އަމީރު އަމީން ސްކޫލް – ކުޅުދުއްފުށީގެ އެންމެ މުހިއްމު އެއް ބިނާ

Mon, 26 Feb 2024 12:27 PM

View on this article on Furathama

އަމީރު އަމީން ސްކޫލް – ކުޅުދުއްފުށީގެ އެންމެ މުހިއްމު އެއް ބިނާ

ކުޅުދުއްފުއްޓަކީ މާލެއިން އުތުރުގައި އޮތް އެންމެ ބޮޑު އާބާދީ ދިރިއުޅޭ ސިޓީއެވެ. އެ ސިޓީ ޚާޢްޞަވަނީ ހަމައެކަނި އާބާދީގެ ސަބަބަކުން ނޫނެވެ. އެއީ އުތުރުގެ ހަބްވެސްމެއެވެ. ހަމަ އެހެންމެ ދިވެހި ތާރީޚްގައިވެސް މުހިއްމު ސިޓީއެކެވެ. މުއްސަނދި ތާރީޚަކާއި، ޘަގާފަތެއް އޮތް ސިޓީއެކެވެ.

މި ލިޔުމުގައި ފާހަގަކޮށްލަން މިއުޅެނީ އެ ސިޓީގެ އެންމެ މުހިއްމު އެއް ބިނާގެ ވާހަކައެވެ. ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް ނުވަތަ މަދަރުސަތުލް އަމީރު އަމީންގެ ވާހަކައެކެވެ. ކުޅުދުއްފުށީ ކުރީގެ ރީޖަނަލް ހޮސްޕިޓަލްގެ ކުރިމަތީގައި، އެއިރުގެ އެންމެ އަތިރިމަތީގައި ހުރި އަމީރު އަމީން ސްކޫލަކީ ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ރާއްޖޭގައި ތަޢުލީމް ފުޅާކުރެއްވުމުގެ ގޮތުން އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ހުޅުވި 3 ސްކޫލްގެ ތެރެއިން 2 ވަނައަށް ހުޅުވުނު ސްކޫލެވެ.

ބައެއް ލިޔުންތަކުން ފެންނަން އޮތްގޮތުގައި އެ ސްކޫލް ހުޅުވުނީ 4 ޖޫން 1953 ގައެވެ. އެ ސްކޫލަށް 66 އަހަރުން ފުރުން ފާހަގަކޮށް 2019 ވަނަ އަހަރު ހިނގާލުމެއްވެސް ބާއްވާފައިވެއެވެ. ނަމަވެސް އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އެ ސްކޫލްގެ އުމުރު އެއަށްވުރެ ދޮށީވާނެކަމަށް ބެލެވެއެވެ. ކުޅުދުއްފުށީގައި އުފެދުނު ވަރުގަދަ ސަޚްސިއްޔަތެއް އަދި ޚިދުމަތްތެރިއެއް ކަމަށްވާ ހދ.ކުޅުދުއްފުށީ އެލްޕާސޯ، އަލްމަރުހޫމް މޫސާ ޢަލީ އަޅުގަނޑަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވިގޮތުގައި ތަޢުލީމް ޙާޞިލް ކުރެއްވުމަށްޓަކައި އެ ބޭފުޅާ އަމީރު އަމީން ސްކޫލަށް ވެންނެވީ އުމުރުން 10 އަހަރުގައެވެ. މޫސާ ޢަލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1938 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12ވީ އަންގާރަ ދުވަހުއެވެ. އެހެން ވީމައި، 1948 ވަނަ އަހަރުވެސް އެ ސްކޫލްގައި ކިޔަވައިދެމުން އައިސްފައިވާކަމަށް ދަލީލުކުރެއެވެ. އަދި ހަމަ އެ އިންޓަރވިއުގައި މޫސާ ޢަލީ ވިދާޅުވިގޮތުގައި ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު 1953 ވަނަ އަހަރު ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައި، ކުޅުދުއްފުށީ މަދަރުސާގެ ދަރިވަރުންގެ ތެރެއިން ކިޔަވަން މާލެދާން ބޭނުން ކުދިން ހޯއްދަވައި މާލެގެންދެވިކަމަށް ވިދާޅުވެފައިވެއެވެ.

