ޔާމީންގެ ކެންޑިޑޭޓް ނިޝާން، ސަރުކާރަށް ތާއިދުކޮށް ފަސްގަޑިއިރު ނުވެ އެމްޑީޕީއަށް ތާއިދުކޮށްފި

Fri, 29 Mar 2024 01:23 PM

View on this article on Dhen.mv

ޔާމީންގެ ކެންޑިޑޭޓް ނިޝާން، ސަރުކާރަށް ތާއިދުކޮށް ފަސްގަޑިއިރު ނުވެ އެމްޑީޕީއަށް ތާއިދުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަން މަސައްކަތް ކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (ނިޝާން) އިދިކޮޅު އެމްޑީޕީއަށް ތާއިދުކޮށްފިއެވެ.



Ads by STELCO

އިއްޔެ ރައީސް ޑރ މުހައްމަދު މުއިއްޒު ހެންވޭރު ދާއިރާގައި ޑޯޓުޑޯ އަށް ހިންގެވި ހަރަކާތުގައި ނިޝާން ވަނީ އޭނާގެ ތާއިދު އޮތީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހުސައިން އިމްރާން ލަތީފް (އިންމު) އަށްކަން ހާމަކުރައްވާފައެވެ. ރައީސްއާ އެކު ފޮޓޯވެސް ނަންގަވާފައެވެ.

އެކަމަކު އޭގެ ފަހުން ފަސް ގަޑިއިރުވެސް ނުވަނީސް ސަރުކާރަށް ކުރި ތާއިދު ނިޝާން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަން އެމްޑީޕީން ވަނީ ޔަގީންވެސް ކޮށްދީފައެވެ.

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހު (އައިކޮ) އެ ދާއިރާއަށް ވާދަކުރައްވައެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ.

މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެއެވެ.

މަޖިލީހުގެ އިންތިހާބު ބާއްވަން އަންނަ މަހުގެ 21 ވަނަ ދުވަސް އަދި 22 ވަނަ ދުވަހު ސަރުކާރު ބަންދުވާނެއެވެ. ވޯޓުލުން ކުރިއަށްދާނީ 21 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައެވެ.

ދާއިމީ ނަތިއްޖާ އިއުލާން ކުރާނީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.



More from Dhen.mv