ގާޒާގައި ޔަހޫދީން ވަޒަންވެރިވުމުގެ ތައްޔާރީތައް އިޒްރޭލްގައި ކުރިޔަށް

Tue, 22 Oct 2024 09:29 AM

View on this article on Hurihaa.mv

ގާޒާގައި ޔަހޫދީން ވަޒަންވެރިވުމުގެ ތައްޔާރީތައް އިޒްރޭލްގައި ކުރިޔަށް

ފަލަސްތީނުގެ ގާޒާގައި ހިނގަމުންދާ ހަނގުރާމައަކީ އޭގެ ނުރައްކާތެރިކަމާއި ހަލާކުގެ ވާހަކަ އިތުރަށް ކިޔައިދޭންޖެހޭ ކަމެއް ނޫނެވެ. ގާޒާގެ އެއްވެސް ތަނަކީ އިންސާނުނަށް ދިރިއުޅުމަށް އެއްވެސް ވަރެއްގެ ރައްކާތެރިކަމެއް އޮތްތަނެއް ނޫނެވެ.



ހައްދުފަހަނަޅާފައިވާ އިޒްރޭލްގެ އަސްކަރިއްޔާއިން މުޅި އެ ސަރަހައްދުގެ ގެދޮރު ސުންނާފަތިކޮށް، ނަސްލު ނައްތާލުމުގެ އިތުރުން އެތަނުގެ އާބާދީއަށް އަލުން ދިރިނޫޅެވޭ ވަރަށް ވީރާނާކޮށްލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ދުނިޔޭގެ މުއްސަނދި، ބާރުގަދަ ގައުމުތައް ކަމަށް ބެލެވޭ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ އެހީތެރިކަމާއެކު އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ބިން އެއްކޮށް ހުސްކޮށް، އެބިންތައް މިލްކުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

އިޒްރޭލްގެ އަނިޔާވެރި ސަރުކާރުން ގާޒާ އާއި ލުބުނާން ސުންނާފަތި ކުރަމުންދާއިރު، އެގައުމުގެ ރައްޔިތުން މިހާރު ގެންދަނީ ހަނގުރާމަ ނިމުމާއެކު ގާޒާގައި ވަޒަންވެރިވުމަށް ތައްޔާރުވަމުންނެވެ. އެކަމަށްޓަކައި އެގައުމުގެ ރައްޔިތުން ހިންގަމުންގެންދާ ކެމްޕޭނެއްގެ ލައިވް ކަވަރޭޖް ސްކައި ނިއުސްގެ ރިޕޯޓަރަކު އިއްޔެ ވަނީ ގެނެސްދީފަ އެވެ.

ފަލަސްތީނުގެ ރައްޔިތުން އެތަނެއްގައި ބަންދުކޮށްފައިވާ ގާޒާއާ ގާތްގަނޑަކަށް ދެ މޭލު ދުރުގައި އޮތް އިޒްރޭލްގެ ހިސާބެއްގައި އިއްޔެ ކުރިޔަށް ދިޔައީ ގާޒާގައި ޔަހޫދީން އާބާދުވުމާ ބެހޭ ކޮންފަރެންސެކެވެ. އެ ކޮންފަރެންސްއަށް ހާޒިރުވެ ތިބީ ކުދި ކުދި އާއިލާތަކެކެވެ. އެމީހުންނަށް ހިތްވަރުދީ ކެމްޕޭން ކުރަމުން ގެންދަނީ ވެސްޓް ބޭންކާއި އެހެންވެސް ހިފާފައި ހުރި ފަލަސްތީނުގެ ބިންތަކުގައި މީހުން މިފަދައިން ވަޒަންވެރިކުރުވުމުގެ ކެމްޕޭންކޮށް އެކަމުގެ ތަޖުރިބާ ލިބިފައިވާ ޖަމާއަތަކުންނެވެ.

"އެއީ އަހަރެމެން އެންމެ އިސްކަން ދޭކަންތައް،" ދުރުން ފެންނަ އަނދަމުންދާ ގާޒާއާ ދިމާޔަށް ބަލަހައްޓާގެން ހުރެ އަވީ ކިޔާ މީހަކު ގާޒާގައި ވަޒަންވެރިވުމާ ބެހޭގޮތުން ރިޕޯޓަރުން ގާތު ބުންޏެވެ. އެ އުންމީދު ފުރިހަމަވާނެ އިރެއް އޭނާއަކަށް ޔަގީނެއްނޫނެވެ. އެހެން ނަމަވެސް އޭނާ ހުރީ ހަނގުރާމަ ނިމި ދިރިއުޅުމަށް އެކަށޭނަ ތަނަކަށް ގާޒާ ހަދައި، ވީހާ އަވަހަކަށް އެތަނުގައި ދިރިއުޅެން ފަށަން ކެތް މަދުވެފަ އެވެ.

އަވީ އަކީ ގަޒާގައި ދިރިއުޅުމަށްޓަކައި އުންމީދު ކޮށްގެން މި ކޮންފަރެންސަށް ގޮސް ތިބި އެތައް އާއިލާއެއްގެ ތެރެއިން އެކެކެވެ. ދަރިފުޅާ އަންހެނުން ގޮވައިގެން ގޮސް ހުރި އަވީ ފަދަ އަނެއް މީހަކީ ރެޝިތު ކިޔާ ޔަހޫދީއެކެވެ.

ރެޝިތުއާ ނޫސްވެރިން ކުރި ސުވާލަކީ ގާޒާއަށް ދާން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟

"އެއީ އަހަރެމެންގެ އަމިއްލަ ވަޒަން. ތައުރާތުގައި އެބައޮތް އެ ވާހަކަ. އެހެންވީމަ އެބިމުގެ ހުރިހާ ހައްގެއް އޮންނާނީ އަހަރެމެންނަށް،" ރެޝިތު ބުންޏެވެ.

