ކޮލަމް މާޒީ: ސަރަހައްދީ އަރައިރުމަކީ ހަމައެކަނި މި ސަރަހައްދުގައި އޮތް ކަމެއްނޫނެވެ. އެކަމަކު ދިވެހީން ތަފާތެވެ.

Wed, 07 Jun 2023 11:17 AM

View on this article on Adhives Online

ކޮލަމް މާޒީ: ސަރަހައްދީ އަރައިރުމަކީ ހަމައެކަނި މި ސަރަހައްދުގައި އޮތް ކަމެއްނޫނެވެ. އެކަމަކު ދިވެހީން ތަފާތެވެ.

ދުނިޔޭގައި މައްސަލަޖެހި މިލްކުވެރިކަމުގެ އެއްބަސްވުމަކަށް ނާދެވި އަރައިރުން އުފެދިފައިވާ ސަރަހައްދުތައް (ނުވަތަ ޓެރިޓަރީތައް) ހުރީ ހަމައެކަނި ދިވެހިރާއްޖެއާއި މޮރިޝަސްއާއި ސީޝެލްސާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ މެދުގައެއްނޫނެވެ. ދިވެހީން މަސްބާނަމުން އައި ކަނޑާއި ފޯޅަވަހީގެ މިލްކުވެރިކަން މި ދެންނެވި ޤައުމުތަކަށް މުހުތާދުވާ އިރު، މި ފަދަ ކަންކަމާ ދެބަސްވުން އުފެދިފައިވަނީ ހަމަ އެކަނި މި ދެންނެވި ގައުމުތަކުގެ މެދުގައެއް ނޫނެވެ. އެކަމަކު މި ދެންނެވި ފަދަ އަރައިރުންތައް އުފެދިފައި ހުންނަ އެއްވެސް ސަރަހައްދަކުން، ހަމަ އެންމެ އަކަ އިންޗިއެއް ވެސް  ދޫކޮށްލާކަށް ހަމަ އެއްވެސް ގައުމަކުން މިހާތަނަކަށް އެއްބަސްވެފައެއް ނެތެވެ. އާދޭހެވެ! ދިވެހިރާއްޖެ ފިޔަވައެވެ.

ކުރީން ވެސް ދެންނެވި ފަދައިން ދުނިޔޭގައި މިފަދަ ތަންތަން ވަރަށް ގިނައެވެ. ­­­­މި ފަދަ އަރައިރުން އުފެދިފައިވާ ސަރަހައްދުތައް ގިނަކަމުން އަޅުގަނޑު މި ފަހަރު ބަލައިލާނީ ހަމައެކަނި އޭޝިއާގެ ގައުމުތަކުގައި މި ގޮތަށް އަރައިރުން އުފެދިފައިވާ ބައެއް ސަރަހައްދުތަކުގެ މައްޗަށެވެ. މި ފަދަ ބައެއް އަރައިރުންތަކަކީ އދ.ގެ ތެރެއިން ހައްލުކުރާން މަސައްކަތްކުރާ އަރައިރުންތަކަކަށް ވާއިރު، އަނެއް ބައި އަރައިރުންތަކަކީ އދ.ގެ ބޭރުން ގައުމުތަކުގެ މެދުގައި އޮންނަ އަރައިރުންތަކެކެވެ.

އެ އޮތް ބޮޑު އޮސްޓްރޭލިއާއާއި އިންޑޮނޭޝިއާއާ ދެމެދު މިލްކުވެރިކަމުގެ އަރައިރުން އުފެދިފައިވާ ސަރަހައްދެއް (އެޝްމޯރާއި ކާޓިއަރ އައިލެންޑް) އެބަ އޮތެވެ. އޮސްޓްރޭލިއާއޭ ކިޔާ ޤައުމަކީ ބޮޑު ކޮންޓިނެންޓަކަށްވާ އިރު، ބިން ބޮޑުވެގެން އެ ގައުމުން ވެސް އެ ތަން ދޫކޮށްލާކަށް ހަމަ ހިލާ އެއްބަހެއް ނުވެއެވެ.

ތުއްފާއާއި މި ނޫނަސް އެތައް ރަށެއްގެ މިލްކުވެރިކަމާ މެދު ލުބުނާނާއި ސޫރިއާއާ ދެމެދުގައި މިލްކުވެރިކަމުގެ އަރައިރުން އަބަދު ވެސް އޮވެއެވެ. އެއް ބަޔަކު ވެސް ހަމަ އެންމެ ތަނފުކެއް ވެސް ދޫކޮށްލާކަށެއް ބޭނުމެއް ނުވެއެވެ.

"ޝައްޠުލްޢަރަބު"އަކީ އީރާނާއި އިރާޤާ ދެމެދު މިލްކުވެރިކަމުގެ އަރައިރުން އުފެދިފައިވާ ތަނެކެވެ. ހަމަ މި ފަދައިން "އަބޫ މޫސާ"ގެ މިލްކުވެރިކަމާ މެދު އިރާނާއި އެކުވެރި އަރަބި އިމާރާތުން އަބަދު ވެސް ދަޢުވާކުރެއެވެ. އަދި މި ފަދައިން "ގްރޭޓާރ އެންޑް ލެސަރ ޓަންބްސް"އަކީ ވެސް މިލްކުވެރިކަމުގެ އަރައިރުން މި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ސަރަހައްދެކެވެ. މިއިން އެއް ވެސް ބަޔަކު އަނެއް ބަޔަކަށް މިއިން ސަރަހައްދެއްގެ ހަމަ އެންމެ އިންޗިއެއް ވެސް ހަމަ ހިލާ ދޫކުރާކަށް ނުވެސް ވިސްނައެވެ.

