އިތާ: އެތައް ގޮތަކުން ފައިދާ ހުރި އަގުބޮޑު ބާވަތެއް، ހާއްސަކޮށް އެމިނޯއެސިޑާއި އޮމެގާ -3 ހިމެނޭ މޫދު ކާނާއެއް!

Tue, 22 Oct 2024 11:30 AM

View on this article on Huvadhoo News

އިތާ: އެތައް ގޮތަކުން ފައިދާ ހުރި އަގުބޮޑު ބާވަތެއް، ހާއްސަކޮށް އެމިނޯއެސިޑާއި އޮމެގާ -3  ހިމެނޭ މޫދު ކާނާއެއް!

އިތާ ނުވަތަ އޮއިސްޓާރ މިއީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އަގުހުރި އަދި ބޭނުންތެރި އެއްޗެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވާ މޫދު ކާނާގެ ބާވަތެކެވެ.



ރާއްޖޭގައި އިތާގެ ތިން ވައްތަރެއް ފެނެއެވެ. އެއީ އެންދެރި އިތާ، ގާ އިތާ، އަދި ރިހިކުލައިގެ ވިދުމެއް ހުންނަ އިތާއެވެ. މީގެ އިތުރުން، އެންދެރި ގަހުގައި ދިގުކޮށް ހުންނަ އިތާ ގައިވެސް ހުދު ރިހިކުލައަށް ދާ ވިދުމެއް ހުރެއެވެ. ފަރުގެ ގާތަކުގެ ތެރޭގައި ހުންނަ އިތާ ކަޅުކުލަ ގަދަ، ވިދާ އިތާ އެކެވެ. ހުރިހާ ވައްތަރެއްގެ އިތާ ގައިވެސް ރަން ވައްތަރެއްގެ ކުލައެއް ހުރެއެވެ.

އިތާއަދި އޭގެ މުތް:އަގުބޮޑު އެހެނަސް އަދު އޭގެ އަސްލު މަދުވަމުންދާ ބާވަތެއް

އިތާ މިއީ އަގުބޮޑު އެއްޗެކެވެ. ކެއުމުގެ އިތުރުން، އިތާގެ މުތް ބޭނުންކޮށްގެން ގަހަނާ ހެދެއެވެ. އަދި އޭގެ ތޮށިގަނޑުވެސް ގަހަނާ ހެދުމާއި ހަދިޔާ ތައްޔާރުކުރުމަށް ބޭނުންކުރެވެއެވެ. ޖުމްލަ ގޮތެއްގައި، އިތާގެ ހުރިހާ ބައިތަކެއްވެސް ބޭނުން ހިފެއެވެ.

ރާއްޖޭގައި އިތާ އާލާކުރުމަށްޓަކައި ބައެއް ސަރަހައްދުތަކުގައި ވާތަކާއި ބޮއިތައް އެޅުނެވެ. އިތާގެ އެންމެ ޅަފަތުގައި ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި ދަތުރުކުރަމުން އައިސް އެހެނިހެން އެއްޗެހީގައި ތައްވެ، ބޮޑެތިވާން ފަށައެވެ. ވަކި މިންވަރަކަށް ބޮޑުވުމުން، އެ ތަކެތި ވެއްޓިގެން ނުދިއުމަށްޓަކައި ހަރުކުރެވިދާނެއެވެ.

އަދުގެ ދުނިޔޭގައި އިތާއާއި އިތާ މުތް އުފައްދައިގެން ވިޔަފާރިއަށް ގެންގުޅޭ ބްރޭންޑެޑް މުއްސަނދިން އެބަތިބި

އިތާ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންނަ މުހިންމު މޫދު ދިރުމެކެވެ. ގަލްފް އޮފް މެކްސިކޯ، އެޓްލާންޓިކް އަދި ކެލިފޯނިއާ ކޯސްޓްގައި އިތާގެ ފަރުތައް ހުރެއެވެ. ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުރަކައިގެ ފަރުތަކަށް ގެއްލުންވާ ފަދައިން، އިތާގެ ފަރުތަކަށްވެސް ނޭދެވޭ އަސަރު ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

