ދުނިޔެއަށް ދަހިވެތި ނުވާށެވެ. އިންސާނާގެ ހަލާކު އެންމެ ބޮޑަށް އޮތީ އެކަމުގައެވެ.

Tue, 22 Oct 2024 08:10 AM

View on this article on Huvadhoo News

ދުނިޔެއަށް ދަހިވެތި ނުވާށެވެ. އިންސާނާގެ ހަލާކު އެންމެ ބޮޑަށް އޮތީ އެކަމުގައެވެ.

ދުނިޔޭގެ ތަނަވަސްކަމާއި މުދާވެރިކަމަށް ލޯބިކުރުމީ އިންސާނާގެ ކިބައިގައި ޠަބީޢީ ގޮތުން ލައްވައިފައި ވާ ކަމެކެވެ. އަލްއިމާމުލް ބުޚާރީ އާއި އަލްއިމާމު މުސްލިމު رحمهما الله ރިވާކުރައްވައިފައި ވާ ޙަދީޘެއްގެ މާނައިގައި ވަނީ، އިންސާނާއަށް ދެ ވާދީ ފުރޭހާ މުދާ ލިބުނަސް އޭނާގެ ހިތް ނުފުރޭނޭ ކަމަށާއި އެފަދަ ދެވަނަ ވާދީއެއް ލިބުން އެދޭނޭ ކަމަށެވެ. އަދި އިންސާނާގެ ބަނޑު ފުރޭނީ ވެލިން ކަމުގައި ވެސް އެ ޙަދީޘްގައި ވެއެވެ.



ދުނިޔޭގެ ތަނަވަސްކަމަށް ލޯބިކުރުމީ އިންސާނާއަށް ކުރިމަތިކުރައްވައިފައި ވާ އިމްތިޙާނެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿أَلْهَاكُمُ التَّكَاثُرُ(١)‏ حَتَّىٰ زُرْتُمُ الْمَقَابِرَ‎(٢)﴾‏ ‎(التكاثر)‏ މާނައީ: “(މުދަލާއި ދަރިން) ގިނަކަމަށް އެކަކުއަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަ-ނެއްތައި) މަޝްޣޫލުކޮށްފިއެވެ.(1) ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ.)(2)”
މި ސޫރަތުގެ ތަފްސީރުގައި އިބްނު ކަޘީރު رحمه الله ވިދާޅުވެފައި ވެއެވެ. “ދުނިޔޭގެ ނިޢުމަތްތަކާއި ޒީނަތްތެރިކަމުގެ ދަހިވެތިކަމާއި ދުނިޔެ ހޯދުމުގައި އުމުރު ހޭދަކުރުމުގެ ސަބަބުން އާޚިރަތް ހޯދުމަށް ތިޔަބައިމީހުން ހަނދުމަނެތިކޮށްފިއެވެ. އެ ދަހިވެތިކަމުގެ ތެރޭގައި ތިއްބައި މަރު އައިސް ތިޔަބައި މީހުންނާ ބައްދަލުކުރެއެވެ.” (ތަފްސީރު އިބްނު ކަޘީރު 8/472)

ޢަބްދު ﷲ ބިން ޝިއްޚީރު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އެއްފަހަރަކު ތިމަންނާ މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ގެ އަރިހަށް ދިޔައީމުއެވެ. އޭރު އެކަލޭގެފާނު މި ސޫރަތް ﴿أَلْهَاكُمُ التَّكَاثُرُ‎(١)‏ حَتَّىٰ زُرْتُمُ الْمَقَابِرَ‎(٢)﴾‏ ‎(التكاثر)‏ ކިޔަވައިވިދާޅުވަނީއެވެ. ދެން އެއަށް ފަހު ހަދީޘްކުރެއްވިއެވެ. “އާދަމުގެ ދަރިޔާ އަބަދުވެސް ބުނާހުށްޓެވެ. އަހަރެންގެ މުދަލެވެ. އަހަރެންގެ މުދަލެވެ. (އެބަހީ: އަހަރެން އެންމެ އިސްކަންދެނީ، އަހަރެންގެ މުދަލަށެވެ.) އެހެނަސް ދަންނާށެވެ! އޭ އާދަމުގެ ދަރިޔާއެވެ! ތިބާ ކައި، ފަނާކުރި އެއްޗަކާއި، ތިބާ ލައި ބައުކުޅަ ފޭރާމަކާއި، ﷲ ގެ މަގުގައި ޞަދަޤާތްކޮށް، އަބަދަށް ޓަކައި ތިބާ ރައްކައުކުޅަ އެއްޗެއް މެނުވީ ތިބާގެ މުދަލުން، ތިބާއަށް ކުޅަ ފައިދާއަކީ ކޮބައިހެއްޔެވެ؟” (رواه مسلم، 2958)

ކިތަންމެ ގިނަ މުދަލެއް އަތުގައި ހުރި ނަމަވެސް، މި ދުނިޔޭގައި އިންސާނާ ކައިބޮއި، ނުވަތަ ފޭރާމުގެ ގޮތުގައި ލައި އުޅުނު އެއްޗެއް މެނުވީ އޭނާއަށް ބޭނުން ހިފޭނޭ އެއްޗެއް ނެތެވެ. އާޚިރުގައި ފައިދާ ކުރާނެ މުދަލަކީ އެ މުދަލުން ދަރުމައާއި ސަވާބަށް އެދި މާތް ﷲ ގެ މަގުގައި ހޭދަކުރި ތަކެތި އެކަންޏެވެ.

އިންސާނާ މުސްކުޅިވެ ބޮލުގެ އިސްތަށި ނުރަވާއިރު ވެސް އޭނާގެ ކިބައިގައި ދެ ކަމެއް ބަދަލު ނައިސް ދެމިހުރެއެވެ. އެއީ އޭނާގެ ހިތުގައިވާ ދުނިޔޭގެ ދަހިވެތިކަމާއި، ދުނިޔޭގައި އެކިކަންކަން ހޯދައިގަތުމަށް އޭނާގެ ހިތުގައިވާ އުންމީދުތަކެވެ. އެހެނަސް ދަންނާން ޖެހޭ ޙަޤީޤަތަކީ ދުނިޔެއަކީ ވަގުތީ ތަނެއް ކަމެވެ. މި ދުނިޔޭގައި ވާ އެއްވެސް އެއްޗަކީ، މަދިރި ފިޔައެއްގެ ބުރަދަނުގެ އަގެއް ހުރި އެއްޗެއް ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ ނިޢުމަތްތަކުގެ ތެރެއިން މީރު ފެންފޮދެއްގެ މިންވަރު ވެސް، الله تعالى އަށް އުރެދޭ އެއްވެސް މީހަކަށް އެއިލާހު ނުދެއްވާނޭ ކަމުގައި އަންގަވައިފައި ވެއެވެ. ދުނިޔޭގެ މުދަލާއި އަރާމާއި ލައްޒަތަކީ އޭގައި އެއްވެސް އަގެއް ނެތް ވަގުތީ ކަންކަމެވެ. 

الشَّيْخ حَسَن مُوسَى فِكْرِي / ދީނުގެމަގު



More from Huvadhoo News