ވަރިއަށް އެދި ކޯޓަށްދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ހދ.އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

Fri, 26 May 2023 09:34 AM

View on this article on Furathama

ވަރިއަށް އެދި ކޯޓަށްދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ހދ.އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާގޮތުގައި އަލްއުސްތާޛު ޢަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ރޭ ބޭއްވުނު އެކޮމިޝަންގެ ކުއްލި ޖަލްސާގައި ވަނީ ނިންމާފައެވެ.

އެ ކޮމިޝަނުން ތަޙްޤީޤް ކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، އެކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން އޭނާ ސަސްޕެންޑް ކޮށްފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

މައްސަލަތަކާ ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ މީހުންނާ ކޯޓުން ބޭރުގައި ފަނޑިޔާރުން މުއާމަލާތް ކުރުމަކީ މަނާ ކަމެކެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ޢަލީ އާދަމް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްތެރޭ ހުންނަވަނިކޮށް މި މަހުގެ 22 ވަނަ ދުވަހު މަރުގެ އިންޒާރުދިން މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޢަލީ އާދަމަށް އިންޒާރު ދީފައިވަނީ ވަރިވާން ކުޅުދުއްފުށީ ކޯޓަށް ދިޔަ އަންހެން މީހާގެ ފިރިމީހާއެވެ.

މީގެ ކުރިންވެސް އޭނާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އިން ބަލާފައިވެއެވެ. އޭގެތެރޭގައި ޖަމިއްޔާއެއް އުފައްދައި ރަޖިސްޓްރީކޮށް، އޭނާގެ ގޭގައި އެޖަމްޢިއްޔާގެ ނަންބޯޑު ހަރުކޮށްގެން އޮފީސް ހަދައިގެން ހިންގުމާއި، ޝަރީޢަތުގެ މަޖިލީހުގައި އިންނަވައިގެން އަމިއްލަ ސެލްފީ އަދި ފޮޓޯ ނަގައި އޭނާގެ ފޭސްބުކް އެކައުންޓް ޕްރޮފައިލްއަށް ލުން ހިމެނެއެވެ.

The post ވަރިއަށް އެދި ކޯޓަށްދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ހދ.އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި appeared first on Furathama.



More from Furathama