ބަދިގެ: ކަނޑު ކުކުޅު

Fri, 26 May 2023 09:47 AM

View on this article on Furathama

ބަދިގެ: ކަނޑު ކުކުޅު

ބޭނުންވާ ތަކެތި:

500 ގްރާމް ކަނޑުމަސް

12 ކާފޫރު ތޮޅި

2 މޭޒުމަތީ ސަމުސާ މުގުރި ދިރި

2 މޭޒުމަތީ ސަމުސާ މުގުރި ދަވިއްގަނދު

5 ލޮނުމެދު

4 ފިޔާ

2 އިންޗީގެ އިނގުރު ކޮޅެއް

26 ހިކި މިރުސް (ކުޅިރަހަ ހެޔޮވަރު ވާވަރަށް)

5 ހިކަނދިފަތް

½ ސައިސަމުސާ ރީނދޫ

5 އިންޗީގެ ރާނބާފަތްކޮޅެއް

3 އިންޗީގެ ފޮނިތޮށި ކޮޅެއް

1 ޖޯޑު ފެންކިރު

½ ޖޯޑު ބޯކިރު

1/3  ޖޯޑު ހުނި

2 މޭޒުމަތީ ސަމުސާ ތެޔޮ

1 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

2/3 ޖޯޑު ފެން

ހަވާދުގަނޑު ހަދާނެގޮތް

2 ފިޔާ، 3 ލޮނުމެދު އަދި އިނގުރުކޮޅު ކުޑަކޮށް ކޮށާލުމަށް ފަހު މިކްސަރަށް އަޅާށެވެ.

ހުނި، ލޮނު، ދަވިއްގަނދު، ދިރި، 8 ކާފޫރު ތޮޅީގެ އޮށް، 3 ހިކަނދިފަތް، ރީނދޫ، ހިކިމިރުސް، އަދި ކުޑަ ފޮނިތޮށިކޮޅެއް ވެސް މިކްސަރަށް އަޅާ ޕޭސްޓްގަނޑެއް ހަދާށެވެ.

ރިހަ ކެއްކުމަށްޓަކާއި މަސްތައް ތައްޔާރު ކުރާނެ ގޮތް:

މަސްތައް 3 އިންޗީގެ ބުރި ބުރިއަށް ފުރަތަމަ ކޮށާށެވެ. ދެން ކޮންމެ ބުރިއެއް ފޮތި ފޮތި ކޮށްލާނީ އެވެ. އެތެރެއަށް ހަވާދު އަޅާފައި އޮޅާލެވޭނެ ކަހަލަ ބޯމިނެއްގައެވެ.

ރާނބާ ފަތް ހިމަދިގުކޮށް ކަފާލާށެވެ. ރާނބާފަތްކޮޅު ބޭނުން ކުރާނީ ހަވާދު އެތެރެއަށްލާފައި މަސްކޮޅު އައްސާލާށެވެ.

މަސް ފޮއްޗެއްގެ އެއް ކޮޅަށް ކުރިން ތައްޔާރުކުރި ހަވާދުގެ ސައިސަމުސަލެއްހާ އެތިކޮޅެއް އެޅުމަށްފަހު މަސްފޮތި އޮޅާލާށެވެ.

އޮޅާލުމަށްފަހު ރާނބާފަތުން ރަނގަޅަށް އައްސާލާށެވެ. ބޭނުމިއްޔާ އިތުރު ހިފެހެއްޓުމަކަށް ޓޫތުޕިކް ފަދަ އެއްޗެއްވެސް ބޭނުން ކުރެވިދާނެއެވެ.

ރިހަ ކައްކާނެގޮތް

ބާކީ އޮތް ފިޔާ އަދި ލޮނުމެދު ތުނިކޮށް ކޮށާލާށެވެ.

ބޮޑު ތެއްޔެއްގައި ތެޔޮ ކޮޅު ހޫނުކުރާށެވެ.

ތެޔޮ ކޮޅު ހޫނުވުމުން ފިޔާ، ބާކީހުރި ހިކަނދިފަތް، ކާފޫރުތޮޅި އަދި ފޮނިތޮށިކޮޅު ތެޔޮގަނޑުގެ ތެރެއަށް އަޅާލާފައި ފިޔާތަށް ރަތްވާން ފަށަންދެން ކައްކާށެވެ. ފިޔާކޮޅު ރަތްވާން ފެށުމުން ލޮނުމެދުކޮޅު އަޅާލާފައި އެ މަޑުވެލަންދެއް ކައްކާލާށެވެ.

ތެލީގައި ހުރިތަކެތީގެ ދެބައިކުޅައެއްބައި އެހެން ތަށްޓަކަށް ނަގައި ބަހައްޓާށެވެ.

ތެއްޔަށް ދެންއަޅާނީ ފެންކިރާއި ފެނާއި މަހުގެ ތެރެއަށް އެޅުމަށްފަހު ބާކީ ހުރި ހަވާދުކޮޅެވެ. މިތަކެތި އެޅުމަށްފަހު 2 މިނެޓު ހާއިރު ކައްކާލާށެވެ.

ދެން މަޑުމަޑުން މަސްތައް ތެލިތެރޭގައި އަތުރާލާށެވެ. އަދި ގިނި މަޑުކޮށްލާށެވެ. ލޮނުކޮޅުވެސް އަޅާލާށެވެ.

މަސްތައް ރޯފިލަންދެން ކައްކާށެވެ. ރޯފިލަން 15 – 20 މިނެޓް ނަގާފާނެއެވެ. އެއްގޮތަކަށްވެސް ތެއްޔަށް ދޭފަތެއްކަހަލަ އެއްޗެއް ލައިގެން ނުހަލާށެވެ. ބޭނުމިއްޔާ ތެލި ހިއްލާލާފައި ދެކޮޅަށް ދެކޮޅަށް ހަލުވާލެވިދާނެއެވެ.

ދެން ބޯކިރުކޮޅު އަޅާލާފައި އެއްކޮށްލުމަށްޓަކައި ތެލި އުފުލައި ހަލުވާލާށެވެ. މީރުކުރުމަށްފަހު ތަށްޓަކަށްނެގި ފިޔާކޮޅުވެސް ތެއްޔަށް އަޅާލުމަށްފަހު އަނެއްކާވެސް އެއްކޮށްލުމަށްޓަކާއި ތެލި ހަލުވާލާށެވެ.



More from Furathama