ޗައިނާ ބޮޑުފާރުގައި ލޯބީގެ ވާހަކައެއް، ނިމުނީ ހިތި ގޮތަކަށް!

Tue, 22 Oct 2024 05:47 AM

View on this article on Hurihaa.mv

ޗައިނާ ބޮޑުފާރުގައި ލޯބީގެ ވާހަކައެއް، ނިމުނީ ހިތި ގޮތަކަށް!

ދުނިޔޭގެ އެއް އަޖާއިބުގެ ގޮތުގައި ޔުނެސްކޯގައި ލިސްޓު ކުރެވިފައިވާ ޗައިނާގެ "ގްރޭޓް ވޯލް އޮފް ޗައިނާ" ނުވަތަ ޗައިނާގެ ބޮޑު ފާރަކީ އެ ފާރުގެ 2000 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީހުގައި ގިނަ ކަންތައްތަކެއް ދެކިފައިވާ ތަނެކެވެ.



ދޭދޭ ގައުމުތަކުގެ ދާހިލީ ހަމަނުޖެހުންތަކުން ފެށިގެން ލޯބިވެރިންގެ ލޯބީގެ ވާހަކަތަކަށް ދަންދެން ޗައިނާގެ ބޮޑުފާރާ ގުޅިފައިވާ ކަމީ ހަގީގަތެކެވެ.

އެފަދަ އެއް ވާހަކައަކީ މިހާރު އުމުރުން 77 އަހަރުގެ ސާބިއާގެ އާޓިސްޓެއް ކަމަށްވާ މަރީނާ އަބްރަހޮމޮވިޗްއާއި ޖަރުމަނަށް ނިސްބަތްވާ އޭނާގެ ކުރީގެ ލޯބިވެރިޔާ ފްރޭންކް ލެސިޕިއަން (އުލޭ)ގެ ލޯބީގެ ވާހަކަ އެވެ.

މަރީނާ ޗައިނާ ބޮޑު ފާރުގައި ހިނގަނީ

މީގެ ތިރީހަކަށް އަހަރު ކުރިން 1980ގެ އަހަރުތަކުގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެ ދެމީހުންނަކީ ތަފާތު ކަންތައްތައް ކުރުމަށް އަބަދުވެސް ބޭނުންވި ދެ މީހުންނެެވެ.

އެގޮތުން އޮސްޓްރޭލިއާގައި ހޭދަކުރި ދުވަސްވަރު އެމީހުން ނިންމީ ކޮންމެ މީހަކު ވެސް ޗައިނާ ބޮޑުފާރުގެ އެއްކޮޅުން ފަށައިގެން އަނެއްކޮޅަށް ހިނގާށެވެ. ބޭނުމަކަށްވީ މެދާ ހިސާބުން ދެމީހުން ބައްދަލުވެ އެމީހުންގެ ގުޅުމުގައި ކައިވެނީގެ ގޮށް ޖެހުމެވެ.

އެހެން ނަމަވެސް މިކަމުގައި ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ޗައިނާގެ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމެވެ. އެ ހުއްދަތައް ހޯދުމުގައި 8 އަހަރަށްވުރެ ގިނަ ދުވަސް ހޭދަވި އެވެ.

އެ 8 އަހަރު ދުވަހުގެ ތެރޭގައި އާޓިސްޓް ޖޯޑެއްގެ ގޮތުގައި އެ ދެމީހުންނަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް މާލީ ކަންކަމާއި ބޭވަފާތެރިކަމުގެ ތެރެއިން ދެމީހުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އެހެން ނަމަވެސް ޗައިނާ ބޮޑުފާރުގެ ހިނގުމަށް ލިބެންޖެހޭ ހުއްދަތައް އެންމެ ފަހުން ލިބުމުން ދެމީހުންވެސް ނިންމީ އެ މީހުންގެ ގުޅުމަށް އިހުތިރާމް ކުރުމުގެ ގޮތުން އެކަން ކުރާށެވެ.

"އަހަރުމެން ހިތަށްއެރީ މިއީ އަހަރުމެންގެ ގުޅުން ނިންމާލަން ވަރަށް ރަނގަޅު ގޮތެކޭ. އެކުގައި ހޭދަކުރި ދުވަސްތަކަށް ގަދަރު ކުރުމުގެ ގޮތުން ކުރެވޭނެ ކަމެކޭ" ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި މަރީނާ ބުންޏެވެ.

މަރީނާއާއި އުލޭ ޗައިނާގެ ބޮޑު ފާރުގެ މެދުން ބައްދަލުވެފައި

މި އަޒުމާއެކު މަރީނާއާއި އުލޭ އެމީހުންގެ ދަތުރު ފެށީ 1988 ވަނަ އަހަރު އެވެ. ގަސްދުކުރި ގޮތަށް މެދާ ހިސާބުން ބައްދަލުވާން އެމީހުންނަށް 90 ދުވަސް ނެގި އެވެ.

އެ ދަތުރުގެ ތެރެއިން މަރީނާއާއި އުލޭ ވަނީ އޭގެ ކުރިން މީހުންނަށް ފެނިފައިނުވާ ޗައިނާ ބޮޑުފާރުގެ މަންޒަރުތަކުގެ ފޮޓޯތައް ވެސް ނަގާފަ އެވެ.

މަރީނާއާއި އުލޭ އެކަކު އަނެކަކަށް އެމީހުންގެ އެންމެ ފަހު އަލްވަދާއު ކިޔާފައިވަނީ 21،196 ކިލޯމީޓަރުގެ ދިގު ޗައިނާ ބޮޑުފާރުގެ މެދުންނެވެ. އެއް އިރެއްގައި އޮތް ލޯތްބާއި ގަދަރަށް އިހުތިރާމް ކުރަމުންނެވެ.




More from Hurihaa.mv