ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ސްޕީޑް އަވަސް ވެއްޖެ

Wed, 17 Apr 2024 01:27 PM

View on this article on Hurihaa.mv

ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ސްޕީޑް އަވަސް ވެއްޖެ
މިދިޔަ ހަތަރު މަސް ތެރޭ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ހަތް އިންސައްތަ ވަނީ ނިންމާލެވިފައި.

މިދިޔަ ހަތަރު މަސް ތެރޭ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތުގެ ހަތް އިންސައްތަ ނިމިއްޖެ އެވެ.



ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް މިދިޔަ ސަރުކާރުގައި އަޅަން ފެށި ބްރިޖުގެ މަސައްކަތް މިހާރު ސްޕީޑް އަވަސް ވެއްޖެ ކަމަށެވެ. އެގޮތުން މިދިޔަ ހަތަރު މަސް ތެރޭގައި ތިލަމާލެ ބްރިޖުގެ ހަތް އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ތޮއާމް ވިދާޅުވި އެވެ.

ތޮއާމު މީގެ އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުގައި 25 މަސް ދުވަހުގެ ތެރޭގައި ނިންމާލެވިފައިވަނީ މަޝްރޫއުގެ 29 އިންސައްތަ ކަމަށެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް ހާއްސަ އިތުރު ދެ ޖެކް-އަޕް ޕްލެޓްފޯމް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަސް ނިމޭ ހިސާބުގައި އެ ދެ ޕްލެޓްފޯމް ވެސް މަސައްކަތުގެ ސައިޓަށް ފޯރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް މަސްތަކުގައި އިތުރު ވަސީލަތްތައް މޮބިލައިޒް ކުރަން ނިންމާފައިވާ ކަމަށާއި، އެއާއެކު މިހާރަށްވުރެ ވެސް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާނެ ކަމަށް ތޮއާމް ވިދާޅުވި އެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާއެކު ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16 ގައި އެ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026 އަށް ވަނީ އިތުރުކޮށްފަ އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.




More from Hurihaa.mv