ފާޑުކިޔުން ބޮޑުވުމުން ލަންކާ އިން ވިސާ ފީ ކުޑަކޮށްފި

Tue, 07 May 2024 04:53 PM

View on this article on Hurihaa.mv

ފާޑުކިޔުން ބޮޑުވުމުން ލަންކާ އިން ވިސާ ފީ ކުޑަކޮށްފި

ކޮލަމްބޯ (މެއި 7)- ސްރީ ލަންކާ އިން ވިސާ ފީ ޑަބަލް ބޮޑުކުރުމުން އެތައް ބައެއްގެ ފާޑުކިޔުމާއި ޕްރެޝަރާ ހެދި ފީ ކުޑަކޮށްފި އެވެ.



ވިސާ ފީގެ ގޮތުގައި ކުރިން ނެގި 50 ޑޮލަރުގެ ބަދަލުގައި ކުއްލި އަކަށް އެ އަގު 100 ޑޮލަރަށް ބަދަލު ކުރުމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތަކާއި އާއްމުންގެ އެތައް ބަޔަކު ވަނީ ސަރުކާރަށް ފާޑު ކިޔަން ފަށައިފަ އެވެ. ޓުއާ އެޖެންސީތަކުން ބުނަމުން ދިޔައީ ވިސާ ފީ ބޮޑު ކުރުމަކީ އެ ގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުން މާޔޫސް ކުރުވާނެ ކަމެއް ކަމަށެވެ.

ގްލޯބަލް ވިސާ ފެސިލިޓޭޝަން ކުންފުންޏެއް ކަމަށްވާ ވީއެފްއެސް ގްލޯބަލްގެ ބަދަލުގައި ލަންކާ އެއާޕޯޓުގައި ވިސާގެ ކަންކަން ދެން ބަލަހައްޓާނީ ސްރީ ލަންކާ އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާޓްމަންޓުން ކަމުގައި ވެސް އެ ގައުމުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ވީއެފްއެސް ގްލޯބަލް އިން ދިޔައީ ސާވިސް އެންޑް ފެސިލިޓޭޝަން ފީއެއްގެ ގޮތުގައި، އެޕްރީލް 17 އިން ފެށިގެން، އިތުރަށް 25 ޑޮލަރު ނަގަމުންނެވެ. މި މައްސަލަ ބޮޑުވީ ބަންޑާރަނައިކަ އެއާޕޯޓުގައި އެޕްރީލް 30 ވަނަ ދުވަހު ކިޔޫތައް ދިގުވެ ވިސާ ޕްރޮސެސް ކުރަން އެތައް ވަގުތެއް ހޭދަވުމާ ގުޅިގެން އާއްމުންގެ ނުރުހުން އަމާޒުވާން ފެށުމުންނެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވިސާ ފީ ބޮޑުކުރީ އޭނާގެ މިނިސްޓްރީން ނޫން ކަމަށާއި އެކަން ކުރީ ނޭޝަނަލް ސެކިއުރިޓީ މިނިސްޓްރީން ކަމަށެވެ. އަދި އޭނާ ދެކޭ ގޮތުގައި ދަތުރުފަތުރު ވާން ޖެހޭނީ ޓޫރިސްޓުންނަށް ލުއި ފަސޭހަ ގޮތެއްގައި އިންތިޒާމް ކުރެވޭ ކަމަކަށެވެ.




More from Hurihaa.mv