ހަމަ މި ފަދައިން މެލޭޝިއާގެ ތަނެއްކަމަށް އަޅުގަނޑުމެންނަށް ހީވެފައި އޮންނަ "ބުކިތު ޖެލީ"ގެ މިލްކުވެރިކަމާމެދު ތައިލެންޑާއި މެލޭޝިއާއިން ދަޢުވާކުރެއެވެ. އެއް ގައުމަކުން ވެސް އޮތީ ދޫކުރާ ގޮތަކަށް ނޫނެވެ.

ޕާކިސްތާނާއި އިންޑިއާ ދެ ގައުމެއްގެ ގޮތުގައި އުފެއްދި އިރު ވަކި ގޮތަކަށް ޙައްލުނުކޮށް މައްސަލަ އުފެދޭ ގޮތަށް ދޫކޮށްލެވިފައިވާ ސަރަހައްދުތައް (އާޒާދު ކަޝްމީރާއި ގިލްގިތު ބަލްތިސްތާން، ޖައްމޫ ކަޝްމީރާއި ލަދަޚު އަދި މި ނޫނަސް މި ފަދަ އެތައް ތަނެއް) އެއީ އެ ގައުމުގެ ތަންތަންކަމަށް އިންޑިއާއާއި ޕާކިސްތާނުން އަބަދު ވެސް ދަޢުވާކުރެއެވެ. ޕާކިސްތާނާ އަޅައި ބަލާއިރު މާ ބިން ބޮޑު އިންޑިއާއަކުން ހަމަ އަކަ އިންޗިއެއް ވެސް އެ ތަނުން ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.

ޖޯޖިއާއާއި އަޒަރުބައިޖާނުން މިލްކުވެރިކަމާމެދު އަރައިރުންވާ ސަރަހައްދެއް އެބަ އޮތެވެ. ސަރަހައްދީ އިން ކަނޑައެޅުމުގެ މައްސަލައިގައެވެ. އެއް ބަޔަކު ވެސް ތިބީ ހަމަ ކުޑަ ވެސް ދުލެއް ދޭ ގޮތަކަށް ނޫނެވެ.

ދޮއިލަންގަކީ މިޔަންމާއާއި ތައިލެންޑާ ދެމެދު މިލްކުވެރިކަމާމެދު އެއްބަސްނުވެވިފައިވާ ތަނެކެވެ. މި ދެ ގައުމުން ވެސް އެއްވެސް އަގަކަށް އެ ތަނުން ހަމަ އަކައިންޗިއެއް ވެސް ތިބީ ދޫކުރާ ގޮތަކަށް ނޫނެވެ.

ފަޝްތުއްދިބާލާއި ޤިޠުޢާ ޖަރަދާއަކީ ބަޙުރައިނާއި ޤަޠަރުގެ މެދުގައި އަރައިރުން އުފެދިފައިވާ ސަރަހައްދެކެވެ. ކިތަންމެ އެކުވެރި ދެ ގައުމުކަމުގައި ވިޔަސް ސަރަހައްދުގެ އިމުގެ މައްސަލައިގައި އެއް ގަމުން އަނެއް ގައުމަށް ހަމަ ހިލާ ތިބީ ދޫދޭ ގޮތަކަށް ނޫނެވެ.

ފާރގަނާ ވާދީގެ އެތައް ސަރަހައްދަކީ ކިރިގިސްތާނާއި ތަޖިކިސްތާނާއި އުޒުބަކިސްތާނުން މިލްކުވެރިކަމާމެދު ދަޢުވާކުރާ ސަރަހައްދުތަކެކެވެ. އަދި އިސްފަރާ ވާދީއަކީ ކިރިގިސްތާނާއި ތަޖިކިސްތާނުގެ މެދުގައި މިލްކުވެރިކަމާމެދު އަރައިރުންވާ ސަރަހައްދެކެވެ. މިއިން އެއްވެސް ގައުމަކުން މި މައްސަލަތަކުގައި ތިބީ ދޫދޭ ގޮތަކަށް ނޫނެވެ.

އަމްބަލާތަކީ އެ އޮތް ބޮޑު އިންޑޮނޭޝިއާއާއި މެލޭޝިއާއާ ދެމެދު މިލްކުވެރިކަމުގެ ދަޢުވާކުރާ ސަރަހައްދެކެވެ. އެ ދެ ގައުމަށް ވެސް ލިބިފައިވާ ބިން ކުޑަކަމަށް ނުވިޔަސް ބިމުން އަކައިންޗިއެއް ވެސް ދޫކުރާކަށް ހަމަ އެއް ގައުމަކުން ވެސް ބޭނުމެއް ނުވެއެވެ.

ގޯލާންގެ އުސް ބިންތަކަކީ، ފަލަސްޠީނަށް ވެރިވެގަނެގެން އުޅޭ އިސްރާއީލާއި ސޫރިއާއާ ދެމެދު އަބަދުވެސް އަރައިރުންވެ، އެ ބިންތަކާހެދި ދޭތެރެދޭތެރެއިން ޙަމަލާ ވެސް ބަދަލުކުރާ ސަރަހައްދެކެވެ. މި ނޫނަސް އިސްރާއީލާއި ސޫރިޔާއާ ދެމެދު އަރައިރުންވާ ބިމުގެ ސަރަހައްދު އެބަ ހުށްޓެވެ. އަދި ފަލަސްޠީނާއި އިސްރާއީލާ ދެމެދުގައިވާ މި ފަދަ އަރައިރުންތަކަކީ ލިޔެ ބަޔާންކުރާންޖެހޭ ވަރަށް ވުރެ މާ ހާމަކަން ބޮޑު މައްސަލައެކެވެ. އެއްވެސް ބަޔަކު އެ ތަނުން އެއްވެސް މިންވަރެއް ތިބީ ދޫކުރާ ގޮތަކަށް ނޫނެވެ.

