މަކުނުދޫ ގެއެއް އަނދައި ހުލިވެއްޖެ

Thu, 25 May 2023 10:01 PM

View on this article on Furathama

މަކުނުދޫ ގެއެއް އަނދައި ހުލިވެއްޖެ

ހދ.މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ، ގެ އަނދައި ހުލިވެއްޖެއެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް “ފުރަތަމަ” ވިދާޅުވިގޮތުގައި އެ ގޭގައި އަލިފާން ރޯވީ މިރޭ 8 ޖަހާކަށްހާއިރު ކަމަށާއި، ގޭގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުން އިރު، 3 ކޮޓަރީގެ އެ ގޭގޭ ފާރުތައްވެސް ވެއްޓިފައިވާކަމަށެވެ.

ދެމަފިރިއަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްގެ އިތުރުން ކުޑަކުއްޖަކާއެކު ޖުމްލަ 4 މީހުން އެ ގޭގައި ދިރިއުޅެއެވެ. އެ އެންމެން ވެސް އަނިޔާއެއް ނުލިބި ރައްކާތެރިކަމާއެކު އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށް އައުޒަމް ވިދާޅުވިއެވެ.

އަލިފާން ނިވުމުގެ މަސައްކަތުގައި މަކުނުދޫގެ މުއައްސަސާތަކާއި ރައްޔިތުންނާއި އެރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތަށް ގޮސްތިބި މީހުން ވަނީ ބައިވެރިވެފައެވެ. ނަރުދަމާ ޕްރޮޖެކްޓްގައި މަސައްކަތްކުރާ މީހުން އެމީހުންގެ ޕަންޕްތައް ބޭނުންކޮށްގެން ކުރި މަސައްކަތް އައުޒަމް ފާހަގަކުރެއްވިއެވެ.

އަލްފާ ނަމަކަށް ކިޔާ އެގޭގައި އަލިފާން ރޯވާން ދިމާވި ސަބަބު އަދި ނޭނގޭކަމަށާއި، އެ ގޭ ފަރާތްތަކާ އެފަދަ އެއްވެސް ސުވާލެއް މިވަގުތު ނުކުރުމަށް ރައްޔިތުންނަށް އަންގާފައިވާނެކަމަށް އައުޒަމް ވިދާޅުވިއެވެ.



More from Furathama