ފެން ބިލާއި ކަރަންޓު ބިލަށް ސަރުކާރުން ވަނީ ދީލަތިކޮށް ޑިސްކައުންޓް ދީފަ

Mon, 06 May 2024 11:41 AM

View on this article on Kaafu Online

ފެން ބިލާއި ކަރަންޓު ބިލަށް ސަރުކާރުން ވަނީ ދީލަތިކޮށް ޑިސްކައުންޓް ދީފަ

ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، 1445 ވަނަ އަހަރު ރަމަޟާން މަހުގެ، ފެން ބިލާއި ކަރަންޓު ބިލަށް އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވާ ގޮތާ ބެހޭ ގޮތުން އެކުންފުނިން މައުލޫމާތު ދީފިއެވެ. އެމްޑަބްލިއުއެސްސީއިން ބުނެފައި ވަނީ ރަމަޟާންމަހުގެތެރޭގައި 11 މާރޗް އިން ފެށިގެން 11 އެޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަށް ޑިސްކައުންޓް ދީފައިވާ ކަމަށެވެ.



މި މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ޖުމުލަކޮށް ދެވިފައިވެއެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރެވިފައިވާ މިންވަރުގެ  24.5 އިންސައްތަ އެވެ. ނަމަވެސް މިބިލްތަކުގައި ރަމަޟާންމަހު ބޭނުންކުރެވުނު ފެނާއި ކަރަންޓު ހިމެނިފައިވަނީ އެކި މިންވަރަށް ކަމަށްވުމާއެކު ރަމަޟާންމަހުގެ ތެރޭގައި ފޮނުވުނު ބިލްތަކުގެ އިތުރުން ރަމަޟާންމަހުގެ ތެރޭގައި ބޭނުންކުރެވުނު ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވާތީ މިއަހަރުގެ އޭޕްރީލްމަހުގެ ބިލްތަކަށް ވެސް ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބޭ ގޮތަށް ހަމަޖައްސާފައި ވެއެވެ. އެ ގޮތުން؛

2024 އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓު ހިމަނައިގެން ފޮނުވާފައިވާ ބިލް މާރޗް މަހުގެ ބިލަށްވުރެ ބޮޑުވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށްދިނުމަށް ހަމަޖައްސާފައި ވެއެވެ.

މިގޮތުން އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހުގެ ބިލްގެ %10 އަށްވުރެ ކުޑަމިންވަރެއް ކަމުގައިވާނަމަ، %10 އާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވެއެވެ. އަދި، 2024 އޭޕްރީލް މަހުގެ ބިލް މާރޗް މަހުގެ ބިލަށްވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން %10 ޑިސްކައުންޓް ދެވެއެވެ.

މީގެ އިތުރުން، އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ 2024 އޭޕްރީލް މަހުގެ ބިލްކަމުގައިވާނަމަ އެފަދަ ފަރާތްތަކަށްވެސް އޭޕްރީލް މަހުގެ ބިލުން 10% ޑިސްކައުންޓް ދިނުމަށް ނިންމާފައި ވެއެވެ.

މަތީގައި ބަޔާންކޮށްފައިވާ ފަދައިން، 2024 އޭޕްރީލް މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި، މިހާތަނަށް 2024 އޭޕްރީލް މަހުގެ ބިލް  އެމްޑަބްލިއުއެސްސީއިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްލާޙު ކުރުމުން ޢަދަދުތަކަށް އަންނަ ބަދަލުތަކާއި، ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކުރެޑިޓް ކުރެވޭ ޙާލަތުގައި އެ މަޢުލޫމާތުވެސް 5 މެއި 2024 ވަނަދުވަހުންފެށިގެން އެސް.އެމް.އެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާކުރުމަށް ހަމަޖެހިފައި ވެއެވެ.

ކަރަންޓުބިލާއި ފެންބިލަށް އިތުރަށް މިލިބިދެވުނު ލުޔާއެކު ލަސްނުކޮށް ބިލްތައް ދެއްކުމަކީ އެކުންފުނީގެ އިލްތިމާސެކެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ، ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުމުން އިތުރު މަޢުލޫމާތާއި އެހީތެރިކަން ލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

 

The post ފެން ބިލާއި ކަރަންޓު ބިލަށް ސަރުކާރުން ވަނީ ދީލަތިކޮށް ޑިސްކައުންޓް ދީފަ first appeared on ކާފު އޮންލައިން.



More from Kaafu Online