އިންތިހާ ލޯބިވީމޭ! - (ފެށުން - ފުރަތަމަ ބައި)

Sat, 25 Mar 2023 04:39 PM

View on this article on Feshun.mv

އިންތިހާ ލޯބިވީމޭ! -  (ފެށުން -  ފުރަތަމަ ބައި)

 

އިންތިހާ ލޯބިވީމޭ! -  (ފެށުން -  ފުރަތަމަ ބައި)

ލިޔުނީ: ޝިޢަނަ-

 

ފަތިހުގެ ހިތްގައިމު ވަގުތެވެ. ވެރިވެފައިވާ ހަމަހިމޭންކަން ބުނެދެނީ އަމާންކަމެވެ. ފިރިމީހާ އޮތީ އަރާމު ނިންޖަކުން ނިދާފައެވެ. އެހެންނަމަވެސް މައިކާ ލޮލަކު ނިންޖެއްނެތެވެ. އޮށޯއޮވެލައިގެން އޮތީއެވެ. އެހެން އިރުކޮޅަކު އޮވެފައި މައިކާ އޭނާ ކައިރީ ގައި އޮތް އޭނާގެ ފިރިމީހާ ޝިޔާންގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތިން ފެންނަނީ މައުސޫމް ކަމެވެ. އެ މައުސޫމް ކަމުގެ ފުރަގަހުގައި ފޮރުވިފައިވީ މަކަރުވެރިކަން ފެންނާނީވެސް ފަހެ ކާކަށްހެއްޔެވެ؟ ޝިޔާންގެ މޫނަށް ގެއްލިފައި އޮތް މައިކާ ގެ ލޯ މައްޗަށް ސިފަ ވެގެން ދިޔައީ އޭނާގެ މާޒީއެވެ.

-

މުޅި ހިސާބުގައި އެއް އަޑުވެފައިވަނީ ރާޅު ޖަހާ އިރު އިވޭ ހިތްގައިމު އަޑެވެ. އާދައިގެ މަތިން މިއަދުވެސް މައިކާ އިނީ އޭނާގެ ލޯބިވެރިޔާ މަޒީން އައި އެކު އިރު އޮއްސޭ މަންޒަރު ބަލާށެވެ. އެ ދުވަސް އެއީ އެ ދެލޯބިވެރިންނަށް ވަރަށް ހާއްސަ ދުވަހެކެވެ. އެއީ އެ ދެލޯބިވެރިން އެކުގައި އުޅޭތާ އެއް އަހަރު ފުރޭ ދުވަހަށް ވާތީއެވެ. ރާޅު ޖަހާ ހިސާބުގައި ހުރެފައި އެއްގަމަށް އަރާ އަތިރި މަތީގައި ހުރި ޖޯލިފަތީގައި ދެލޯބިވެރިން އިށީނެވެ. މަޒީން މައިކާއާ ހަތަރުކަޅި ހަމަކޮއްލިއެވެ. އަދި މައިކާގެ އަތުގައި ހިފާ އެއަތަށް ބޮސް ދިނެވެ.

"މައިކާ އަށް އިނގޭތަ؟ މައިކާ އާއި އެކު ހޭދަކުރެވުނު މި އަހަރު މިއީ އަހަރެންގެ މުޅި ހަޔާތުގައިވެސް ހޭދަ ކުރެވުނު އެންމެ އުފާވެރި އަހަރު. އަހަރެން މައިކާ ދެކެ ވަރަށް ލޯބިވެ.. މިއޮއް މާސިންގާ ކަނޑަށް ވުރެވެސް އަހަރެން މައިކާދެކެ ވާ ލޯބި ފުންވާނެ. އަބަދުވެސް އެކަން ހަނދާން ބަހައްޓައްޗޭ އިނގޭ ލޯބީ.."މަޒީން ވަރަށް ލޯބިން ބުނެލިއެވެ.

"ހޫމް ވަރަށް ވަރުވެލާފަ މިހާރު ކިޔާނެ ތިހެން އެކަމް މާދަމާވެސް އަހަންނަށް ވުރެ ރީތި ކުއްޖަކު ފެންނަ އިރަށް ދާނެ އެކުއްޖެއް ކައިރިއަށް.." މައިކާ ބުނެލިއެވެ.

