ރާއްޖެފަދަ ކުދި ގައުމުތަކަށް ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަން މުހިންމު: ވަޒީރު ރަމީލާ

Tue, 22 Oct 2024 10:08 AM

View on this article on Huvadhoo News

ރާއްޖެފަދަ ކުދި ގައުމުތަކަށް ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަން މުހިންމު: ވަޒީރު ރަމީލާ

ދިވެހިރާއްޖެފަދަ ކުދި ގައުމުތަކުން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.



އިޓަލީގެ ވެރިރަށް ރޯމްގައި މިމަހުގެ 21 އިން 25 އަށް ކުރިއަށްދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިއުރިޓީ ބައްދަލުވުމުގެ “ކޯޑިނޭޓެޑް ޕޮލިސީ ރިސްޕޯންސަސް ޓު ފުޑް ކްރައިސިސް – ދަ ސްޓޭޓް އޮފް ދަ ފުޑް ސެކިއުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް” ފޯރަމްގައި ވަޒީރު ރަމީލާ ދެއްކެވި ވާހަކަފުޅުގައި މިކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ރަމީލާގެ ވާހަކަފުޅުގައި، ދުނިޔެއިން ބަނޑުހައިހޫނުކަން ނައްތާލުމަށާއި، ފޯރުކޮށްދެވޭ ކާނާއަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ ނިއުޓްރިޝަން ހިމެނޭ ކާނާކަން ކަށަވަރު ކުރުމަށް ގައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ކޮމިޓީއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އޭގައި ހުރި ގޮންޖެހުންތައް ހިއްސާކުރެއްވިއެވެ.

ރާއްޖެއަކީ އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވަމުން އަންނަ ޤައުމެއްކަމަށާއި، މިގޮތުގައި ދެމިތިބުމަކީ ޙައްލެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކާނާގެ ނިޒާމު ބަދަލުކުރަންޖެހޭ ވަގުތު ޖެހިފައިވާކަމަށާއި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރެވޭ މަސައްކަތްތަކަކަށް ވާންޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ.

ވަޒީރު ރަމީލާ ވަނީ ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދަނޑުވެރިކަމަށް އެކަށީގެންވާ ބިން ނުލިބުމާއި، ދުނިޔޭގެ ހާލަތަށް އަންނަ ކުއްލި ބަދަލުތައް ހިމެނޭކަމަށް ފާހަގަކުރައްވާފައެވެ.

މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، އާބަން ގާޑްނިން، ސްކޫލް ގާޑެނިން އަދި ކޮމިއުނިޓީ ގާޑެނިންފަދަ ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް ތައާރަފްކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގު އެއްކުރުމާއި މާކެޓްކުރުމަށް ހިނގާ ހޭދަ ކުޑަކުރުމަށް ގައުމީ ފެންވަރުގައި ކުރާ ހޭދަ އިތުރުކުރަންޖެހޭކަން ވަޒީރު ރަމީލާ ފާހަގަ ކުރެއްވިއެވެ.

ވަޒީރު ރަމީލާ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެފަދަ ކުދި ގައުމުތަކުން ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވަމުންނެވެ. އޭގެ ތެރޭގައި މަޢުލޫމާތު ބަދަލުކުރުމާއި، މާލީ އަދި ފަންނީ އެހީތެރިކަމާއި، ވަސީލަތްތަކާއި ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް ހިއްސާކުރުން ހިމެނެއެވެ. މިފަދަ އެހީތެރިކަން ލިބިއްޖެނަމަ، ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލުމަކީ އުނދަގޫކަމަކަށް ނުވާނެކަމަށް ވަޒީރު ރަމީލާ ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ ކާނާގެ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މިފަދަ ބައްދަލުވުންތަކުގައި ރާއްޖެ ބައިވެރިވުމަކީ ޤައުމުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ބެލެވެއެވެ.



More from Huvadhoo News