ތުރުކީގެ ބައެއްކަމަށް އެ މީހުން ބަލަމުން އަންނަ ހަތޭ ޕްރޮވިންސަކީ އެ ސަރަހައްދުގެ މިލްކުވެރިކަމާމެދު 1939ގައި ސޫރިޔާއިން ދަޢުވާކުރާ ސަރަހައްދެކެވެ. ދާދި ފަހުން އޮތް ބަރުލަމާނީ އިންތިޚާބާއި ރިޔާސީ އިންތިޚާބަށް ފައިސާ ހޯދާކަށް ވެސް ސަރަހައްދުން ހަމަ އެއްވެސް މިންވަރެއް ދޫކޮށްލާކަށް ނުވަތަ ވިއްކައިލާކަށް ނުވިސްނައެވެ.

ސަރަހައްދީ މައްސަލައިގައި އަދި ބިމާއި ބައެއް ކުދި ކޯރުގެ މައްސަލައިގައި އިންޑިއާއާއި ނޭޕާލާ ދެމެދު ވެސް އަރައިރުންތައް އެބަހުށްޓެވެ. އެތައް ޒަމާނެއް ވަންދެން ނޭޕާލަކީ އިންޑިއާއަށް ވަރަށް ގިނަ ކަންކަމުގައި ބަރޯސާވެގެން އޮތް ގައުމެއް ނަމަވެސް ބިމާ ޖެހުނީމާ، ހަމަ ހިލާ ދޫކޮށްލާށް އެއްބަހެއްނުވެއެވެ.

އަރްމޭނިއާއާއި އަޒަރުބައިޖާނާ ދެމެދު މި ފަދަ އަރައިރުން އުފެދިފައިވާ ކިތަންމެ ސަރަހައްދެއް އެބަހުށްޓެވެ. މިއިން އެއްވެސް ސަރަހައްދެއް ނުވަތަ އެއިން ސަރަހައްދެއްގެ ބައެއް ނަމަވެސް ދޫކޮށްލާކަށް ނުވަތަ ވިއްކައިލާކަށް އެއިން ގައުމަކުން ހަމަ ހިލާ ބޭނުމެއް ނުވެއެވެ.

ޚޫރިއާމޫރިޔާ ޖަޒީރާތަކަކީ ޢުމާނާއި ޔަމަނާ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ ސަރަހައްދެކެވެ. ނަމަ ވެސް މި ޖަރީރާތައް ދެގައުމަށް ހަމަހަމައަށް ބަހައިލައިގެން ނަމަވެސް މައްސަލަ ހައްލުކުރާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ ގައުމަކުން ވެސް ބޭނުންވަނީ އެ ހުރިހައި ޖަޒީރާއެއް ހަމަ މުޅީން ލިބޭށެވެ.

ކޮރެއާ ޕެނިންސިއުލާއަކީ އުތުރުކޮރެއާއާއި ދެކުނުކޮރެއާ ދެމެދު އަބަދު ވެސް އަރައިރުން އުފެދިފައި އޮންނަ ތަކެކެވެ. ހަމަ މިފަދައިން ދެ ކޮރެއާއާއި ޖަޕާނާ މި ތިންގައުމުގެ މެދުގައްޔާއި ރޫސީވިލާތާއި ޖަޕާނާ ދެމެދުގައި ވެސް އެތައް ޖަޒީރާތަކަކާމެދު އަބަދު ވެސް ދެބަސްވުން އުފެދިފައިވެއެވެ. މި ޖަރީރާތައް ބައިބަޔަށް ބަހައިލައިގެން މައްސަލަ ހައްލުކުރާން ވިސްނުމުގެ ބަދަލުގައި ކޮންމެ ގައުމަކުން ވެސް ދައުވާ ކުރަނީ އެއީ އެ ގައުމުގެ ހައްގެއްކަމަށެވެ.

މީގެ އިތުރަށް ލާއޯހާއި (ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ލާއޯ) ތައިލެންޑާ ދެމެދުގައި ވެސް އަދި ބަނގްލަދޭޝާއި މިޔަންމާރާ ދެމެދުގައި އެތައް ޖަޒީރާތަކަކާމެދު މިލްކުވެރިކަމުގެ އަރައިރުން އުފެދިފައިވެއެވެ. މިއިން އެއްވެސް ގައުމަކުން ވެސް މިލްކުވެރިކަމުގެ މައްސަލައިގައި ތިބީ ކުޑަ ވެސް ދުލެއް ދޭ ގޮތަކަށް ނޫނެވެ.

އަދި ކޮބައިތޯއެވެ؟ ދުނިޔޭގެ އެންމެ ބިންބޮޑު ރޫސީވިލާތާއި ދެކުނުކޮރެއާއާ ދެމެދު ނޮކްތުންޑޯ ޖަޒީރާ (މިހާރު ފެނިންސިއުލާއެއް)އާ މެދު ދެބަސްވުން އަރައިރުން އުފެދިފައިވާއިރު ރޫސީވިލާތުން ވެސް އެ ތަނުން އެންމެ އިންޗިއެއްވެސް ކުޑަކުޑަ ކޮރެއާއަށް ދޫކޮށްލާކަށް އެއްބަހެއް ނުވެއެވެ. ރޫސީންނަށް ލިބިފައި އޮތް ބިން ކުޑައީއެއް ނޫނެވެ.

