މަސްތުވާތަކެތީގެ މައްސަލަތަކެއްގައި 5 މީހުން ހައްޔަރުކޮށްފި

Thu, 08 Jun 2023 08:19 PM

View on this article on Bonthi News

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި 5 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 5 މީހުން ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ މަރަދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ޖޫން 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 45 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މަރަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ރ. ރަސްގަތީމުގައި ހުޅުދުއްފާރު ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖޫން 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 29 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކާ އަދި 28 އަހަރުގެ ބިދޭސީ ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން އަތުލައިގަތް މަސްތުވާތަކެތި

އެ އޮޕަރޭޝަނުގެ ތެރެއިން، އެ މީހުން ތިބި ލޯންޗު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް ފުލުހުން ތަޙުޤީޤު ކުރަމުން ދާކަމަށެވެ.



More from Bonthi News