ތެލެސީމިއާ ކުދިންގެ ގަޔަށް ޖަހާ ޑެސްފަރޯލް ހުސްވި ކަމަށް ބުނާ މައްސަލަ އެމްއެންޕީން މަޖިލީހަށް

Thu, 08 Jun 2023 06:16 PM

View on this article on Dhen.mv

ތެލެސީމިއާ ކުދިންގެ ގަޔަށް ޖަހާ ޑެސްފަރޯލް ހުސްވި ކަމަށް ބުނާ މައްސަލަ އެމްއެންޕީން މަޖިލީހަށް

ރާއްޖޭން ޑެސްފަރޯލް ހުސްވި ކަމަށް ބުނާ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ހުށަހަޅައިފިއެވެ.

ޑެސްފަރޯލް ހުސްވެފައިވާ ކަމަށް ބުނެ ފޭސްބުކްގައި ލަވަކިޔުންތެރިޔާ މާއިން ރަޝީދު، މިމަހުގެ ދެވަނަ ދުވަހު ކުރި ޕޯސްޓެެއްގައި ބުނެފައިވަނީ އެންމެ އަވަހަށް ވެސް ޑެސްފަރޯލްގެ އާ ސްޓޮކެއް ލިބެން އިނީ މި މަހުގެ 15 ގައި ކަމަށެވެ. އަދި މި ބޭހަކީ ލިބެން ޖެހޭ ބޭހެއް ކަަމަށް ބުންޏެވެ.

މާއިން ވަނީ ޑެސްފަރޯލަކީ ލިބެންޖެހޭ ބޭހަކަށް ވިޔަސް އެ ބޭސް ނުލިބުމުން ދެން އެ ނުގުޅާ ހުންނަންވީތޯ ސުވާލު އުފައްދައިފައެވެ.

މިކަމާއި ގުޅިގެން އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ މިކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ. ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑެސްފަރޯލް ރާއްޖެއިން ހުސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެެވެ.

އެމްއެންޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޑެސްފަރޯލް ނުލިބުމުގެ ޝަކުވާ، ތެލެސީމިއާ ކުދިންނާ އެކުދިންގެ ޢާއިލާއިން ކުރަމުންދާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން އެކަމާ ގުޅޭ މަޢުލޫމާތު ހޯދުމުން، ރާއްޖޭގައި ހުރި ޑެސްފަރޯލްގެ ސްޓޮކް ފާއިތުވި މޭމަހު މުއްދަތު ހަމަވެ، ރާއްޖޭގައި މިހާރު ޑެސްފަރޯލް ލިބެން ނެތްކަން ޔަޤީންކުރެވިފައިވާ ކަމަށެވެ.

އެމްއެންޕީން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި އެދިފައިވަނީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ޑެސްފަރޯލް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، މިފަދަ ހާލަތެއް ތަކުރާރު ނުވާނެހެން މިކަމާ ގުޅޭ އިދާރާތަކުގެ ކަންކަން ތަރުތީބުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަަޅުއްވައިދެއްވުމަށެވެ.



More from Dhen.mv