ހުޅުމާލޭ މެކޭނިކަލް ޕާކިން ސިސްޓަމް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދަނީ

Sat, 25 Mar 2023 09:48 PM

View on this article on Dhen.mv

ހުޅުމާލޭ މެކޭނިކަލް ޕާކިން ސިސްޓަމް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވާޓިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

ހުޅުމާލޭގެ ނިރޮޅުމަގާއި ކަނީރުމަގު އަދި ބޯގަންވިލާމަގުގައި ގާއިމުކޮށްފައިވާ ވާޓިކަލް ޕާކިން ސިސްޓަމްތައް ހިންގާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެޗްޑީސީން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

އެޗްޑީސީން ބުނީ ވާޓިކަލް ޕާކިން އަކީ ހުޅުމާލޭގައި އާބާދީ އިތުރުވުމާއި އެކުން އިންޖީނުލީ އުޅަނދު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ޒަމާނީ ލުޔެއް ހޯދުމަށް 2017 ވަނަ އަހަރު ހަރުކޮސްފައިވާ ސިސްޓަމްތަކެއް ކަމަށެވެ.

އެހެންނަމަވެސް އޭގެ ބޭނުން ނުކުރެވި ހުރީ މީގެ ކުރިން އެ ޕާކިންސިސްޓަމްތަކުގެ މަސައްކަތް އެއްކޮށް ނުނިމޭތީއެވެ. އޭރު މިކަން ނުނިމި ދިގުލައިގެން ދިޔައީ އެޗްޑީސީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން، އެ މަޝްރޫއު ހަވާލުކުރި ފަރާތަށް ފައިސާ ނުދެއްކި އޮތުމުންނެވެ. އެހެންނަމަވެސް މިހާރު އެޗްޑީސީން ވަނީ އޭރު ދިމާވި މައްސަލަތައް ހައްލުކޮށް އާންމުންނަށް އެ ޕާކިން ސިސްޓަމްތައް ބޭނުން ކުރެވޭ މިންވަރަށް ތަރައްޤީކޮށްފައެވެ.

މި ޕާކިންސް ސިސްޓަމްތައް ބަލަހައްޓައިދޭން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އެޗްޑީސީ އިން ކަނޑައަޅާފައިވާ ތާރީހަކީ 3 އޭޕްރީލްއެވެ. މި ޕާކިން ސިސްޓަމްތަކުގައި ޖުމްލަ 166 ޕާކިން ސްލޮޓް ހުންނާނެއެވެ.

ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ފަސޭހަކަމާއެކު އުޅަނދުތައް ޕާކް ކުރެވޭނެ ނިޒާމ ހަމަޖެއްސުމަށް އެޗްޑީސީން އަންނަނީ ސްމާޓް ޕާކިން ޒޯންތަކެއްވެސް ތަރައްޤީ ކުރަމުންނެވެ.



More from Dhen.mv