ސީއޭ މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް ޑރ. މާހިދު

Thu, 17 Oct 2024 12:39 PM

View on this article on Avas.mv

ސީއޭ މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް ޑރ. މާހިދު

އިންސްޓިޓިއުޓް އޮފް ޗާޓެޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ފުރަތަމަ ސީއީއޯގެ މަގާމަށް ޑރ. މުހައްމަދު މާހިދު ޝަރީފް އައްޔަންކުރައްވައިފި އެވެ.

ސީއޭ މޯލްޑިވްސް އަކީ 2020 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ އެކައުންޓިން ދާއިރާ ރެގިއުލޭޓް ކުރުމަށްޓަކައި އެކުލަވާލި ގާނޫނެއްގެ ދަށުން އެކުލަވާލާފައިވާ ކައުންސިލެކެވެ.

ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ސީއޭ މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް މާހިދު އައްޔަންކުރެއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ޑރ. މާހިދަކީ ދައުލަތުގެ އެކި އިދާރާތަކުގައި ހިންގުމުގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ޑރ. މާހިދު ވަނީ އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމާއި ދެ މިނިސްޓްރީއެއްގައި ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ޑރ. މާހިދަކީ ޑޮކްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓާސް އިން ޕަބްލިކް ސެކްޓާ މެނޭޖްމަންޓް އަދި އެގްޒެކެޓިވް މާސްޓާސް އިން ސްޕޯޓްސް އޮގަނައިޒޭޝަން މެނޭޖްމަންޓް (މެމޮސް) ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ތައުލީމީ ދާއިރާއިން ބެޗްލާ އޮފް އިންޖިނިއަރިން (އިންފޮމޭޝަން އެންޑް އިލެކްޓްރޯނިކްސް) ހާސިލްކުރުމުގެ އިތުރުން ބިޒްނަސް މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން އަދި އެކައުންޓިން އިން ބިޒްނަސް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ގިނަ ޑިޕްލޮމާތަކެއް ހާސިލް ކުރައްވާފައިވެ އެވެ.

ސީއޭ މޯލްޑިވްސްގެ ފުރަތަމަ އިންތިހާބު މިއަހަރު ބޭއްވުމަށްފަހު އެ އިދާރާގެ ރައީސް އާއި ނައިބް ރައީސް އަދި ކައުންސިލް މެންބަރުން ހޮވައި މިދިޔަ ޖުލައި މަހުގެ ތެރޭގައި އެބޭފުޅުން ވަނީ މަގާމުތަކާ ހަވާލުވެފަ އެވެ.





More from Avas.mv