ރައީސްގެ ތުހުމަތެއް: ސޯލިހް މަސައްކަތްކުރީ ބޭރު ސަފީރުގެ އޯޑަރަށް!

Fri, 29 Mar 2024 02:01 PM

View on this article on Dhen.mv

ރައީސްގެ ތުހުމަތެއް: ސޯލިހް މަސައްކަތްކުރީ ބޭރު ސަފީރުގެ އޯޑަރަށް!

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހްގެ ވެރިކަމުގައި އެ މަނިކުފާނު މަސައްކަތް ކުރެއްވީ ރާއްޖޭގައި ހުންނެވި ބޭރުގެ ސަފީރަކު ދެއްވާ އޯޑަރާއި އެއްގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފިއެވެ.



ޕީއެސްއެމްއިންގެ އިންޓަވިއުއެއްގައި ރައީސް ވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީގެ ކުންފުންޏަކާއެކު ސަރުކާރުން ވީ އެއްބަސްވުމުގެ ދަށުން ގެނައި ޑްރޯންތައް ގަތީ އަވަސް އަރުވާލައިގެން ކަމަށާއި، އެއީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ހިންގި ޖަރީމާއެއް ގޮތަށް އިދިކޮޅު އެމްޑީޕީން ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ.

ރައީސް ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް އޮތް ނަމަވެސް އެ ބޭފުޅުންނަށް ރާއްޖޭގެ މިނިވަންކަން ހިމާޔަތް ނުކުރެވުނު ކަމަށެވެ.  ގައުމުގެ މިނިވަންކަން އޮތީ އެހެން ބަޔެއްގެ އަތް މައްޗަށް ދޫކޮށްލާފައި ކަމަށާއި، ސޯލިހް މަސައްކަތް ކުރައްވަމުން ގެންދެވީ ބޭރުގެ ސަފީރަކު ވިދާޅުވާ ގޮތަށް ކަމަށެވެ. އޭރު ދިވެހިންގެ ބަސް ނުވިކޭ ކަމަށާއި، ކުރީގެ ރައީސްގެ މައްޗަށް ސަފީރު އަމުރުކުރައްވަމުން ގެންދެވި ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ.

"ހުރިހާ މާނައެއްގައި ވެސް މިނިވަންކަން އޮތީ އަޅުގަނޑުމެންގެ އަތުން ދޫވެފައި، އިގުތިސާދީ ގޮތުން ވެސް. އެހެންވީމަ މިގޮތަށް ކަންތައްތައް ކުރިއަށްގެންގޮސްފައި ދެން އަޅުގަނޑުމެން އެކަން ރަނގަޅު ކުރުމަށް، ދިވެހީންގެ ރާއްޖެ، ދިވެހިން އެދޭ ގޮތުގައި މިސްރާބު ޖަހައި އެގޮތަށް އަޅުގަނޑުމެން މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަންކަމުގައި އެ ބޭފުޅުން ބަލައެއް ނުގަންނާނެ އެކަންކަމެއް،" ގައުމުގެ މިނިވަންކަން ގަސްތުގައި އެހެން ބައެއްގެ އަތްމައްޗަށް ސޯލިހް ދޫކޮށްލެއްވީ ކަމަށް ތުހުމަތު ކުރައްވާ ރައީސް ވިދާޅުވިއެވެ.

ޑްރޯންތަކުގެ އަގާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ، އަސްކަރީ އެފަދަ މަސައްކަތްތަކުގެ ތަފުސީލު އެއްވެސް ގައުމަކުން އިއުލާން ނުކުރާނެ ކަމަށާއި، ގައުމުދެކެ ލޯބިވާ ކޮންމެ މީހަކަށްވެސް އެފަދަ މައުލޫމާތު އާންމުނުކުރާނެކަން އެނގޭނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ކަންކަން ސިއްރުނުކޮށް ހާމަކުރުމަކީ ތާއިދުކުރައްވާ ކަމެއް ކަމަށާއި، ނަމަވެސް މިކަމަކީ، ގައުމީ ސަލާމަތަށް މުހިންމު ކަމަކަށްވާތީ ބޮޑަށް ބަރޯސާ ވެވޭނީ ޗީފް އޮފް ޑިފެންސް ފޯސް އަދި ޖެނެރަލުން ވިދާޅުވާ ވާހަކަފުޅުތަކަށްކަމަށެވެ.  އެހެންވީމަ އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރަމުން ގެންދާނެ ކަމަށެވެ.



More from Dhen.mv