ޔާމީންގެ ކެންޑިޑޭޓަކަށް އެމްޑީޕީން ތާއިދުކޮށްފި

Wed, 17 Apr 2024 04:11 PM

View on this article on Dhen.mv

ޔާމީންގެ ކެންޑިޑޭޓަކަށް އެމްޑީޕީން ތާއިދުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރާ މުހައްމަދު ޝަރަފުއްދީން އަށް ތާއިދުކުރަން އިދިކޮޅު އެމްޑީޕީން މިއަދު ނިންމައިފިއެވެ.



ޕީޕީަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ރަޖިސްޓްރީ ވެފައި ނުވާތީ ޝަރަފް ވާދަކުރަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ފުވައްމުލަކު އުތުރު ދާއިރާއަކީ އެމްޑީީޕީން ވާދަނުކުރާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއެވެ.

އެމްޑީޕީން ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ އެ ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ޝަރަފުއްދީން އަށް ވޯޓު ދޭން އެދިފައެވެ.

މި އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެއެވެ. ނަމަވެސް ބައެއް ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ބައެއް  ކެންޑިޑޭޓުން ވަނީ އެހެން ކެންޑިޑޭޓުންނަށް ތާއިދުކޮށްފައެވެ. އެކަމަކު އެ ކެންޑިޑޭޓުންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެއެވެ.

ވޯޓުލުމުގެ ހައްގު ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

 



More from Dhen.mv