ބަރުލަމާނީ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް

Tue, 19 Sep 2023 02:28 PM

View on this article on Avas.mv

ބަރުލަމާނީ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުށަހެޅި ގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފި އެވެ.

މި ގަރާރު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓު ދެއްވި 35 މެންބަރުން އިއްތިފާގުންނެވެ.

މަޖިލީހަށް ގަރާރު ބަލައިގަތުމާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމު ހުށަހެޅުއްވީ މި ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ.

މި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ ވޯޓު ދެއްވި 34 މެންބަރުންގެ އިއްތިފާގުންނެވެ.

ގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނީ މާދަމާ ހެނދުނު ކަމަށެވެ.

"އަޅުގަނޑުމެން މިހާ ހިސާބުން މި ޖަލްސާ މެދުކަނޑާލާނަން. ދެން އަޅުގަނޑުމެން ބައްދަލުވާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މި ގަރާރު މަޖިލީހަށް ތައާރަފުކުރީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. މި ގަރާރުގެ މަޖިލީހަށް ހުށަހަޅާ ބަހުސް ފަށާފައިވަނި މިއަދު އެވެ.

މި ގަރާރާ ގުޅޭ މުޅި މަޖިލީހުގެ ކޮމިޓީ މަސައްކަތް މާދަމާ ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު މި ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކުރަންވެސް މަޖިލީހުން މިއަދު ފާސްކުރި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަސްތުކުރަނީ މިއަދު މި މަސައްކަތް ނިންމަން. އެއީ ބަހުސް ނިންމާ، މުޅި މަޖިލީހުގެ ކޮމިޓީއަކަށް ގެނެވި، އެ ކޮމިޓީންވެސް މަސައްކަތް ނިންމާ އަލުން އަނބުރާ ތަޅުމަށް ގެނެވި ވޯޓަށް އަހާ، އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް އެންގުމާ ހަމައަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދަން. ދެން އަޅުގަނޑު ޖަލްސާ ނިންމާލާކަށްވެސް ގަސްތެއް ނުކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.More from Avas.mv