ޓެކްސީ ޑްރައިވަރުންގެ އަގު ވައްޓާލުމަށްފަހު ފުލުހުން ކުރިން ބުނިއެތި ކެންސަލް!

Thu, 08 Jun 2023 07:34 PM

View on this article on Bonthi News

ޓެކްސީ ޑްރައިވަރުންގެ އަގު ވައްޓާލުމަށްފަހު ފުލުހުން ކުރިން ބުނިއެތި ކެންސަލް!

ޖޫން 1 ވީ ބުރާސްފަތި ދުވަހު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާރަކަށް އެރުވި ދޮޅުލައްކަ ރުފިޔާގެ މުދަލާ އެއްކޮށް ޑްރައިވަރަކު ފިލިކަމަށް ތުހުމަތުކޮށް އެމުދާތައް ފުލުހުން ހޯދާ ވެރިފަރާތާ ހަވާލުކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ޓެކްސީ ޑްރައިވަރެއްގެ އަގުވައްޓާލުމުން އެ ޑްރައިވަރު އެކަން ހިނގާދިޔަގޮތް ހާމަކޮށް އެތަކެތި ފުލުހުންނާ ހަވާލުކުރީ ޑްރައިވަރު އަމިއްލައަށްކަން ހެތްކާއެކު ހާމަކުރުމުން މުދަލާއެކު ޓެކްސީ ޑްރައިވަރު ނުފިލާ ކަމަށް އެންމެފަހުން ފުލުހުން އެއްބަސް ވެއްޖެއެވެ.

މުހައްމަދު ހުސެއިން ޓެކްސީ ކުރަމުން އަންނަ މިނީ ވޭނުގައި އެއާޕޯޓަށް ގޮސް ޓެކްސީ ކިއުގައި މަޑުކޮށްގެން އޮއްވައި ދެ ފޮށިގަނޑު ހަވާލު ކުރުމަަށް ފަހު ބުނީ މާފަންނު ބިސްބުރަށް ދިއުމުން އެތަކެއްޗާ ހަވާލުވާނެ މީހަކު ހުންނާނެ ކަމުގައެވެ. މުހައްމަދު އެތަނަށް ގޮސް މަޑު ކުރުމަށްފަހު މަގު ބްލޮކްވާތީ ވަށައިގެން 6 ބުރު ޖެހުމަށްފަހު ޕާކު ކުރާނެ ތަނެެއް ހޯދައި، ފޯނު ކުރީ ފުލުހުންނަށެވެ. ވެގެން އުޅޭގޮތް ކިޔައިދިނުމަށްފަހު އޭނާ މުދާ ހަވާލު ކުރި މީހާއާ ފަހުން ގުޅޭ ގޮތް ނުވެގެން ތަކެތި ވަގުތުން ހަވާލު ނުކުރެވުނީ ކަމަށާއި ފަހުން ފުލުހުންގެ ހާޒިރުގައި މުދާ ވެރި ފަރާތާ އޭނާ ހަވާލު ކުރި ކަމަށެވެ.

ޖެހިގެން އައި ހުކުރު ދުވަހު ނޫސްތަކުގެ ފަލަ ސުރުހީއަށް އެރީ މި ހާދިސާއާއި ގުޅިގެން ފުލުހުން ކޮށްފައިވާ ޓުވީޓުގެ ހަބަރުތަކެވެ. އެގޮތުން ފުލުހުން ބުނީ ބުރާސްފަތި ދުވަހު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓެކްސީ ކިއުއިން ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އެތަކެތި ހޯދައި، ވެރިފަރާތާ ހަވާލުކުރި ކަމުގައެއެވެ. އަދި މާފަންނު ޕޮލިހުން އެތަކެތި ހޯދީ ސީސީޓީވީ ފުޓޭޖުބަލައި އެ ޓެކްސީ ދެނެގަނެގެން ކަމުގައެެވެ.

