ދާއިރާގެ ރައްޔިތުންގެ ވޯޓުން މެންބަރު ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

Tue, 07 May 2024 05:15 PM

View on this article on Hurihaa.mv

ދާއިރާގެ ރައްޔިތުންގެ ވޯޓުން މެންބަރު ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބު ކުރި ދާއިރާގެ މެންބަރުކަމުގައި ބަހައްޓަން ނުފެންނަ ކަމަށް، އެ ދާއިރާއެއްގެ މެންބަރުންގެ ވަކި އަދަދަކުން ނިންމަފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު އިއްޔެ އަނބުރާ ގެންގޮސްފި އެވެ.



މި މަހު 15 ގައި ނިމޭ 19 ވަނަ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ހުށަހަޅާފައި ވަނީ މެންބަރަކު މަގާމުން ވަކިކުރަން އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި ޕަސެންޓެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކި ކުރަން އެ ދާއިރާގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރު ކަމުން ވަކިވާނެ ކަމަށެވެ. މީގެ ތެރޭގައި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ވިޔަސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

ހަސަންގެ މި އިސްލާހު އަނބުރާ ގެންދެވި އިރު މަޖލީހުން ވަނީ މެންބަރުން ޕާޓީ ބަދަލުކުރުމުން އަދި އިންތިހާބުވާ ފަރާތުން ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭނެ ގޮތަށް އެމްޑީޕީން ހުށަހެޅި އެންޓި-ޑިފެކްޝަން ބިލް ފާސްކޮށްފަ އެވެ.

ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކި ކުރެވޭނެ ގޮތެއް މިހާރުގެ ގާނޫނުއަސާސީގައި ނޯވެ އެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރެއްގެ މަގާމު ގެއްލޭނެ ހާލަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރަންޏެއް ސާބިތުވެ އެ ގަވައިދުން ދައްކަމުން ނުދިޔުމާއި 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ކުށެއްގެ އަދަބު ސާބިތުވުމެވެ.




More from Hurihaa.mv