ރިޔާސީ އިންތިޚާބުގައި ރައީސް ޞޯލިހަށް ބައިއަތުހިފަން އެމްޑީއޭއިން ނިންމައިފި

Fri, 24 Feb 2023 08:33 PM

View on this article on Feshun.mv

ރިޔާސީ އިންތިޚާބުގައި ރައީސް ޞޯލިހަށް ބައިއަތުހިފަން އެމްޑީއޭއިން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞޯލިހަށް ބައިއަތުހިފަން އެމްޑީއޭ ނިންމައިފިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިފަދަ ނިންމުމެއް މިއަދު ނިންމިއިރު، ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވަނީ އަންްނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެމްޑީޕީއާއެކު ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރުމަށް އެމްޑީއޭއިން ނިންމިއިރު، އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމް އަދި ޕީއެންސީއިންވެސް އެ އާޕީއާއެކު ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅުކޮށް މަޝްވަރާކޮށްފައިވެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރިން ނިންމެވި ނަމަވެސް ފަހުން އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދު ވަނީ އިންތިޚާބުގައި ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެ، މި އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވާފައެވެ.

އެމްޑީއޭއިން މިއަދު ވިދާޅުވީ، ދިވެހިރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ދިވެހި ރާއްޖޭގެ ޕޮލިޓިކަލް ސްޓެބިލިޓީ ޤާއިމުކުރުމަށްޓަކައި އެމްޑީއޭގެ ކައުންސިލުން މިއަދު ނިންމާފައިވަނީ ރައީސް ޝޯލިޙަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ކަމަށެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ރައީސް ޞޯލިޙް އަދި ރައީސް ޔާމީންއެވެ. އަދާލަތު ޕާޓީއާއި އެމްޑީއޭއިން ރައީސް ޞޯލިޙަށް ތާއީދުކުރަން ނިންމާފައިވާއިރު، ޖުމްހޫރީޕާޓީ އަދި އެމްއާރުއެމްއިން މިކަމުގައި އަދި ވަކިގޮތެއް ނިންމާފައި ނުވެއެވެ.



More from Feshun.mv