ރޮޒައިނާ އީވާ އަށާއި ރައީސް ނަޝީދަށް: ރާވައިގެން ތިދެބޭފުޅުން ހިންގާ ހުތުރު ޖަރީމާ އެހެންމީހުން ބޮލުގަނާޅުވާ

Thu, 08 Jun 2023 08:04 PM

View on this article on Dhen.mv

ރޮޒައިނާ އީވާ އަށާއި ރައީސް ނަޝީދަށް: ރާވައިގެން ތިދެބޭފުޅުން ހިންގާ ހުތުރު ޖަރީމާ އެހެންމީހުން ބޮލުގަނާޅުވާ

ޖަރީމާ ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގުޅިގެން ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބަށް ތިން މަސް ވެފައި އޮއްވާ ސަރުކާރުން މަޖިލީހުގެ މަސައްކަތް ހުއްޓުވީ ގަސްދުގަ ކަމަށް އީވާ ވިދާޅުވުމާއި ގުޅިގެންނެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އީވާ ވިދާޅުވީ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރަށް މިއަށް ވުރެ ރަނގަޅު ހާލަތެއް ނެތް ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި ސަރުކާރު ގުޅިގެން މި މައްސަލަތައް މަޖިލީހަށް ވެއްދީ ގަސްދުގައި މަޖިލީހުގައި ”ޑެޑްލޮކް” އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.

މިވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އެހާވަރަށް އޮޅުވާލާ ދޮގުހަދަން ހެޔޮނުވާނެ ކަމަށެވެ. އަދި އީވާގެ “ނޯކޮންފިޑަންސް” ނަގަން އޮތީ މާދަން ކަމަށާއި ކޮމިޓީތައް ހުއްޓުވައިގެން އުޅެނީ ރައީސް ނަޝީދު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

“އެވެސް ގަވައިދާ ޚިލާފަށް. ތިވޯޓު ނެގުނަނުދޭން. ބޭނުންތިވަނީ މެންބަރުންގެ އިތުބާރުނެތަސް ގޮނޑީގަ އިންނަން. ތިކަންސަރުކާރުބޮލުގަ އަޅުވާނެކަމެއްނެތް. އިންނަވާ” ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުން ކޮމިޓީއަށް ބަދަލުނުގެންނަހާ ހިނދަކު، ކޮމިޓީ އޮންނާނެކަން އަދި ހިނގަންޖެހޭކަން ގާނޫނުން އިނގޭ ކަމަށާއި ކޯރަމް ލިބެންޏާ ކޮމިޓީ ކުރިޔަށް ގެންދެވޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

“އަދި ގެންގޮއްސަ ހުރީވެސް. ރާވައިގެން ތިދެބޭފުޅުން ހިންގާ ހުތުރު ޖަރީމާ އެހެންމީހުން ބޮލުގަނާޅުވާ” ރޮޒައިނާ ވިދާޅުވިއެވެ.



More from Dhen.mv