ކުޑަކުޑަ ސިންގަޕޫރުގެ ކައިރީގައިވާ ކުދިކުދި އެތައް ޖަޒީރާތަކުގެ މިލްކުވެރިކަމާމެދު އެ ގައުމާއި މެލޭޝިއާއާ ދެމެދު ވާ އަރައިރުމުގައި އެ ކުޑަ ގައުމަށް އެ ޖަރީތައް ނުވަތަ ޖަޒީރާތަކުން ބައެއް ދޭކަށް ސިންގަޕޫރާ އަޅައި ބަލާއިރު އެތައް ސަތޭކަބައި ބޮޑު މެލޭޝިއާ ވެސް އެއްބަހެއް ނުވެއެވެ. އަދި ކޮބައިތޯއެވެ؟ ސިންގަޕޫރުން "ޕޮއިންޓް 20″ގެ ނަމުގައި ކަނޑުން ކިއްކައިފައިވާ ބިންކޮޅާ މެދުގައި ވެސް މެލޭޝިއާއިން ދަޢުވާކުރަނީއެވެ. މެލޭޝިއާގެ ބަނޑުދޮށުގައި އޮތް އެ ކުޑަކުޑަ ސިންގަޕޫރަށް ހަމްދަރުދީވުމުގެ ގޮތުން ނަމަވެސް އެންމެ ޖަޒީރާއެއް ނުވަތަ ސަރަހައްދުގެ އެންމެ އަކައިންޗިއެއް ނަމަވެސް ދޫކޮށްލާކަށް މެލޭޝިއާއަކުން ވެސް ބޭނުމެއް ނުވެއެވެ.

މީގެ އިތުރަށް ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދުގައްޔާއި ކުވައިތާއި ސުއޫދީ ޢަރަބިއްޔާއާ ދެމެދުގައްޔާއި މެލޭޝިއާއާއި ޕިލިޕީންސާ ދެމެދުގައްޔާއި މި ނޫނަސް ގާތްގަނޑަކަށް ދުނިޔޭގެ ހުރިހައި ގައުމުތަކެއްގެ މެދުގައި ވެސް އެ ގައުމެއްގެ ސަރަހައްދުގެ މައްސަލައިގައި ކޯޅުންތައް ހުރެއެވެ.

ދުނިޔޭގެ އެންމެ ބިން ބޮޑު ރޫސީވިލާތާއި ޗައިނާއާއި ވެސް އެ އޮތް ކުޑަކުޑަ ތައިވާނާ ވެސް ބިމުގެ މައްސަލައިގައި އަރައިރުން ވަނީއެވެ. އަދި އެންމެ ބިން ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއާއި މި ދެންނެވި ދެގައުމާ ދެމެދުގައި ވެސް ބިމުގެ މައްސަލައިގައި އަރައިރުންވަނީއެވެ.  ހަމަ މިފަދައިން އެއޮތް ބޮޑު ޗައިނާ، އެއޮތް ކުޑަކުޑަ ތައިވާނާއި ބޫޓާނާ ވެސް އަރައިރުންވަނީއެވެ. މަކާއޫގެ މިލްކުވެރިކަމާމެދު ޗައިނާ (ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ) އާއި ތައިވާން (ރިޕަބްލިކް އޮފް ޗައިނާ) ވެސް ބަގުޑިބައްދަނީއެވެ. ހަމަ އެންމެ ތަންފުކެއް ވެސް ދޫކުރާކަށް ބޭނުމެއް ނުވެއެވެ.

މާފުކުރެއްވުން އެދެމެވެ. އަޅުގަނޑު ހީކުރީ ދުނިޔޭގައި ސަރަހައްދީ މައްސަލައިގައި ހުރި އަރައިރުންތައް މި ކަހަކަ އެންމެ ލިޔުމެއްގައި ލިޔެ ނިންމައިލެވިދާނެ ކަމަށެވެ. ނަމަވެސް އެ ވާހަކަ ޚުލާޞާ ގޮތެއްގައި ވެސް ލިޔެލާން ވެސް މި ފަދަ އެތައް ޞަފުޙާއެއް ބޭނުންވާނެއެވެ. އެ ހުރިހައި މަޢުލޫމާތެއް ތިޔަ ބޭފުޅުންނާ ޙިއްސާ ނުކުރިޔަސް، ދުނިޔޭގައި އިން ސަރަހައްދުގެ މައްސަލައިގައި ނުވަތަ ކޮންމެވެސް ސަރަހައްދެއްގެ މައްސަލައިގައި އެހެން ބަޔަކާ ޚާއްޞަކޮށް ޖެހިގެން އޮންނަ އަވައްޓެރި ގައުމާ އަރައިރުން ނުވާ ގައުމެއް މަދުން ނޫނޭ ނެތެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު މި ފަދަ ދެބަސްވުމެއް ނެތްކަމުގައި ވީނަމަވެހެވެ.

ޗައިނާއާއި އެ ގައުމާ އެއް އިންވެގެން ހުރި ހަމަ ހުރި ގިނަ ގައުމުތަކާ ދެމެދު މިލްކުވެރިކަމުގެ އަރައިރުން އަބަދުވެސް ވަނީ އުފެދި ޙައްލު ނުވެފައެވެ. އެއް ބަޔަކު ވެސް ދޫކޮށްލާން ބޭނުން ނުވާތީއެވެ. ޗައިނާގެ ބިން ކުޑައީތޯއެވެ؟ ހަމަ މިފަދައިން އިންޑިއާއާ އެއް އިންވެގެން ހުރި ހަމަ ހުރިހާ ގައުމާކާ ދެމެދު ވަނީ ބިމުގެ މިލްކުވެރިކަމުގެ މައްސަލައިގައި އަރައިރުން އުފެދިފައެވެ. ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އަރައިރުން ނުވަނީ ދިވެހިރާއްޖެއަކީ އެ ގައުމުގެ ސަރަހައްދުގެ "ބެކްޔާޑް"ކަމަށް އެ މީހުން ގަބޫލުކުރާތީކަމަށް ވެދާނެއެވެ.