"ހެހެ.. ތިކަން ތިހެންވާނީވެސް މައިކާ އަށް ވުރެއް ރީތި އަންހެން ކުއްޖަކު މި ދުނިޔޭގަ އުޅޭ ނަމައޭނުން؟" މައިކާގެ ކޮލަށް ކުޅިލަމުން މަޒީން ބުނެލިއެވެ.

"ދެން ޒީން.." މައިކާ ލަދުން މޫނުގައި އަތް އަޅާލަމުން ބުނެލިއެވެ.

-

ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. މައިކާ އާއި މަޒީން ލޯބިން އުޅެމުން ދިޔައިރު ކުރިމަތީގައި އޮތް ކޮޅިގަނޑުގެ އަސަރެއް އެމީހުންނަކަށް ނުފެނެއެވެ. ފެންނަނަމަ އެމީހުން އެހާ އުފަލުގައި ނޫޅޭނެކަން ގައިމެވެ.

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. މައިކާ އާއި އޭނާގެ އެކުވެރި ޒެނީޝާ އާއި އައިޝާ އާއި ދިޔައީ އޮފީސް ކެންޓީނަށެވެ. އޯޑަރ ދީފައި އައިސް އިށީއިނދެލާފައި އާދައިގެ މަތިން އައިޝާ މޫނު ބަލާ ލޯގަނޑު ނަގާ މޫނުބަލައިލިއެވެ.

"ޕިސް ޕިސް ސާބަސް އިނގޭ އައިޝާ އަށް .. މަށާ ޒެނީއާ ވެސް މިތިބީނުން ތިވަރެއްނުވަމޭ އަޅެ. ދެން އެހެން ނޫނަސް ކާކަށް ދެއްކެން ފަހެ ތިއުޅެނީ؟ މިއަދު ހީވެ މާ ކަންތަށް ފަލަހެން." މައިކާ ބުނެލިއެވެ.

 

"ސުބުޙާނަﷲ! ހަމަ ނެނގިގެން ފަހެ ތިއެހީ؟؟؟ މިއަދު މި އޮފީހަށް އަލަށް ސޮރަކު ޖޮއިން ވީއޭނުން... ޝިޔާން ކިޔަނީ.. ދެން އެ ސޮރުގެ ރީތި ވާހަކަ ހެޔޮވާނީ ނުދެއްކިއްޔާ.. ހާދަހާއޭ ރީތީ... މާޝާ ﷲ.. އެ ސޮރު ނުހުރެޔޯ ބިޓެއްވެސް. އެހެންވެ އޭނަ ސެޓުވޭ ތޯ މިއުޅެނީ... ޒެނީއާ އާކިންއާ.. މައިކާއާ މަޒީންއާ.. މަ އެކަނި ސިންގަލްއީ.. މަވެސް ދެން ބޭނުންވާނީ ހޮޓު ބިޓެއް ދޯ؟؟ ސިންގަލް ކޮށް ހުންނަތާ 3 އަހަރޭ އަޅެ.." އައިޝާ ތުން އޫކޮއްލާފަ ބުނެލިއެވެ. ޒެނީޝާ އާއި މައިކާ ދެން އެއްޗެކޭނުބުނީ އެއީ އައިޝާ އަބަދުވެސް އަލަށް އޮފީހަށް ފިރިހެނަކު ޖޮއިން ވެއްޖެ ނަމަ އުޅޭގޮތް ކަމުގައި ވީތީއެވެ.

