ވޯޓަށް ނުފޫޒު ފޯރުވާ ކަންތައްތަކެއް ކޮށްފައިވޭ: ޓްރާންސްޕޭރެންސީ

Mon, 22 Apr 2024 10:59 AM

View on this article on Dhen.mv

ވޯޓަށް ނުފޫޒު ފޯރުވާ ކަންތައްތަކެއް ކޮށްފައިވޭ: ޓްރާންސްޕޭރެންސީ

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ވޯޓަށް ނުފޫޒު ފޯރުވާ ކަންތައްތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށާއި، އެކަމާއިމެދު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.



Ads by MWSC

20ވަނަ މަޖިލިސް އިންތިހާބު ނިންމާލުމަށްފަހު، އެ ޖަމުއިއްޔާއިން ރޭ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އިންތިހާބުގެ އިދާރީ އިންތިޒާމްތައް ރަނގަޅު ކަމަށެވެ. ނަމަވެސް، އިންތިހާބަށް ކެމްޕޭން ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، ކެމްޕޭނާއި ގުޅުވައިގެން ސަރުކާރުގެ ތަފާތު މަޝްރޫއުތައް އިފްތިތާހު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ، އެފަދަ ކަންކަން ވޯޓު ލާން ފެށުމުގެ 48 ގަޑިއިރު ކުރިން ވެސް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން، 680 މިލިއަން ރުފިޔާގެ 6 ތަރައްގީގެ މަޝްރޫއުއެއް ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާރުތަކުގެ މައުލޫމާތު ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި، ސަރުކާރުގެ ވުޒާރާތަކުން މީސްމީޑިއާގައި ހިއްސާކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

ވޯޓަށް ނުފޫޒު ފޯރާނެ ފަދަ ކަންތައްތަކެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ އެކި ވުޒާރާތަކުން ކޮށްފައިވާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވާއިރު، ސަރުކާރުން ވަނީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި އެމްޓީސީސީއާ އެތައް މަޝްރޫއުއެއް ހަވާލުކޮށްފައެވެ. އޭގެތެރޭގައި، ށ. ކޮމަންޑޫ، ށ. ބިލެއްފަހި، . މިލަންދޫ އަދި ތ. ގުރައިދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެއެވެ. މީގެއިތުރުން، ތ. ވިލުފުށި އަދި ހއ. ދިއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.

މަޖިލިސް އިންތިހާބަށް ހަތަރު ދުވަހަށް ވެފައިވަނިކޮށް ރަށްރަށުގެ އިދާރީ ދާއިރާތަކަށް އިސްލާހު ގެނައުން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"އިދާރި ސަރަހައްދުތަކަށް އިސްލާހު ގެނައުމާއި، ތަފާތު ފަޅުތަކާއި ފަޅު ރަށްތަކެއް ތިން ކައުންސިލެއްގެ އިހުތިސާސް ބަދަލުކުރުމަށް ސަރުކާރުން އިއުލާނުކުރުމުގެ އިތުރުން މިއަދު ވޯޓުލުން ކުރިއަށް ދިޔައިރުވެސް، ވޯޓުލާ ދުވަހުވެސް ދެ ކައުންސިލެއްގެ އިހުތިސާސް ބަދަލުކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ ގަރާރެއް ގެޒެޓްކުރުން،"

އިއްޔެ ގެޒެޓް ކުރެވުނު ގަރާރުން އއ ''މާފަޅު'' ފަޅުން ތޮއްޑޫ އަދި ރަސްދޫއަށް  200 ހެކްޓަރުގެ ސަރަހައްދު އިތުރު ކޮށް އެއީ އެ ދެ ރަށުގެ ބައެއް ކަމުގައި ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ. އެ ގަރާރުގައި ރައީސް ނިންމަވާފައިވަނީ އެ ފަޅުގެ އިރުމަތިން 200 ހެކްޓަރު ތޮއްޑޫގެ އިހުތިސާސުގެ ތެރޭގައި ހިމެނުއްވުމަށެވެ. އަދި އެއާ ޖެހިގެން އޮތް 200 ހެކްޓަރުގެ ބިން ރަސްދޫގެ އިހުތިސާސުގެ ތެރެއަށް އިތުރުކުރެއްވުމަށް ރައީސްގެ ގަރާރުގައި ނިންމާފައިވެއެވެ.

އިތުރަށް ޓްރާންސްޕޭރެންސީއިން ބުނީ ވޯޓުލުން ފެށެން 20 ގަޑިއިރަށް ވެފައިވަނިކޮށް، ކުރީ ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ގެދޮރުވެރިކަމުން މަހުރޫމް ކުރެވިފައިވާ ފަރާތްތަކަށް ގެދޮރުވެރިކަމާއި ހައުސިންގް ލޯންތައް ހޯދައިދޭނެ ކަމަށް ހައުސިންގް މިނިސްޓްރީއިން ބުނެފައިވާ ކަމަށެވެ.

ވޯޓު ލުމާއި ކައިރިކޮށް މިފަދަ ކަންކަން އިއުލާންކޮށް، އިފްތިތާހު ކުރުމަކީ ވޯޓުލާ ފަރާތްތަކަށް ނުފޫޒު ފޯރުވައި، ކެނޑިޑޭޓުން ހިޔާރުކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ވޯޓު ގަނެވިއްކުން އާންމުވެފައިވާ ކަމަށާއި، އެކަން މޮނިޓަރކޮށް، ފުރިހަމަ ތަހުގީގެއް ކުރިއަށް ނުގެންދެެވުމާއި ގުޅުންހުރި ގާނޫނުތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ އެފަދަ ކުށްތައް ހުއްޓުވުމަށް ހުރި ގޮންޖެހުމެއްގެ ގޮތުގައި އެ ޖައިއްޔާއިން ސިފަކޮށްފައިވެއެވެ.

މިފަދަ ކަންކަމާއި، ވޯޓު ގަތުން ފަދަ އިންތިހާބީ ކުށްތަކަށް ފާރަވެރިވެ، އެ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ޒިންމާދާރުކުރެވޭނެ ހަރުދަނާ ނިޒާމެއް ގެނައުމަށް ދިވެހި ފުލުހުންނަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ ޖަމުއިއްޔާއިން ގޮވާލައިފައިވެއެވެ.



More from Dhen.mv