އަޅުގަނޑުގެ ނުކުތާ ހަމަ ތިޔަ ހިތްޕުޅަށް ގެންނެވީއެވެ. ދުނިޔޭގެ އެންމެ ބިން ބޮޑު ގައުތަކުން ވެސް އެ މީހުންގެ ބަނޑުދޮށުގައި އޮންނަ ނިކަމެތި ކުޑަކުޑަ ގައުމަކަށް ސަހަރޯވެރިވެގެން ނަމަވެސް ސަރަހައްދުގެ މައްސަލައިގައި ކުޑަ ވެސް ދުލެއް ދޭކަށް ބޭނުމެއް ނުވެއެވެ. އެ މީހުންނަށް ވެސް ސަރަހައްދު ކުޑަވި ވަރަކަށް ބަލަހައްޓާން ފަސޭހަވާނެތާއެވެ.

ދިވެހިރާއްޖެ ހާދަހާ ތަފާތެވެ. ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުކަމުގައި ގާނޫނަކުން ކަނޑައަޅައި އދ.އަށް ހުށަހަޅައި، ދުނިޔޭގެ އެއްވެސް ގައުމަކުން އެ ކަމާ ދެކޮޅު ހަދައިފައި ނުވާ މައްސަލައެއްގައި ސަރަހައްދީ މައްސަލައިގައި މޮރިޝަސްއިން ދަޢުވާ ކުރާންފެށީއެވެ. ނަމަވެސް ދިވެހީން އައީ ދިވެހީންގެ ދަޢުވާގައި އުޞޫލުގައި ހަރުދަނާކަމާއެކު ހިފަހައްޓަމުންނެވެ. ފޯޅަވައްސާއި ދިވެހީންނާ ދެމެދުގައި އޮންނަ ކަނޑުގެ ބޮޑު ސަރަހައްދަކީ ދިވެހީންގެ ހައްގެއްކަމަށް ވަކާލާތުކުރާނެ މާގިނަ ސަބަބުތައް ވެސް އެބަ ހުއްޓެވެ. ޖުޣުރާފީ ގޮތުން ފޯޅަވަހި އުފެދިފައިވަނީ ދިވެހިރާއްޖެ އުފެދިފައިވާ އަށިމަތީގައެވެ. އެއީ އޭޝިއާގެ ބިމުގެބަނޑުދޮށުގައިވާ އޭޝިއާ ބައްރަށް ނިސްބަސްވާ ސަރަހައްދެކެވެ. ސަގާފީ ގޮތުން އެއީ ދިވެހީން ރުކުއަޅައި، ދަރު ކޮށާން ގޮސް އުޅުނު ރަށެކެވެ. ތާރީޚީ ގޮތުން އެއީ ކޮންމެވެސް ދުވަސްވަރަކު ދިވެހި ރަސްކަމުގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ. ދިވެހީން އެ ތަނަށް ގޮސް އެ ތަން ބޭނުންކޮށް އުޅުނު އިރު އަދި ޝީސެލްސް ކިޔާ ގައުމެއް ވުޖޫދަކަށް ނާދެއެވެ. އެކަމަކު ދިވެހިރާއްޖެއަކީ އޭގެ އެތައް ހާސް އަހަރެއްގެ ކުރީއްސުރެ މީހުން އާބާދުވެ ދައުލަތެއް އުފެދި ޙަޟާރަތެއް ގާއިމުވެފައި އޮތް ޤައުމެކެވެ. އަނެއްކޮޅުން ސީޝެލްސަކީ މާ ފަހުން މީހުން އާބާދުވެފައިވާ ޤައުމެކެވެ. އެފުރިކާގެ ބައްރުގެ ބަނޑުދޮށުގައި އޮތް އެފުރިކާއަށް ނިސްބަތްވާ ގައުމެކެވެ. އެފުރިކާގެ އެންމެ ކުޑަ ގައުމެވެ. އެއީ ދިވެހިރާއްޖެ ހިމެނޭ ބައްރު (ކޮންޓިނެންޓް)ގައި އޮތް ގައުމެއް ވެސް ނޫނެވެ. އެހެންވީ އިރު، ސީޝެލްސަށްވުރެ ފޯޅަހީގެ މައްޗަށް ވަކާލާތުކުރުމުގެ ޙައްގު ދިވެހީންނަށް މާ ބޮޑެވެ. ސިޝެލްސަކީ އެފްރިކާގެ ގައުމަކަށްވާއިރު، ފޯޅަވައްސަކީ އޭޝިއާގެ ބައްރަށް ނިސްބަތްވާ އަތޮޅުތަކެކެވެ. ދިވެހިރާއްޖޭގެ އަށިމަތީގައި ދިވެހިރާއްޖެއާ ކައިރީގައި އޮތް ސަރަހައްދެކެވެ. އެހެންވީ އިރު އެ ބަޔެއްގެ އަށިމަތީގައި އޮންނަ ކާއެއްޗެއް، މާ ދުރުގައި ހުންނަ އެހެން ގެޔެއްގެ ބަޔަކަށް ގެން ގޮސް ދިނުމަށް ވުރެ، އެ އަށިމަތީގައި ބަނޑުހައިވެފައި އޮތް އަނެއް އަޚާއަށް ދިނުން މާ އައުލާކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކު ވެސް ގަބޫލުކުރާނެއެވެ.

