ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުވާ 1914 މީހުން ފޯމު ހުށައެޅި

Fri, 26 Apr 2024 07:28 PM

View on this article on Hurihaa.mv

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުވާ 1914 މީހުން ފޯމު ހުށައެޅި

ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި ގޯތި ގުޅިފަޅަށް ބަދަލު ކުރަން ހައުސިން މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 1900 އަށްވުރެ ގިނަ މީހުން އެކަމަށް އެދިއްޖެ އެވެ.



ހައުސިން މިނިސްޓްރީން ވަނީ ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދުނު މީހުންގެ ލިސްޓު ގެޒެޓުކޮށްފަ އެވެ.

ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިން، ގުޅިފަޅަށް ބަދަލުކުރުމަށް ހައުސިން މިނިސްޓްރީން ހުޅުވާލި އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިމަހުގެ 17 ނިޔަލަށް ހުޅުވާލި ފުރުސަތުގައި 1914 މީހުން އެކަމަށް އެދި ފޯމު ހުށައަޅާފައިވާ ކަމަށެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން ކުރިމަތިލީ އަދަދު

1250 އަކަފޫޓުގެ 193 ގޯއްޗަށް / 928 މީހުން ކުރިމަތިލި

1650 އަކަފޫޓުގެ 663 ގޯއްޗަށް / 769 މީހުން ކުރިމަތިލި

2050 އަކަފޫޓުގެ 487 ގޯއްޗަށް / 213 މީހުން ކުރިމަތިލި

2450 އަކަފޫޓުގެ 4 ގޯއްޗަށް / 3 މީހުން ކުރިމަތިލި

ހައުސިން މިނިސްޓްރީޏް ކަނޑައެޅި އަދަދަށްވުރެ މަދުން ފޯމު ހުށައަޅާފައިވާތީ، 2050 އަކަފޫޓު އަދި 2450 އަކަފޫޓުގެ ގެތައް ގުޅިފަޅަށް ބަދަލުކުރުމަށް އެދި ހުށައެޅި ހުރިހާ މީހުންގެ ގޯތި، ގުޅިފަޅަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ 1250 އަކަފޫޓު އަދި 1650 އަކަފޫޓުގެ ކެޓަގަރީން، ކަނޑައެޅި އަދަދަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިކަމަށެވެ. މިދެކެޓަގަރީން ހުޅުވާލީ ޖުމްލަ 856 ފުރުސަތު ނަމަވެސް އިތުރަށް 841 މީހުން ފޯމު ހުށައެޅި ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެހެންކަމުން މި ދެ ކެޓަގަރީން ފޯމު ހުށައެޅި މީހުންގެ ތެރެއިން، ގުޅިފަޅަށް ގޯތި ބަދަލުކުރެވޭ މީހުން ކަނޑައަޅާނީ އެކަމަށް ނަގާ ގުރުއަތަކުން ކަމަށްވެސް އެމިނިސްޓްރީން ބުނެ އެވެ. ގުރުއަތު ނެގުން އޮންނާނެ ތާރީހެއް ހައުސިން މިނިސްޓްރީން އިއުލާނު ކުރާނެ އެވެ.ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށައެޅި މީހުންގެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، މޭމަހުގެ 1ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ކުރިން ހައުސިން މިނިސްޓްރީއަށް ހުށައެޅުމަށްވެސް ވަނީ ހުޅުވާލާފަ އެވެ.

ކުރީ ސަރުކާރުން ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް ނިންމާ އޭގެ ލިޔުން ހަވާލުކޮށްފައިވެ އެވެ. ނަމަވެސް އެއަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން، މި ސަރުކާރުންވަނީ 1374 ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ދީފަ އެވެ.

ގުޅިފަޅުން ހިއްކާފައިވަނީ 160 ހެކްޓަރުގެ ބިމެވެ. އެ ފަޅުގައި ބާކީ އޮތް 85 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން މިހާރު ވަނީ އެކަމާ ގުޅޭ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރައްވާފަ އެވެ.




More from Hurihaa.mv