ކިނބިދޫގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ ނިޒާމު ރަސްމީކޮށް އިފްތިތާހުކޮއްދެއްވައިފި

Wed, 24 Jul 2024 01:44 PM

View on this article on Bonthi News

ކިނބިދޫގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ ނިޒާމު ރަސްމީކޮށް އިފްތިތާހުކޮއްދެއްވައިފި

ތ. ކިނބިދޫގެ ކުނީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ތިމާވެށީގެ މިނިސްޓަރޠާރިޤު އިބްރާހިމް އެ ރަށަށް ދަތުރުފުޅެއް ކުރައްވައިފިއެވެ.



މި ދަތުރުފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުނީގެ މައްސަލަ ޙައްލުކުރުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.

ކުނީގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ޙައްލެއް ހޯދުމަށް ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތްތަކެއް ކުރައްވާފައިވީ ނަމަވެސް، އެންމެ އެދެވޭ ޙައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި، ތ. ކިނބިދޫގައި ޒަމާނީ ފެންވަރުގެ، ދެމެހެއްޓެނިވި، އަދި ވަށާޖެހޭ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރެއްވުމާއި، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ޚިޔާލު ހޯއްދެވުން ހިމެނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ޤާއިމުކޮށްދީ، ކުނީގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެނައުން ހިމެނެއެވެ. މިނިސްޓަރުގެ މި ދަތުރުފުޅަކީ މި ވަޢުދު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މި ނިޒާމަކީ ސަރުކާރުން ކުރިއަށްގެންދާ ’މަގޭ ސާފު ރާއްޖެ‘ ޕްރޮގްރާމްގެ ދަށުން، ދިވެހި ދައުލަތުގެ ބަޖެޓުންނާއި ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ޚަރަދުކޮށްގެން ޤާއިމުކުރެވިފައިވާ ނިޒާމެކެވެ.


ކިނބިދޫގައި މިހާރު ޤާއިމުކުރެވިފައިވާ މި މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރުގެ ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒެކެވެ. މި މަރުކަޒު ފަރުމާކުރެވިފައިވަނީ ރަށުގައި އުފެދޭ ތަފާތު ބާވަތްތަކުގެ ކުނި ވަކިން މެނޭޖުކުރެވޭނެ ގޮތަށެވެ. އަދި މި މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރައްކާތެރި އަދި ތަނަވަސް މާހައުލެއް ޤާއިމުކުރެވިފައިވެއެވެ.

މި މަރުކަޒުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަށް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ މެޝިނަރީތަކާއި އާލާތްތައްވެސް ވަނީ ފޯރުކޮށްދެވިފައެވެ. މިގޮތުން މަލްޓި ޕަރޕަސް ބޭލަރ، ކާދު ހަދާ މެޝިން، ގްލާސް ކްރަޝަރ އަދި އެކި ސައިޒުގެ ޑަސްބިން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންކުރާނެ ވަސީލަތްތަކާއި ކުނި ގެންގުޅުމުގައި ބޭނުންކުރާނެ ތަފާތު އާލާތްތައްވެސް ވަނީ ފޯރުކޮށްދެވިފައެވެ.


މި ނިޒާމު ޤާއިމުކުރެވުމާއެކު، ކިނބިދޫގައި ކުނީގެ މައްސަލަ ޙައްލުވެ، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެކަމަށްވެސް ބެލެވެއެވެ.

މި ދަތުރުގައި މިނިސްޓަރު ވަނީ ކިނބިދޫގައި ޤާއިމުކުރެވިފައިވާ ކުނި މެނޭޖްކުރުމުގެ މަރުކަޒު ބައްލަވާލައްވާފައެވެ.
މި މަރުކަޒުގައި ދުވާލަކު 200 ކިލޯގްރާމްގެ ފަނާވާ ޒާތުގެ ކުނި ޕްރޮސެސްކޮށް ކާދަށް ބަދަލުކުރެވޭނެ ބަޔޯ ވޭސްޓް ޓްރީޓްމަންޓް ސިސްޓަމެއް ވަނީ ޤާއިމުކުރެވިފައެވެ. މި ސިސްޓަމްގެ ސަބަބުން އެންމެ 15 މިނެޓުގެ ތެރޭގައި ރޯ ކޮމްޕޯސްޓް ހެދި، 10 ދުވަހުގެ ތެރޭގައި ފުރިހަމައަށް ފައްކާވެފައިވާ ކާދު އުފެއްދޭނެއެވެ.


މީގެ އިތުރުން، ރަށުގެ ގޭގެއާއި ވިޔަފާރިތަކާއި މުވައްސަސާތަކުން އުފެދޭ ކުނި ޖަމާކުރުމަށް ބޭނުންވާ ވެހިކަލެއްވެސް ވަނީ ކައުންސިލާ ޙަވާލުކުރެވިފައެވެ.

މިނިސްޓަރު ވިދާޅުވީ މި ނިޒާމުގެ ސަބަބުން ރަށުގައި ދުވަހުން ދުވަހަށް އުފެދޭ ކުނި ވަކިކޮށް، ހަރުދަނާ ގޮތެއްގައި މެނޭޖްކުރުމުގެ ޤާބިލުކަން ރަށު ކައުންސިލަށް ލިބިގެންދާނެ ކަމަށެވެ. އަދި މި ވަސީލަތްތަކުގެ ސަބަބުން ކުނިން ނަފާ ހޯދުމުގެ ފުރުޞަތު ފަހިވެ، ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.


ރާއްޖޭގެ ރަށްރަށުގައި އުފެދޭ ކުނީގެ ގާތްގަނޑަކަށް 65 އިންސައްތައަކީ ފަނާވާ ޒާތުގެ ކުނި ކަމަށްވާތީ، މި ނިޒާމުގެ ސަބަބުން ރަށުގެ ސިއްޙީ އަދި އިޖުތިމާޢީ ޙާލަތަށްވެސް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢު ކާމިޔާބު ވެއްޖެނަމަ، އެހެން ރަށްރަށަށްވެސް މިފަދަ  މަޝްރޫޢުތައް ތަޢާރަފްކުރުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ. މިއީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްކަމުގައިދެކެއެވެ.



More from Bonthi News