މި ވާހަކަ ލިޔާން އަޅުގަނޑުގެ ޒަމީރު އަޅުގަނޑަށް މަޖުބޫރުކުރީ، މީސްމީޑިއާގެ އެކި އަށިތަކުގައި ދިވެހީންގެ ގޮތުގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންގުޅޭ ބަޔަކު ދިވެހި ގައުމާ ދެކޮޅަށް އެހެން ގައުމެއްގެ ދިފާއުގައި، އަދި ބަޔަކު ވެފައިވާ ބޮޑު ޚިޔާނާތް ދިފާޢުކުރުމުގައި ވަކާލާތުކޮށް ބަހުސްކުރުމުގައި ވަރަށް މުރާލިކަމާއެކު ރެއާއި ދުވާލު ހޭދަކުރަމުން ގެންދާ ތަން ފެނުމުން ހައިރާންވީލެއް ބޮޑުކަމުންނެވެ. އަދި ޤައުމީ ވިސްނުން ހުރި ބަޔަކު ގައުމުގެ ދިފާޢުގައި "ބާނަބާނައި ތިއްބައި ވިއްކައިލީ ކަނޑު"ގެ ނަމުގައި ޖަލްސާއެއް ބޭއްވުމުން "ކޮބާ މިހާރު ކަނޑު ލިބުނީހޭ" ސުވާލުކޮށް އަޅުގަނޑު އިން ތަނެއްގައި ނުސީދާކޮށް އަޅުގަނޑަށް އިޝާރާތްކޮށް ސުވާލު ވެސް ކުރީތީއެވެ. މި ފަދަ މީސްމީހުންގެ ހިތެއް ވެސް ހަމަ ނޯންނަނީހޭ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދުނީމައެވެ. ބަލަގަ! ދިވެހިރާއްޖެއިން ކަނޑުގެ ބައެއް ގެއްލުނީމާ އެއީ އަޅުގަނޑަށް އެކަނި ލިބުނު ގެއްލުމެއްހެއްޔެވެ؟ ނުވަތަ ތިޔަ ބުނާ ޖަލްސާއަކީ އަޅުގަނޑުގެ ބައިވެރިވުން އޮވެގެން އަޅުގަނޑުގެ ޙިއްސާއެއް އޮވެގެން އިންތިޒާމު ކުރި ޖަލްސާއަކީހެއްޔެވެ؟ ހައިރާނުން ހައިރާނެވެ.

މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ފެންނަ ކަމެއް ނޫނެވެ. ސަރުކާރާ ދެކޮޅަސް އެއްކޮޅަސް އަމިއްލަ ގައުމާ ދެކޮޅަށް ވަކާލާތުކުރާ ބަޔަކު ދިވެހީން ނޫނީ ތާރީޚުން ފެންނާކަށް ނެތެވެ. ގައުމުގެ އިޤުތިސާތު ހަލާކުކޮށްލާން، އެތާނގެ ފަތުރުވެރިކަމާއި މަސްވެރިކަން ބައިކޯޓުކުރާން ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލައި ކެންޕޭނު ކުރި ބަޔަކަށް ދައުލަތުގެ ބާރުތައް ދިން ގައުމެއް ތާރީޚުން ފެންނާކަށް ނެތެވެ. އާދޭހެވެ! ތިޔަ ވިދާޅުވީ ރަނގަޅަށެވެ. ދިވެހިރާއްޖެ ފިޔަވައެވެ. ދިވެހިރާއްޖެ ހަމަ ތަފާތީއެވެ. ދިވެހީން ތަފާތީއެވެ.

އަދި އެންމެ ހައިރާންވާންޖެހޭ އަނެއްކަމަކީ، ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލި މައްސަލައިގައި، ކަނޑުގެ ޤާނޫނުތަކުގެ ދާއިރާގައި ރާއްޖޭގައި ހުންނެވި އެންމެ ކުޅަދާނަފުޅު، އަދި ދުނިޔޭގެ ފެންވަރުގައި ވެސް އެ ބޭފުޅެއްގެ ޢިލްމުވެރިކަމަށް އިޢުތިރާފުވެފައިވާ ޤާނޫނީ މާހިރަކާއި، ރާއްޖޭގައި ތިއްބެވި "ދުސްތޫރީ ޤާނޫނު"ގެ ދާއިރާގައި އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ދާއިރާގެ ތަޖުރިބާކާރު ޢިލްމީ ބޭފުޅަކު، ތާރީޚީ ގޮތުންނާއި ޤާނޫނީ ގޮތުން ހެކިދައްކަވައި ޙުއްޖަތް ގާއިމުކުރެއްވުމުން، ބައެއް ގަލަންތަކުންނާއި ދޫތަކުން އެ ބޭފުޅުންނަށް މަލާމާތްކުރީތީއެވެ. މިއީ ޖާހިލުކަމުގެ އިންތިހާއެވެ. އާދޭހެވެ! ނޭނގޭކަން ވެސް ނޭނގެނީއެވެ. އެހެން ނޫންނަމަ، ޤާނޫނީ ގޮތުން އެ ބޭފުޅުންނަށް ގޮންޖަހައިލެވޭނެ ގާނޫނީ ވަކީލަކު ވެސް މި ރާއްޖޭގައި ނުހުންނާނެކަން އެ ބަޔަކަށް އެނގުނީހެވެ.

