އިމްރާން ޚާންގެ ޕާޓީ، ޕީޓީއައިއަށް ލިބުނު އަނެއް ބޮޑު ގެއްލުމެއްގައި، އެ ޕާޓީގެ އެންމެ އިސް ނައިބު ރައީސް އަދި ތަރުޖަމާނު ފަވާދު ޗައުދަރީ ވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއާ "ވަކިވެވަޑައިގަންނަވަނީ" ކަމަށް އިއުލާން ކުރައްވާފަ އެވެ.
ޓްވިޓާގައި އޭނާ ވިދާޅުވީ ޕާޓީގެ މަގާމުން އިސްތިއުފާ ދެއްވައި "ސިޔާސީ ކަންކަމުން ބްރޭކެއް ނަގަން ނިންމި" ކަމަށެވެ. ފަވާދު އިސްތިއުފާ ދެއްވީ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ މިނިސްޓަރު ޝިރީން މަޒާރީ ވެސް ޕާޓީން ވަކިވެވަޑައިގެން "އެކްޓިވް ޕޮލިޓިކްސް" އިން ރިޓަޔާ ކުރެއްވިކަން އިއުލާން ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.
ޝީރީންއަށް ފަހު ކުރީގެ ޕްރޮވިންޝަލް މިނިސްޓަރު އަދި ޕީޓީއައިގެ ތަރުޖަމާނު ފައްޔާޒުލް ހަސަން ޗޯހާން ވެސް ވަނީ އިމްރާން ޚާންގެ ޕާޓީން ވަކިވެވަޑައިގެނަވާފައެވެ.
އެ ބޭފުޅުން ވަކިވެ ވަޑައިގަންނަވަނީ، ސިފައިނާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
މެއި މަހުގެ ނުވަ ވަނަ ދުވަހު ޕާކިސްތާންގައި ހުޅު ޖެހުމުގެ ހާދިސާއަށް ފަހު ކުރީގެ ކެބިނެޓް މިނިސްޓަރު އާމިރު ކިއާނީ އާއި މާލިކު އަމީން އަސްލަމް ފަދަ ޕީޓީއައިގެ އެހެން ބައެއް މެމްބަރުން ވެސް ވަނީ އިމްރާންއާ ވަކިވެފަ އެވެ.
އިސްލާމްއާބާދު ޖުޑީޝަލް ކޮމްޕްލެކްސްގައި ކޯޓުގެ ނޫސްވެރިންނާ އެކު ދެއްވި ނުރަސްމީ ވާހަކަފުޅުގައި އިމްރާން ވަނީ ޕީޓީއައިގެ ބައެއް ލީޑަރުން ޕާޓީން ވަކިވާން ނިންމި ނިންމުންތަކަކީ ބަޔަކު މަޖުބޫރުކޮށްގެން ކުރެވޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
The post އިމްރާން ޚާން ޕާޓީގެ ތަރުޖަމާންވެސް ޕާޓިއާ ދުރަށް first appeared on ކާފު އޮންލައިން.