނާގެ އިޤްތިޞާދު ރަނގަޅުވާނެއެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް ވެސް އަނބުރާ އަންނާނެ އެވެ. ނަމަވެސް މިހާރު އޮތް އިޤްތިޞާދީ ޔަގީންކަން ކުޑަ މާހައުލާއި ގޮންޖެހުން ބޮޑު ޤަވާޢިދުތަކުގެ ސަބަބުން އެފްޑީއައިގެ ކުރިމަގަށް ހިޔަނި އެޅެއެވެ.

The post ބޭރުގެ އިންވެސްޓްމެންޓު ޗައިނާއަށް ލިބޭ މިންވަރު މަދުވެފައި first appeared on Kaafu News.


More from Kaafu Online