-

ޑިއުޓީ ނިންމާފައި އޮފީހުން ނިކުން އައިޝާ ކަންފަތަށް ހެޑްސެޓް ޖަހާލިއެވެ. އެއަށްފަހު ފޯނުން ބީޓީއެސްގެ ލަވަ "ބަޓާ"  ޖަހާލިއެވެ. އައިޝާ ހުރީ ވަރަށް ބޮޑަށް ލަވަ ތެރެއަށް ވަދެވިފައެވެ. ލަވަ ތެރެއަށް ވަދެވިފަ ހުރި ވަރުން  މީހެއްގެ ގައިގަ ޖެހިފަ ވެއްޓެން ދިޔަ އިރު ވެސް އައިޝާ އަކަށް ނޭނގުނެވެ. އެމީހަކު އައިޝާ ނުހިފެހެއްޓިނަމަ އައިޝާ ވެއްޓުނީހެވެ. އައިޝާ ނުވެއްޓުނަސް އައިޝާ ގެ ފޯނު ވެއްޓުނެވެ. އައިޝާ ފޯނު ވެއްޓުމުން އައިޝާ ގާތަށް ރުޅި އައެވެ. ހަމަ އެ ސިކުންތުގައި ފޯނު ނަގައި އެމީހެއްގެ މޫނަށް ބަލައިލީ ހަޅޭލަވައިގަންނާށެވެ. ނަމަވެސް އައިޝާ އަށް ދުލުން އެއްވިސް ބަހެއް ނުބުނެވުނެވެ. ކުރިމަތީގައި ހުރީ ޝިޔާން އެވެ. އައިޝާ ގެ ހިތް އަވަސްވިއެވެ. ދެލޯ ބޮޑުކޮށްގެން އައިޝާ އަށް ޝިޔާން އާއި ދިމާލަށް ބަލަން އޮވެވުނެވެ. ޝިޔާން މަޑު މަޑުން އައިޝާ ތެދުކޮށްލިއެވެ. އެވަގުތު އައިޝާ އަށް ހަމަހޭވެރިކަން ވިއެވެ. ގަތްލަދުން ތުންފަތުގައި ދަތްއަޅާލާފައި ދުވެފައި އެތަނުން ދިޔައެވެ. އައިޝާ ދިޔަ މަގަށް ބަލަން ހުރެފައި ޝިޔާން މަޑު މަޑުން ހިނގައިގަތީ އޮފީހުން ނިކުންނާށެވެ.

-

"ކޮބާ؟ އައިޝާ ވެސް ޒެނީވެސް ގޮއްސި މިހާރު.. ޒީން ކޮބާ؟" މައިކާ ވާހަކަ ދައްކަމުން ދިޔައީ މަޒީން އަށެވެ."

"ސޮރީ ލޯބީ.. ޒީން މިއަދު އޮފީސް ވަރަށް ބިޒީ އެއްޗެއް ކާލާނެ ވަގުތެއްވެސް ނުލިބުނު. ނުދެވޭނެ މިއަދަކު ގެއަށް ލާކަށް ސޯ ސޯ ސޯ ސޮރީ ލޯބީ.." މަޒީން ބުނެލިއެވެ.

"އެ އޯކޭ ވާނެ.. ދެން މައިކާ ގޮސްދާނަން ހިނގާލާފަ.. ދެން އަބަދު ސައިކް ގަ އުޅެނެ ވިއްޔާ ފަލަ ވެފާނެ.. ހެހެ." މައިކާ ބުނެލިއެވެ.

"ހެހެ ހޫމް.. މިސް ޔޫ ލަވް. އެންޑް ލަވް ޔޫ ސޯ މަޗް ޕްރިންސެސް" މަޒީން ލޯބިން ފުރިގެންވަ ރާގަކަށް ބުނެލިއެވެ.

"މިސް ޔޫ މޯރ އެންޑް ލަވް ޔޫ މޯރ" މައިކާ އެހެން ބުނެލުމަށް ފަހު ފޯނު ބޭވިއެވެ. އަދި ގެއާ ދިމާލަށް ދާން ހިނގައިގަތެވެ.

 

އޮފީހުން ނިކުމެގެން އައި ޝިޔާންގެ ފިޔަވަޅު ތަކަށް ހުއްޓުމެއް އައެވެ. ފެނުނު މަންޒަރުން ހިތުގެ ވިންދު އަވަސްވެ ނޭވާ އަވަސް ވިއެވެ. ކަޅި ޖަހާނުލާ އެދިމާލައަށް ބަލަން ހުރުމައްފަހު މަޑު މަޑުން އެދިމާލައް ދާން ހިނގައިގަތެވެ.

 

=ނުނިމޭ=

ދެވަނަ ބައި: އަންނަ ހުކުރުދުވަހު – އިންޝާﷲ

 

ނޯޓް: މިއީ ސުކޫލް ދަރިވަރެއްގެ ލިޔުމެކެވެ. ބޭނުންވަނީ ފުރުސަތުތަކެއްގެ ތެރެއިން ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ. - މނޚ



More from Feshun.mv