ދުނިޔޭގެ އެންމެ ބިން ބޮޑު ގައުމުތަކާއި ކުދިކުދި ގައުމުތަކާ ދެމެދު ވެސް އެ ގައުމުތަކުގެ ސަރަހައްދުގެ މައްސަލައިގައި އަރައިރުންވާ އިރު، އެއްވެސް ގައުމަކުން ސަރަހައްދު ބޮޑުކަމުން ބައެއް ދޫކޮށްލުމަށް ފަހު، މިހާރު ސަރަހައްދު ކުޑަވީމާ ބަލަހައްޓާން މާ ފަސޭހަވީއޭ ބުނެ ހިތްހަމަ ޖައްސައެއް ނުލައެވެ. އާދޭހެވެ! ދިވެހިރާއްޖެ ފިޔަވައެވެ. ދިވެހިރާއްޖޭގައި ޤައުމުގެ ދިފާޢީ ބާރުގެ އެންމެ އިސް ކޮމާންޑަރު ވިދާޅުވަނީ ސަރަހައްދު ކުޑަވީމާ މިހާރު ބަލަހައްޓަވާން މާ ފަސޭހަފުޅުކަމުގައެވެ. ދިފާޢީ ކަންކަމާ ބެހޭ ވަޒީރު، ދުނިޔޭގެ ބޮޑު ބިޔަ ބޮޑު ގައުމަކަށް ވަޑައިގެން ދަޢުވަތުދެއްވަމުން ވިދާޅުވަނީ ތިމަންނަމެންގެ ގައުމު ހިފާން އިނބަގެ ގައުމުން އުޅެފި ނަމަ، ތިމަންނަމެން ކުރާނެކަމެއް ނޯންނާނެ ވާހަކައެވެ. ދުނިޔޭގެ އެހެން ގައުމެއް ނަމަ، މި ފަދަ ވާހަކައެއް ދެއްކި މީހަކަށް އަނެއް ދުވަހަކު މަގާމަކު ނުހުރެވޭނެއެވެ. އާދޭހެވެ! ދިވެހިރާއްޖެ ހަމަ ތަފާތީއެވެ. ދުނިޔޭގެ އެހެން ޤައުމެއް ނަމަ، އެ ފަދަ ވާހަކަދެއްކުމަކީ ޤައުމަށް ޣަދަރުވެރިވުންކަމަށް ކަނޑައަޅާނެއެވެ. އާދޭހެވެ! ދިވެހިރާއްޖެ ހަމަ ތަފާތީއެވެ.

އަޅުގަނޑު މި ހުރިހައި ވާހަކައެއް މި ދެންނެވީ އެންމެ ވާހަކައެއް ދަންނަވައިލާން ވެގެންނެވެ. އެއީ "ސަރަހައްދީ އަރައިރުމަކީ ހަމައެކަނި މި ސަރަހައްދުގައި އޮތްކަމެއްނޫނޭ، އެކަމަކު ދިވެހިރާއްޖެ ނޫނީ މި ފަދަ މައްސަލަތަކުގައި އަމިއްލަ ގައުމާ ދެކޮޅަށް ވަކާލާތުކޮށް ހެކިދެއްކޭތޯ އުޅޭ ބަޔަކު ނެތޭ، އެ ކަމާ ވަރަށް ބޮޑަށް ހައިރާންވަމޭ" ދަންނަވައިލުމެވެ. އަދި ސަރަހައްދު ކުޑަވީމާ ބަލަހައްޓާން ފަސޭހަވާނެޔޭ، "މަސްއޫލު ފަރާތްތަކުން" ބުނާ ގައުމެއް ވެސް ނެތޭ ދަންނަވައިލުމެވެ. އެހެންވީމާ މާލެ އެކަނި ބާއްވައިފައި އެހެން ހުރިހައި ބައެއް ވިއްކައިލުމަށް ފަހުގައި ވެސް މިހާރު ސަރަހައްދު ބަލަހައްޓާން މާ ފަސޭހައޭ ބުނެފާނެތީ ހިތުގައި އުފެދުނު ބިރުވެރިކަމަކުން ވެސްމެއެވެ.

ނަމަވެސް އަދި އެއް ވާހަކައެއް ދަންނަވައިލާނަމެވެ. ޤާނޫނުއަސާސީއާއި ޤާނޫނަކުން ކަނޑައަޅައިފައިވާ ކަނޑައެޅުމަކާ ޚިލާފަށް ކޮންމެ މީހަކު ކަމެއް ކުރި ނަމަ ވެސް އެއީ ގާނޫނީ ނިންމުމަކަށް ނުވާނެކަން އެންމެން ވެސް ދަންނާން ވާނެއެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސިޔާދަތީ ސަރަހައްދާއި އިޤުތިޞާދީ ސަރަހައްދު ކަނޑައަޅައިފައިވަނީ ޤާނޫނީ ގޮތުންނެވެ. އެ ކަނޑައެޅުމަށް ޤާނޫނީ ގޮތުން ބަދަލެއް ގެނެވޭތީ ރައްޔިތުންގެ މަޖިލީހުސް ފާސްކުރާ ފާސްކުރުމަކުންނެވެ. އެ ކަނޑައެޅުމާ ދެކޮޅަށް މީހަކު ކުރާ ކޮންމެ ކަމަކީ ޤާނޫނާ ޚިލާފަށް ކުރި ކަމަކަށް ނުވާނެ ހަމަ އެއް ގޮތެއް ވެސް ނޯންނާނެއެވެ. ކިތަންމެ ވަރަކަށް ބަހުސް ކުރިއަސްވެހެވެ. މާއްދީ ގޮތުން "ބާރުހުރި" ބަޔަކު ގާނޫނާ ޚިލާފު ވިޔަސް ފިޔަވަޅު ނޭޅުމަކީ އެއީ ޤާނޫނީ ކަމަކަށް ވުމުގެ ސަބަބެއް ނޫނެވެ.

