ޔާމީންގެ ޝަރީއަތް ލަސްވާތީ އަނެއްކާވެސް ކަންބޮޑުވެއްޖެ

Tue, 19 Sep 2023 01:04 PM

View on this article on Avas.mv

ޔާމީންގެ ޝަރީއަތް ލަސްވާތީ އަނެއްކާވެސް ކަންބޮޑުވެއްޖެ

ރައީސް އަބްދުﷲ ޔާމީން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ޝަރީއަތް އަނެއްކާވެސް ލަސްވެގެންދާނެ ކަމަށް ބެލެވޭތީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ޔާމީން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ އަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމެވެ.

މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މިމަހުގެ ނުވަވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ނިންމެވުމާ ގުޅިގެން ހައިކޯޓުގައި އޮތް އިސްތިއުނާފް މައްސަލަ އަވަސްކުރުމަށް މީގެކުރިންވެސް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ކޮންމެ ދުވަހަކު ހައިކޯޓަށް ވަޑައިގެން އެދިވަޑައިގަންނަވަމުން ގެންދެވި އެވެ. ނަމަވެސް އޭރު އެ މައްސަލައިގެ ޝަރީއަތް ލަސްވީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.

އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު މިއަދު އަލުން ހައިކޯޓަށް ވަޑައިގަތީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިތުރު ފަނޑިޔާރަކު މިމަހުގެ 23 ވަނަ ދުވަހު ޗުއްޓީއަށް ވަޑައިގަންނަވާ ކަމަށް ބުނެ އެއީ އަނެއްކާވެސް ޝަރީއަތް ލަސްވާނެ ކަމެއް ކަމަށް ބެލެވޭތީ އެވެ.

ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލަސްކުރަނީ ސަރުކާރުން އަޑީގައި އޮވެގެން ޔާމީނަށް އަނިޔާ ދިނުމަށް ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން އެނގެނީ ރައީސް ޔާމީން ދޫކޮށްލުމަށް ރައްޔިތުން އެދޭ މިންވަރު ކަމަށްވެސް ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާގެ ބޭފުޅުންވެސް އިސްކަން އެބަދެއްވަންޖެހޭ ރައްޔިތުންގެ ބަހަށް. ވެރިކަމުގެ ބާރުތައް ފެށެނީ ރައްޔިތުންނާ ހިސާބުން. އިންތިހާބުގެ ނަތީޖާ އިން ރައްޔިތުންގެ ވިސްނުން ސާފު،" ހައިކޯޓުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު މުހައްމަދު ސަލީމާއި، ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ.

މިމައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ހައިކޯޓުގައި ކުރިއަށް ގެންދިޔައީ މިމަހުގެ ހަވަނަ ދުވަހު އެވެ.More from Avas.mv