އިތާގެ ސިއްހީ ފައިދާތައް ވަރަށް ގިނައެވެ. އެމެެރިކާގެ ކެމިކަލް ސޮސައިޓީން ހާމަކޮށްފައިވާ ގޮތުގައި، އިތާގައި ހިމެނޭ އެމިނޯ އެސިޑަކީ ޖިންސީ ހޯމޯން އިތުރުކޮށްދޭ މާއްދާއެކެވެ. މީގެ ތެރޭގައި ޓެސްޓޮސްޓެރޯން އާއި އެސްޓްރޯޖަން ހިމެނެއެވެ. އެހެންކަމުން، އިތާމަހަކީ ޖިންސީ ބާރު ވަރުގަދަ ކޮށްދޭ މޫދު ކާނާ އެއްގެ ގޮތަށް ބެލެވިފައިވާ ބާވަތެކެވެ. ހަމައެހެންމެ ހިތުގެ ބަލިތަކަށް ފައިދާހުރި މޫދު ކާނާއެކެވެ. ހިތަށް ފައިދާހުރި އޮމެގާ 3 މަތީ މިންވަރަކަށް ހުރެއެވެ. އޮމެގާ 3 އާއި، ޕޮޓޭސިއަމް، އަދި މެގްނީޒިއަމްއަކީ ލޭމައްޗަށް ދިއުން ދަށްކޮށްދޭ ބާވަތްތަކެކެވެ. އަދި މިއީ ސްޓްރޯކްއާއި ހިތުގެ ބަލީގެ ނުރައްކާ ކުޑަކޮށްދޭ ބާވަތްތަކެކެވެ.

އިތާގައި އެހެން ބާވަތްތަކުގެ ކާނާއަށްވުރެ މަތީ މިންވަރަކަށް ޒިންކް ހިމެނެއެވެ. ޒިންކަކީ ސިއްހީ ގޮތުން ވަރަށް މުހިންމު ރޯލެއް އަދާކުރާ ފައިދާހުރި މާއްދާއެކެވެ. މިގޮތުން ސިއްހަތު ރަނގަޅުވެ، ދިފާޢީ ނިޒާމު ވަރުގަދަވެ، ހަށިގަނޑު ތާޒާކޮށްލަދީ ހެދިފޯދުމާއެކު ގެއްލުންވެފައިވާ ބައިތަކަށް ދިރުމެއް ގެނެސްދީ އާރޯވުމަށް އެހީތެރިވެދެއެވެ. އަދި ރޯނާވާ މީހުންނަށާއި ރޭގަނޑު ލޮލުގެ ފެނުން ދަށްވާ މީހުންނަށް ފަރުވާއެއްގެ ގޮތުގައިވެސް ބޭނުންކުރެވެއެވެ.

ރާއްޖޭގައި މަޝްހޫރު އިތާ، ނުވަތަ އޮއިސްޓަރ ކެއުމެއް،

މީގެއިތުރުން، އިތާ އަކީ ވިޓަމިން ރަނގަޅަށް ލިބޭ މޫދު ކާނާއެކެވެ. އިތާގައި ވިޓަމިން އޭ، ބީ، ސީ، އަދި ޑީ ހިމެނެއެވެ. މި ވިޓަމިންތަކަކީ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މުހިންމު މާއްދާތަކެކެވެ.

އިތާ ކެއުމަށް ބޭނުންކުރާއިރު، ރަނގަޅަށް ސާފުކޮށް، ރޯފިލުވައިގެން ބޭނުންކުރުން މުހިންމެވެ. އެހެންނޫނީ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި ފްރީޒްކުރާނަމަ، ރަނގަޅަށް ސާފުކޮށް ބަންދުކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

އަދުގެ ދުނިޔޭގައި އަދި ރާއްޖޭގައިވެސް އިތައަކީ އަގުބޮޑު ކާނާއަކަށް ވަނީ ވެފައެވެ. ހަމައެހެންމެ އަމިއްލަ ވިޔަފާރިވެރިން އިތާ އާލާކޮށް ދިރުވައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް އިތާ އުފައްދައި މުތުގެ ވިޔަފާރި ކުރަމުންދާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.

 

ސިއްހީ، އިގުތިސާދީ އަދި ސަގާފީ ގޮތުން ވަރަށް މުހިންމު އެއްޗަކަށް ވެފައިވީ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި އެހެނިހެން ތިމާވެށީގެ ގޮންޖެހުންތަކުގެ ސަބަބުން އިތާގެ ފަރުތަކަށް ނޭދެވޭ އަސަރު ކުރަމުންދާތީ، މި ގިދުރަތީ ވަސީލަތް ޙިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ.
“ވިތާހިރު މޮޅު އެރަން މުތަކީ އިތާގެ ބަނޑުން ވިހޭދަރިއޭ…..ހިތާކޮށް ފިކުރު ބެލިނަމައީ އިބާރާތެއްކަމަށް ވާނޭ…..” ޝައިހް ހުސައިން ސަލާހުއްދީން މި ޅެން ބައިތުންވެސް އިތަޔާ އިތާމުތަށް ޒަމާނުއްސުރެ ދިވެހިން ދީފައިވާ އަހައްމިއްޔަތުކަން ހާމަވެ އެނގިގެންދެއެވެ.



More from Huvadhoo News