ކަންހިނގާ ދިޔަގޮތް އޮޅުވާލާ ފުލުހުން ކުރި ޓްވީޓާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ އަގުވެއްޓުމުން ޑްރައިވަރު ވަނީ މިކަން ހިނގާދިޔަގޮތް ތަފްސީލްކޮށްދެއްވާފައެވެ. އެއާއިއެކު ހެދުނު ގޯހަށް އެއްބަސްވެސް ފުލުހުން ވަނީ އެކަން ހިނގާދިޔައީ ކުރިން ފުލުހުން ބުނިގޮތަށް ނޫންކަން ހާމަކޮށްފައެވެ.

ފުލުހުން ފަހުން ބުނީ ޖޫން 2 ވަނަ ދުވަހު އެ ޚިދުމަތުން ކޮށްފައިވާ ޓުވީޓަކީ އެއާޕޯޓް ޓެކްސީ ކިއުއިން ނެގި ޓެކްސީއަކަށް އެރުވި މުދާ ވެރިފަރާތަށް ހޯދައިދެވިފައިވާކަން ހާމަކުރުމުގެ ގޮތުންނާ އަދި ކަމެއް ދިމާވާ ހިނދު ވީއެންމެ އަވަހަކަށް ފުލުހުންނާ ހިއްސާކޮށް އަދި ރިޕޯޓުކުރުމަށް އިލްތިމާސްކޮށް، ކޮށްފައިވާ ޓުވީޓެއްކަމަށެވެ. އަދި އެ ޓުވީޓުގައި އެއީ ކޮން ޓެކްސީއެއްކަން ނުވަތަ ޓެކްސީ ސެންޓަރުގެ ނަން ނުވަތަ މީހާގެ ވަނަވަރު ހާމަކޮށްފައި ނުވާނެ ކަމާއި، ޖޫން 1 ވަނަ ދުވަހުގެ 16:30 އެހައިކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓެކްސީ ކިއުއިން ނެގި ޓެކްސީއަށް އެރުވި  150،000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކްސް ސާމާނު ލިބިފައިނުވާކަމަށް، ޖޫން 1 ވަނަ ދުވަހުގެ 17:27 އެހައިކަންހާއިރު މާފަންނު ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލަ ހުށަހެޅުމާ ގުޅިގެން މައުލޫމާތު ސާފުކުރުމުން މައްސަލަ ހުށަހެޅި ފަރާތަށް، ތަކެތި އެރުވި ޓެކްސީގެ ރަޖިސްޓްރީ ނަމްބަރު ފިޔަވައި އިތުރު މައުލޫމާތެއް އެނގިފައި ނުވާތީ އެ ޓެކްސީ ދެނެގަތުމަށް ސީސީޓީވީ ފުޓޭޖު ބަލައި ޓެކްސީ ދެނެގަނެފައިވެއެވެ. އަދި ޓެކްސީ ދުއްވި ފަރާތާ ގުޅި، 18:00 އެހައިކަންހާއިރު ވެރިފަރާތާ އެތަކެތިވަނީ ހަވާލުކޮށްފަ ކަމަށާއި، ފުލުހުން އެ ޓެކްސީ ހޯދުމަށް މަސައްކަތްކުރަމުން ދިޔައިރު، ވެރިފަރާތާ ތަކެތި ހަވާލުކުރުމަށް، ޓެކްސީ ދުއްވި ފަރާތުން ވެސް މަސައްކަތްކޮށްފައިވާކަން އެނގިފައިވާކަމަށް ބުނެފައިވެއެވެ. އަދި މިކަން ހިނގާފައިވަނީ ކާރަށް މުދާ އެރުވުމަށްފަހު ދެ ފަރާތުން ކުރަންޖެހޭ މުއާމަލާތް ރަނގަޅަށް ނުކުރެވި އޮތުމުންކަމަށްވެސް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.



More from Bonthi News