ނޭޓޯ ޕްލަސްގައި އިންޑިއާ ހިމެނުމަށް އެމެރިކާއިން ބޭނުންވޭ

Mon, 29 May 2023 10:42 PM

View on this article on Kaafu Online

ނޭޓޯ ޕްލަސްގައި އިންޑިއާ ހިމެނުމަށް އެމެރިކާއިން ބޭނުންވޭ

ނޭޓޯ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިންޑިއާ ހިމަނައިގެން ނޭޓޯ ޕްލަސް ބާރުގަދަ ކުރުމަށް އެމެރިކާ ކޮންގްރެސްގެ ބާރުގަދަ ކޮމިޓީއަކުން ވަނީ ލަފާދީފައެވެ. މިއީ އެމެރިކާއަށް އިންޑިއާ ބޮޑު ވަޒީރު ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ކުރިން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ކޮށްފައިވާ ބަހުސެކެވެ.



މިހާރު ނޭޓޯ ޕްލަސް 5 އަކީ ދުނިޔޭގެ ދިފާއީ އެއްބާރުލުން އިތުރުކުރުމަށް ނޭޓޯ އާއި ގުޅިފައިވާ ފަސް ގައުމު ކަމަށްވާ އޮސްޓްރޭލިއާ، ނިއުޒީލެންޑް، ޖަޕާން، އިސްރާއީލް އަދި ދެކުނު ކޮރެއާ އާއެކު ކުރިއަށް ގެންދާ ސަލާމަތީ އިންތިޒާމެކެވެ.

މި ގައުމުތަކުގެ ސަފުގައި އިންޑިއާ ހިމެނުމުން އެ ގައުމުތަކުގެ މެދުގައި އެއްވެސް ދަތިކަމެއް ނެތި ޖާސޫސީ މައުލޫމާތު ހިއްސާކުރުމަށް މަގުފަހިވާނެއެވެ. އަދި އެކަމުން އިންޑިއާއަށް ކުރާނެ ފައިދާއަކީ، ކުރިއަރާފައިވާ ފަހުގެ އަސްކަރީ ޓެކްނޮލޮޖީ އިންޑިއާއަށް ލިބިގެންދިއުމެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ، އެމެރިކާ އާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) ގެ ސްޓްރެޓެޖިކް ކޮމްޕެޓިޝަންއާ ބެހޭ ހައުސް ސެލެކްޓް ކޮމިޓީގައެވެ. އެ ކޮމިޓީގައި ވަނީ ޓައިވާންގެ ދިފާއު ވަރުގަދަ ކުރުމަށް އައު ސިޔާސަތުތަކެއް ހުށަހެޅުމެއް ފާސްކޮށްފަ އެވެ.

ޗައިނީސް ކޮމިއުނިސްޓް ޕާޓީއާއެކު ސްޓްރެޓެޖިކް ވާދަވެރިކަމުގައި ކުރި ހޯދައި ޓައިވާންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަކީ އެމެރިކާއިން އިންޑިއާ ހިމެނޭ ގޮތަށް އެމެރިކާގެ އެކުވެރިންނާއި ސަލާމަތީ ބައިވެރިންނާ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައި ވެއެވެ.

އަދި ކޮމިޓީ މެމްބަރުން ބުނެފައި ވަނީ ނޭޓޯ ޕްލަސްގައި ސަލާމަތީ އިންތިޒާމުތަކުގައި އިންޑިއާ ހިމެނުމަކީ އެމެރިކާއާއި އިންޑިއާގެ ގާތް ޕާޓްނަޝިޕް ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ، ދުނިޔޭގެ ސަލާމަތާއި މުޅި އިންޑޯ ޕެސިފިކް ސަރަހައްދުގައި ކޮމިއުނިސްޓް ޕާޓީގެ އަނިޔާވެރިކަން ހުއްޓުވުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ލީޑަޝިޕްގެ އިސްނެގުމެއް ކަމަށްވާ ސެލެކްޓް ކޮމިޓީއަށް އާންމުކޮށް ކިޔަނީ ޗައިނާ ކޮމިޓީ އެވެ.

ޗައިނާ ކޮމިޓީން ނެރުނު ލަފާތަކުގެ ޑޮކިއުމެންޓްގައި ބުނެފައި ވަނީ ޓައިވާނަށް ހަމަލާއެއް ދީފިނަމަ ޗައިނާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެންމެ ފައިދާހުރި ގޮތުގައި އެޅޭނީ ޖީ7، ނޭޓޯ، އަދި ނޭޓޯ 5، އަދި ކުއަޑްގެ މެމްބަރުން ފަދަ މުހިންމު އެކުވެރިން ގުޅިގެން ކަމަށެވެ.



More from Kaafu Online