ފ. ބިލެތްދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް، ފ. އަތޮޅު ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ބިލެތްދޫގައި މި މަހު 25 އިން 26 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ބިލެތްދޫގެ 8 ގެ އެއް ކޯޓު އަމުރުގެ ދަށުން ބަލައިފާސްކޮށްފައިވާކަމަށާ، ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ރަބަރު ޕެކެޓުފެނިފައިވާކަމަށެވެ. އަދި މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 38 އަަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެއް އަދި 36 އަހަރުގެ އަންހެނެއްކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް ބިލެތްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 36 އަހަރުގެ މީހާއާއި 38 އަހަރުގެ މީހާ އަދި 46 އަހަރުގެ މީހާއަށް 15 ދުވަސް ދީފައިވެއެވެ. އަދި 45 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ތިން ދުވަސް ދީފައިވާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
މި މައްސަލައިގައި އިތުރަށް ބަލަންޖެހޭކަންކަން ފ. އަތޮޅު ގައި މަސައްކަތް ކުރާ ފުލުހުން އަންނަނީ ތަޙްގީގުކުރަމުންނެވެ.
The post ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި first appeared on ކާފު އޮންލައިން.