އެ ސްކޫލް ރަޖިސްޓްރީ ކުރެވިފައިވަނީ 29 މާރޗް 1960 ގައި ނަމަވެސް، އަދި ކޮންމެ ގޮތަކަށް ގުނިނަމަވެސް އަމީރު އަމީން ސްކޫލަކީ 70 އަހަރަށްވުރެ ދޮށީ، ކުޅުދުއްފުށީ އެތަށް ދަރިންނަކަށް ތަޢުލީމްގެ ދަންމަރު ފޯރުކޮށްދިން ސްކޫލެކެވެ. އެ ސްކޫލުން ތަޢުލީމް ޙާޞިލްކުރި އެތައް ދަރިންނެއް މިއަދުވެސް އެ ސިޓީގައި އެބަ ދިރިއުޅެއެވެ. އެ ސްކޫލުން ތަޢުލީމާ ޙާޔާތް ފެށި ބައެއް ދަރިން މިއަދު ދަޢުލަތުގެ އަދި ޕްރައިވެޓް ސެކްޓަރގެ މަތީ މަޤާމްތަކުގައި އެބަ ތިއްބެވެ.

އަމީރު އަމީސް ސްކޫލަކީ ކުޅުދުއްފުށީގެ އެންމެ މުހިއްމު އެއް ބިނާކަމާ މެދަކު ޝައްކެތް ނެތެވެ. އެތަކެއް މަރާމާތަކަށްފަހުވެސް މިއަދުވެސް އެ އިމާރާތް އެބަހުއްޓެވެ. ނަމަވެސް ދެރަކަމަކީ އެ ނަން ވަނީ އެހެން ސްކޫލަކަށް ބަދަލުކުރެވިފައެވެ. އަމީރު އަމީން ސްކޫލްގެ ނަންވަނީ 2016 ވަނަ އަހަރު އޭރުގެ ކައުންސިލުން ހިންގަމުންދިއަ އިރުމަތި އަވަށު ޕްރީސްކޫލަށް ދީފައެވެ. އިރުމަތި އަވަށު ޕްރީސްކޫލަކީ އެއަވަށު ހިންގާ ކޮމެޓީއިން ޕްރޮޕޯސަލް ލިޔެގެން ބޭރުގެ ޖަމާއަތަކުން ހޯދި އެހީގައި ކުރި އިމާރާތެކެވެ. އެ ސްކޫލްގެ ނަން ބަދަލުކުރުމުން ރައްޔިތުންގެ ކަންބޮޑުވުން ފާޅުވެސްކުރިއެވެ.

އަމީރު އަމީން ސްކޫލްވަނީ ވިލާ ކޮލެޖްގެ ކެމްޕަހެއް ހިންގުމަށްޓަކައި 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި ވިލާ ކޮލެޖަށް 25 އަހަރަށް ކުއްޔަށް ދީފައެވެ. އަމީރު އަމީން ސްކޫލްގެ ނަން އެހެން އިމާރާތަކަށް ބަދަލުކުރެވޭނެކަމަށް ކުޅުދުއްފުށީ އެއްވެސް ރައްޔިތަކު ޤަބޫލްކުރަނެކަމަށް ނުފެނެއެވެ. އެއީ އޭރުގެ ކައުންސިލުން ނިންމި ވަރަށް “ދޯހަޅި” ނިންމުމަކަށް ނޫނީ ނުވާނެއެވެ. އަމީރު އަމީން ސްކޫލްގެ ނަން އޮންނަންވާނީ އަސްލު އަމީރު އަމީން ސްކޫލްގެ އިމާރާތަށެވެ. ކޮންމެ ބަޔަކު އެތަން ބޭނުން ކުރިނަމަވެސްމެއެވެ. ވިލާ ކޮލެޖުންވެސް އެތަނަށް “ވިލާ ކޮލެޖް- އަމީރު އަމީން ކެމްޕަސް” ކިޔަން ދެކޮޅެއް ނުހަދާނެއެވެ.

The post އަމީރު އަމީން ސްކޫލް – ކުޅުދުއްފުށީގެ އެންމެ މުހިއްމު އެއް ބިނާ appeared first on Furathama.



More from Furathama