ޑީ ހެވިލަންޑް އިން އޭޝިއާގައި އެންޑޯސްކުރި ފުރަތަމަ އެއާލައިންގެ ގޮތުގައި ޓީއެމްއޭ

Tue, 07 May 2024 06:43 PM

View on this article on Hurihaa.mv

ޑީ ހެވިލަންޑް އިން އޭޝިއާގައި އެންޑޯސްކުރި ފުރަތަމަ އެއާލައިންގެ ގޮތުގައި ޓީއެމްއޭ

ކެނެޑާގެ ޑީ ހެވިލަންޑް އިން އޭޝިއާގައި އެންޑޯސްކުރި ފުރަތަމަ އެއާލައިންގެ ގޮތުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ހިމެނިއްޖެ އެވެ.



ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭ އަށް އެންޑޯސްމަންޓްގެ ސެޓްފިކެޓް ދިން ކުންފުންޏަކީ ޓްވިން އޮޓާ މަތިންދާބޯޓު އުފައްދާ ކުންފުންޏެވެ.

ޓީއެމްއޭ އިން ބުނީ މި އެންޑޯސްމަންޓު ޑީއެޗްސީ އިން ދިނީ މެއިންޓެނެންސް، ރިޕެއާ އެންޑް އޯވަހޯލް (އެމްއާރުއޯ) އެ ކުންފުނީގެ ސާވިސް ސެންޓަރުގެ ގޮތުގައި ބޭނުންކުރާ ފެސިލިޓީއަށް ކަމަށެވެ. ޓީއެމްއޭ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޑި ހެވިލަންޑުން މި ޝަރަފު ލިބުނު ފުރަތަމަ އެއާލައިނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޓީއެމްއޭގެ ހޭންގަރުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރަސްމީ އެންޑޯސްމަންޓް ހަފްލާގައި ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ އަށް އެ ޝަރަފުވެރި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑި ހެވިލަންޑްގެ ސީއީއޯ ބްރަޔަން ޗާފޭ އެވެ.

މި ރަސްމިއްޔާތުގައި ޑި ހެވިލަންޑްގެ ވެރިން ކަމަށްވާ ޝެރީ ބްރައިޑްސަން އަދި ރޮބަޓް އަދި ޓީއެމްއޭގެ ސީނިއާ މެނޭޖްމަންޓާއި މަންދޫބުން ބައިވެރިވި އެވެ.

މި ސެޓްފިކެޓް ލިބުމާ ގުޅިގެން ޓީއެމްއޭގެ ސީއީއޯ ފައުޒީ ވަނީ ޓްވިން އޮޓާ އެއާކްރާފްޓާއެކު އެ ކުންފުނިން ކުރި 30 އަހަރު ދުވަހުގެ ދިގު ދަތުރުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

ޓީއެމްއޭގެ ކާމިޔާބީއާއި ޓްވިން އޮޓާގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމާއި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ޓީއެމްއޭއަކީ ޓުވިން އޮޓާގެ އެންމެ އިސް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ފާއިތުވި އަހަރުތަކުގައި ޓްވިން އޮޓާ އިން ޓީއެމްއޭއަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޑި ހެވިލަންޑަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.

ޓީއެމްއޭގެ މެއިންޓެނެންސް، ރިޕެއާ އެންޑް އޯވަހޯލް ފެސިލިޓީގެ މުވައްޒަފުންނާއެކު ޑީ ހެވިލަންޑް އަދި ޓީއެމްއޭގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ޓީއެމްއޭ

ޑެހެވިލޭންޑް ގްރޫޕްގެ ސީއީއޯ ބްރަޔަން ޗާފޭ ވަނީ ޓީއެމްއޭ އިން ރާއްޖޭގައި ހިންގާ ޓްވިން އޮޓާ މަތިންދާބޯޓުގެ ބޮޑު އޮޕަރޭޝަނަށް ތައުރީފު ކުރައްވާފަ އެވެ. އަދި ޕީކް ގަޑިތަކުގައި ފްލައިޓްތަކުގެ ހިތްގައިމު ފްރިކުއެންސީ އާއި ޓޭކް އޮފް އަދި ލޭންޑިން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވި އެވެ.

ގާތްގަނޑަކަށް ކޮންމެ މިނެޓަކުން ވެސް، އަދި ޓީއެމްއޭ އިން ޓްވިން އޮޓާސްގައި ދެ މިލިއަން ފްލައިޓް ސައިކަލް ފުރިހަމަކުރުމަކީ، މިއީ ކާމިޔާބީއެއް ކަމަށާއި ދުނިޔޭގެ އެހެން ތަނަކުން ދުވަހަކު ވެސް މިފަދަ ކަމެއް ނުފެންނަ ކަމަށް ބްރަޔަން ވިދާޅުވި އެވެ.

ޓީއެމްއޭއަކީ ދުނިޔޭގެ ފެންވަރުގައި ޓްވިން އޮޓާ އެއާކްރާފްޓްގެ މޭޖާ މެއިންޓަނަންސް ހިންގާ އެންމެ ބޮޑު އެމްއާރުއޯ ފެސިލިޓީ ހުންނަ އެއާލައިނެވެ. މިގޮތުން އެއާކްރާފްޓް ރީ-ލައިފް، ފުލް ވިންގް ރީ-ލައިފް، ފުލް އެއާކްރާފްޓް ރީ-ވަޔަރިން، އެވިއޮނިކްސް އެންޑް ކޮކްޕިޓް އަޕްގްރޭޑް، ކެބިން މޮޑިފިކޭޝަންސް، ރިފާބިޝްއިންޓީރިއާ، އަދި އިންޓީރިއާ ސްޓޭންޑަރައިޒޭޝަން ހިމެނެ އެވެ. މީގެ އިތުރުން މީގެ އިތުރުން ޓީއެމްއޭގެ އެމްއާރުއޯ ފެސިލިޓީގައި ވެސް ކޮލިޓީ އަދި އެފިޝަންސީ ކަށަވަރުކުރަން ގިނަ ވޯކްޝޮޕްތައް ހުރެ އެވެ.

ޓްވިން އޮޓާ އެއާކްރާފްޓް އެކި މޮޑެލްތަކަށް ހިދުމަތް ދިނުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުނީގައި މެއިންޓެނެންސްގައި މަސައްކަތްކުރަން 300 އަށް ވުރެ ގިނަ މީހުން ހިމެނޭ ހާއްސަ ޓީމެއް ހަރަކާތްތެރިވެ އެވެ. އެގޮތުން އެއާކްރާފްޓް މެއިންޓެނެންސްގެ ދާއިރާއިން ދިވެހި ހުނަރު ވެރިކަން އުފައްދައި، ގިނަ އަދަދެއްގެ ދިވެހި ޓެކްނީޝަނުންނާއި އިންޖިނިއަރުން އެ ކުންފުނީގެ އިސް މަގާމުތައް އަދާކުރަމުން އަންނަކަން ޓީއެމްއޭއިން ފާހަގަކުރެ އެވެ.




More from Hurihaa.mv