ދިވެހި ޤައުމީ މަސްރަޙުގައި މިހާރު ކުރިމަތިވެގެން މި އުޅެނީ ހަގީގަތުގައި ފޯޅަވަހީގެ މައްސަލައެއް ނޫނެވެ. ދިވެހިރާއްޖޭގެ "ޚާއްސަ އިގުތިސާދީ ސަރަހައްދު"ގެ ބޮޑު ބައެއް ޤާނޫނާ ޚިލާފަށް ދޫކޮށްލި މައްސަލައެވެ. މި މައްސަލަ އޮޅުވައިލުމަށް ޓަކައި ކުލީ ގަލަންތަކުން މި ދޭތެރެއަށް ފޯޅަވަހީގެ މައްސަލަ ވައްދަނީއެވެ. އެއީ އެހެން މައްސަލައެކެވެ. ނަމަވެސް އެ މައްސަލައިގައި ވެސް އެއީ ދިވެހީންގެ ތަނެއްކަމަށް ދެއްކޭނެ ހެކި މާ ގިނައެވެ. ދިވެހި ކުލީ ގަލަންތަކުން އެއީ ސީޝެލްސްގެ ތަނެއް ކަމަށް ރެޔާއި ދުވާލު ވަކާލާތު ކުރިއަސް ފޯޅައްސަކީ ދިވެހިރާއްޖެ މި އޮތް އަށިމަތީގައި އޭޝިއާ ބައްރުގައި ދިވެހިރާއްޖެއާ ކައިރީގައި ހުރި ޖަޒީރާތަކެކެވެ. ސީޝެލްސަކީ ފޯޅަވައްސާ މާ ދުރުގައި އޮތް އެފުރިކާގެ ގައުމެކެވެ. ފޯޅަވައްސަކީ އާބާދީއެއް ދިރި ނޫޅޭ ޖަޒީރާތަކެކެވެ. މި ވަގުތު ވެސް އެއީ އިނގިރޭސީންގެ ބާރުގެ ދަށުގައިވާ ސަރަހައްދެކެވެ. އެހެންވީއިރު ތާރީޚީ އަދި ސަގާފީ ސަބަބުތަކަށް ނުބަލައި ހަމައެކަނި ޖުޣުރާފީ މި ސަބަބުތަކަށް ބެލި ނަމަވެސް ފޯޅަވައްސާމެދު ދައުވާކުރުމުގެ ހައްގު ވެސް ދިވެހީންނަށް މާ ބޮޑުކަން އާދައިގެ ސިކުންޑިއަކުން ވިސްނައިލިޔަސް އެނގޭނެއެވެ.

އަޅުގަނޑުމެންގެ ހިތުގައި ޤައުމަށް ޓަކައި އުފެދޭ މި ފަދަ ޤައުމީ ޝުޢޫރެއް ހާމަކޮށްލިޔަސް މި ފަދަ ވާހަކަތައް ހުއްޓުވައި ހިތް މަރައިލާން، ކުލީ ގަލަންތަކުން ދައްކާ ވާހަކައަކީ ތިޔައީ ސިޔާސީ ވާހަކައެކޭ ބުނެ މަލާމާތްކުރުމެވެ. ނަމަވެސް ސިޔާސީ ވާހަކައެއްކަމަށް ބުންޏަސް އިޤުތިޞާދީ ވާހަކައެކޭ ނުވަތަ ތިޖާރީ ވާހަކައެކޭ ކިޔަސް، ފަހަތުން ހޯއްގޮވިޔަސް، ޤައުމީ ވާހަކަދެއްކުމުގައި އަޅުގަނޑު ފަހެއް ނުޖެހޭނެއެވެ. މިއީ އަޅުގަނޑުގެ ވެސް ލޯބިވާ ގައުމުކަމުގައިވާތީއެވެ. އަޅުގަނޑުގެ ހިތުގައި ޤައުމީ ވިންދު ޖަހާތީއެވެ. ނާރުތަކުގައި ޤައުމީ ލޭ ހިނގާތީއެވެ. މި ފަދަ ކަންކަމާ ބަސްބުނުމަކީ ލިޔުންތެރީންނާއި ނޫސްވެރީންގެ މަސްއޫލިއްޔަތަކަށްވާތީއެވެ. އަދި އަޅުގަނޑުގެ ގަލަމަކީ ދުވަހަކު ވެސް ކުއްޔަށް ދޭނެ ގަލަމެއް ވެސް ނޫނެވެ. އާދޭހެވެ! ފައިސާއި މުދަލާއި ކުއްޔަށްވުރެ އަޅުގަނޑުގެ ނަފުސުގެ އަގު އަޅުގަނޑަށް މާ މަތިވެރިއެވެ. މާ އަގުބޮޑެވެ. އަޅުގަނޑުގެ މުއްސަނދިކަމަކީ ނަފުސުގެ މުއްސަނދިކަމެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވައިފައިވާ ފަދައިންނެވެ. އެކަލޭގެފާނުގެ އަރިހުން މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ރިވާކުރެއްވި ޙަދީޘެއްގައި ވަނީ "ليس الغنى عن كثرة العرض، ولكن الغنى غنى النفس" ("މުއްސަނދިކަމަކީ، ނުވަތަ އަމިއްލަ ފުދުންތެރިކަމަކީ، މުދަލުގެ ގިނަކަމެއް ނޫނެވެ. އެހެނެއްކަމަކު މުއްސަނދިކަމަކީ، ނުވަތަ އަމިއްލަ ފުދުންތެރިކަމަކީ، ނަފުސުގެ މުއްސަނދިކަމެވެ.") މި ފަދައިންނެވެ. (رواه البخاري ومسلم).

The post ކޮލަމް މާޒީ: ސަރަހައްދީ އަރައިރުމަކީ ހަމައެކަނި މި ސަރަހައްދުގައި އޮތް ކަމެއްނޫނެވެ. އެކަމަކު ދިވެހީން ތަފާތެވެ. first appeared on އަދިވެސް އޮންލައިން.



More from Adhives Online