އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިގެން އުޅެނީ ވެރިކަން ނުލިބޭނެކަން އެނގޭތީ: ރޮޒައިނާ

Mon, 05 Jun 2023 12:28 PM

View on this article on Dhen.mv

އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިގެން އުޅެނީ ވެރިކަން ނުލިބޭނެކަން އެނގޭތީ: ރޮޒައިނާ

އެޓާނީ ޖެނެރަލް (ބަންޑާރަނައިބު) އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅުން މަޖިލީހަށް ހުށަހަޅައިގެން އުޅެނީ މިވެރިކަމުގައި މުޅި ގައުމަށް ތަރައްގީއާއި ހަމަޖެހުން ގެނަސްދީ ވެރިކަން ބޭނުންވެފައި ހުންނެވި އެއްވެސް ފަރާތަކަށް ވެރިކަން ނުލިބޭނެކަން ކަށަވަރުވާތީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ބަހުސް މަރުހަލާ ކުރިއަށް ގެންދާއިރު، އެމަރުހަލާގައި ވާހަކަ ދައްކަވަމުން މެމްބަރު ރޮޒައިނާ ވިދާޅުވީ އަސްލު ހުށަހެޅިގެން މި އުޅެނީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނޫންކަމަށެވެ. މެމްބަރު ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ކާމިޔާބީ ހަޖަމު ނުވެގެން ހުށަހަޅާފައިވާ މައްސަލައެއް ކަަމަށެވެ.

"މިއަދު ހުށަހެޅިފައިވާ އަސްލު މައްސަލައަކީ އެމްޑީޕީގެ ޕްރައިމަރީ ހަޖަމު ނުވެގެން އުޅޭ މައްސަލަ" ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވަމުން ރޮޒައިނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދޫކޮށްލިކަމަށް އިދިކޮޅުން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާކަމުގެ ހެއްކަކީ އެކަމާއި ގުޅިގެން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ޖަލްސާގައި ހުސް ގޮނޑިތައް އޮތުންކަމަށް ރޮޒައިނާ ވިދާޅުވި އެވެ. މިއިން ދުވަހަކު ޗާގޯސް އަކީ ދިވެހިރާއްޖޭގެ ބައެއްކަމަށް އެއްވެސް ރައީސަކު ވިދާޅުވެފައި ނުވާކަމަށާއި ހުދު ރައީސް ނަޝީދުވެސް މޮރިޝަސްއަށް ވަޑައިގެން "މެޑަލްތައް އެޅުއްވިއިރު" އެފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ނުވާކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް މިހާރު ބައެއް ބޭފުޅުން ޗާގޯސް ހިފަން މޮރިޝަސްއާއި ދެކޮޅަށް ހަނގުރާމަ ފަށާ ހިސާބަށް ވާހަކަ ދައްކަވާ ކަމަށް މެމްބަރު ވިދާޅުވި އެވެ. ނިޒާމީ ނުގުތާ ނަންގަވައި ބަންޑާރަނައިބުގެ އިތުބާރުނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް މެމްބަރަކު އެދިވަޑައިގެންނެވި އެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެއްވެސް ގައުމަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް މަޖިލީހުގައި ގޮވައިލުމަކީ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވެފަ އެވެ. ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ބައެއް މެމްބަރުން ދައްކަވާ ވާހަކަފުޅުތަކުން ބޮއްކުރައަކަށް އަރައިގެން ފެން ފިސްތޯލަ ހިފައިގެން މާދަމާ ހަނގުރާމައަށް ގޮސްދާނެކަމަށް ދޭހަވާ ކަމަށެވެ.

"ހުށަހެޅިފައިވާ މައްސަލައިގެ ވާހަކަ މިތާ ދައްކާއިރުގަ އެކި މެމްބަރުންނަށް އިއްޒަތްތެރި ރައީސްވެސް ތަފާތުނުކޮށް ކަންތައް ކުރެއްވުމަކީ އަޅުގަނޑު ވަރަށް އެދޭކަމެއް." ރޮޒައިނާ ކުރިން ތަކުރާރުކޮށް ހުށަހެޅުއްވި ނިޒާމީ ނުގުތާ ބަލައިގެންފައި ނުވާތީ ރައީސް ނަޝީދަށް އަމާޒުކޮށް އޭނާ ވިދާޅުވި އެވެ.



More from Dhen.mv