ދުންފަތް ވިއްކޭނެ ހަގު އުމުރު 21އަށް ހަދަނީ

Mon, 21 Oct 2024 11:20 PM

View on this article on Avas.mv

ދުންފަތް ވިއްކޭނެ ހަގު އުމުރު 21އަށް ހަދަނީ

ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މުޖުތަމައު ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިކުރުވުމަށް ބާރު އެޅުމުގެ ގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވާނެ ކަމަށެވެ.

މިގޮތުން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރު ކަމަށް ކަނޑައަޅާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށް ގާނޫނަށް އިސްލާހު ގެންނަވާނޭ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރަނގަޅު ނަތީޖާއެއް ހާސިލްކުރެވޭނެ ފަދަ މާސްޓާ ޕްލޭނެއް އެކުލަވާލުމަށްވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އަންނަ މަހުން ފެށިގެން ތިން ރުފިޔާ އިން އަށް ރުފިޔާއަށް ބޮޑުކުރުމަށާއި ވަކިވަކި ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގައި ހިމެނޭ އެޑް ވެލޮރަމް ރޭޓް 50 ޕަސެންޓުން 100 ޕަސެންޓަށް މަތިކުރަންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށާއި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ނިންމަވާފަ އެވެ.





More from Avas.mv