ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން ނިންމީ ޤައުމީ މަޖިލީހާ މަޝްވަރާ ނުކޮށް: ޝިއްޕެ

Thu, 08 Jun 2023 10:30 PM

View on this article on Bonthi News

ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން ނިންމީ ޤައުމީ މަޖިލީހާ މަޝްވަރާ ނުކޮށް: ޝިއްޕެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ދުރުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވަނީ އެމްޑީޕީގެ އެންމެ ބޮޑު ގުނަވަން ކަމަށްވާ އެ ޕާޓީގެ ޤައުމީ މަޖިލީހާ މަޝްވަރާ ނުކޮށް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ޝިއްޕެ މިފަދައިން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ފާސްކޮށް 54 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޝިއްޕެ ވިދާޅުވީ އެމްޑީޕީން އެ ޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ހުށަހެޅިކަން އެމްޑީޕީގެ އެންމެ ބޮޑު ގުނަވަން ކަމަށްވާ އެ ޕާޓީގެ ޤައުމީ މަޖިލީހުގައި މަޝްވަރާކޮށްފައިނުވާ ކަމަށެވެ. އަދި މިއީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށް ނަމޫނާ ދައްކަމުންއައި ޕާޓީގެ ޙާލަތު ކަމަށް ޝިއްޕެ ވިދާޅުވިއެވެ. ޝިއްޕެގެ ޓްވީޓްގައި ވަނީ މިއީ އެތެރޭގެ ޑިމޮކްރަސީ އާއި ”ބެސްޓް ޕްރެކްޓިސް“ ތޯ ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ އެ ޕާޓީގެ ތެރެއިން 2 ފެކްޝަނެއް އުފެދިފައިވަނިކޮށް ރައީސް ނަޝީދުގެ ވަފާތެރި މެމްބަރުން ގުޅިގެން އާ ސިޔާސީ ޕާޓީ ”ދަ ޑިމޮކްރެޓްސް“ އުފެއްދުމާއިގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ މަޤާމުން ދުރުކުރަން ހުށަހަޅާފައި ވަނިިކޮށް، މަޖިލީހުގެ ޤަވާއިދާ ޚިލާފުވަމުންދާ ކަމަށްބުނެ މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަޤާމުން ދުރުކުރަން އެމްޑީޕީން ނިންމީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ސީދާ އެންގެވުމުގެ މަތިންނެވެ. އަދި އެކަން ސަރުކާރުގެ ފަރާތުންވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން ރައީސް އޮފީހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ ނަޝީދު މަޤާމުން ވަކިކުރަން ނިންމީ އެމްޑީޕީ ޕީޖީ ގްރޫޕުން ރައީސް އިބްރާހިމް އާއި މަޝްވަރާ ކުރުމަށް ފަހުގައިކަމަށެވެ.

ރައީސް ނަޝީދު ވަކިކުރަން ސޮއި ކުރި އިރު، އެމްޑީޕީ ބައެއް މެމްބަރުން އެމަނިކުފާނު ވަކިކުރަން ސޮއި ކޮށްފައެއް ނުވެއެވެ.

އެ މެމްބަރުންނަކީ:

1) ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދާއި

2) ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)

3) ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް)

4) ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

5) އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.



More from Bonthi News