އޭނާ އިތުރަށް ވާހަކަ ދައްކަމުން ބުނީ އިޒްރޭލުގެ އެތައް ސިފައިންނެއް ވަނީ އެ ބިމަށްޓަކައި ފުރާނަ ގުރުބާންކޮށްފައި ކަމަށެވެ. އެ މީހުން ދުނިޔެއާ ވަކިވެ ދިޔައީ މުހިންމު ސަބަބަކާ ހުރެ ކަމަށާއި އެމީހުންގެ އެ ގުރުބާނީގެ އަގު ވަޒަންކުރުމަށްޓަކައި ވެސް ގާޒާގެ ބިމުގައި ޔަހޫދީން ވަޒަންވެރި ވާން ޖެހޭނެ ކަމަށް އެ މީހާ ބުންޏެވެ.

ރެޝިތުގެ ވާހަކަ މެދުކަނޑާލާފައި ރިޕޯޓަރުން ކުރިމަތިކުރުވީ އެމީހުން ހިތުން ވަރަށް ބޮޑު ސުވާލެކެވެ. ޖަވާބު ދޭން ކޮންމެވެސް ވަރަކަށް އުނދަގޫވާނެ ހެން ހީވާ ސުވާލެކެވެ. ސުވާލަކީ އެބިމުގައި ދިރިއުޅެމުންގެންދާ ފަލަސްތީނުގެ މީހުންނަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ ރެޝިތުގެ ޖަވާބު އަވަހެވެ. ބުންޏެވެ. އެ އެންމެން ޖެހޭނީ މަރާ ހުސްކޮށްލާށެވެ. ސަރުކާރަށް އެކަން ކުރަން ނުކެރެންޏާ އެހެން ގައުމުތަކަށް ފޮނުވާލާނީ އެވެ.

ގާޒާގައި ވަޒަންވެރިވުމުގެ ކޮންފަރެންސް އިންތިޒާމްކުރީ އަމިއްލަ ފަރާތަކުން ކަމުގައި ވިޔަސް އެ ކޮންފަރެންސަށް ބެންޖަމިން ޔަތަނަޔާހޫގެ ލިކޫޑް ޕާޓީގެ އިސް މީހުން ހާޒިރުވެ ވާހަކަ ދެއްކި އެވެ. އެންމެ ފާހަގަ ކޮށްލެވޭ މީހަކަށް ހުރީ ސަލާމަތާ ކަންތަކާ ބެހޭ މިނިސްޓަރެވެ.

އެ އެންމެންގެ ވާހަކަ އެގޮތަށް ހުރިކަމުގައި ވިޔަސް އެހިސާބުގައި ދިރިއުޅޭ އުމުރުން ދުވަސްވީ ބައެއް މީހުން އެ ޚިޔާލާ ދެކޮޅެވެ. އޭގެ ތެރެއިން މުސްކުޅިއަކު ސްކައި ނިއުސްގެ ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ބުނި ގޮތުގައި ގާޒާގައި ވަޒަންވެރިވުމަށް ނަތަންޔާހޫގެ ލިކޫޑް ޕާޓީން އެ ހިންގާ ކެމްޕޭނަކީ ގާނޫނާ ޚިލާފު ނުބައި އަމަލެކެވެ. އެކަމުގެ ސަބަބުން މިވަގުތު ދުނިޔޭގެ ކުރިމަތީގައި އިޒްރޭލުގެ އެއްވެސް ގަދަރެއް އޮތް ކަމަށް ވަންޏާ އެ ގަދަރެއް ވެއްޔާމޮޑެވިގެން ހިނަގައިދާނެ ކަމަށް އޭނާ ބުންޏެވެ.

ކޮންފަރެންސް އިންތިޒާމު ކުރީ ގާނޫނާ ޚިލާފަށް މީހުން ވަޒަންވެރިކޮށް އާބާދުކުރުމުގައި ނަތަންޔާހޫގެ ސަރުކާރަށް އެހީވުމުގެ ރެކޯޑް އޮންނަ ގުރޫޕެކެވެ. އެ ގްރޫޕްގެ ފަރާތުން ސްކައި އާ ވާހަދެއްކި މީހާ ބުނިގޮތުގައި އުސޫލެއްގެ ގޮތުން ހަނގުރާމައިން ބަލިވާ ބައެއްގެ އަތުން ބިން ގެއްލޭނެ އެވެ.

އެ އުސޫލުން ގާޒާގެ އަހުލުވެރިންނަށް ވެސް ހަނގުރާމަ ނިމިމުން އެތާނގައި ތިބުމުގެ ހައްގެއް ނޯންނާނެ އެވެ. އެހެންކަމުން އެޖަމާއަތުން މިހާރު ގެންދަނީ ހަނގުރާމަ ނިމުމާއެކު ގާޒާގައި ޔަހޫދީން ވަޒަންވެރިވުމުގެ ޕްލޭން ރާވަމުން ކަމަށް އެ މީހާ ބުންޏެވެ.

އެއްކޮޅުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަތަނުގެ ދިފާއުގައި ހަރަކާތްތެރިވަމުންދާއިރު، ދުނިޔޭގެ ހުރިހާ ބާރެއްގެ މަދަދާއެކު އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ނިމެންވާއިރަށް ފަލަސްތީނުގެ ބާކީ އޮތް ބިންކޮޅު އިޒްރޭލާ އެއްކޮށްލައި ޔަހޫދީން އާބާދުކުރުމުގެ ޕްލޭން ދަނީ ބާރަށް ކުރިއަށެވެ.




More from Hurihaa.mv