އީވާގެ އިތުބާރުނެތް ކަމަށް ހުށަހެޅި މައްސަލަ މަޖިލީހުގެ އެޖެންޑާއިން ނަގައިފި

Thu, 08 Jun 2023 03:18 PM

View on this article on Bonthi News

އީވާގެ އިތުބާރުނެތް ކަމަށް ހުށަހެޅި މައްސަލަ މަޖިލީހުގެ އެޖެންޑާއިން ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله މަޤާމުން ވަކިކުރުމުގެ މައްސަލަ 11 ޖޫން 2023 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު،  އެޖެންޑާއިން އެ މައްސަލަ ނަގައިފިއެވެ.

ނައިބު ރައީސް އީވާގެ އިތުބާރު ނެތް މައްސަލަ 50 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ މެޖޯރިޓީ އޮތް  އެމްޑީޕީން މަޖިލީހަށް ހުށަހެޅީ މެއި މަހުގެ 23 ވަަނަ ދުވަހު އެވެ. މަޖިލީހުގެ ޤަވާއިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާތީ އެ ދުވަހަށް އޮތީ އެ މައްސަލަ އެޖެންޑާ ކޮށްފަ އެވެ.

އެހެންނަމަވެސް މައްސަލަ ހުށަހެޅުއްވި މެންބަރަށް ފޮނުއްވި ސިޓީއެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާ އަންގަވާފައިވަނީ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށާއި، ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތް އަދި ފާސްކުރެވިފައި ނުވާ ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އީވާ ވަކިކުރުމުގެ ޤަރާރާ ގުޅިގެން ކުރެވޭ ބަހުސްގައި މެމްބަރުން ވާހަކަދެއްކުމަށް ދެވޭ ވަގުތު މަޖިލީހުގެ 108 ވަނަ މާއްދާގެ ދަށުން އަދި ކަނޑައެޅިފައި ނުވާ ކަމަށް އަމީން ޢާންމުގެ ސިޓީގައި ވެއެވެ. އެހެންކަމުން، އެ ވަގުތު ކަނޑައަޅައި ނިމުމުން އެ މައްސަލަ ފަހުން އެޖެންޑާކުރުމަށް ފަހު އަންގަވާނެ ކަމަށްވެސް ސިޓީގައި ވެއެވެ.

މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކި ކުރުމުގެ މައްސަލާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކާނެ ދިގުމިން އާންމު ކޮމިޓީން ކަނޑައަޅަން ޖެހެ އެވެ. އަދި ނައިބު ރައީސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ދޭނީ ކިހާ ފުރުސަތެއްތޯ އާއި ކިހާ ވަގުތެއްކަން ވެސް ކަނޑައަޅާނީ އެ ކޮމިޓީންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޕީޖީއިން ތައްޔާރުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްވެސް އެމްޑީޕީގެ ޕީޖީއިން ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ މައްސަލަވެސް ތާވަލުކުރެވިފައިނުވެއެވެ.



More from Bonthi News