ކޮލަމް ކެޔޮނިރު: ޤައުމުގެ ހާލަތު ބަދަލު ކުރުމުގެ ހިޔާލާތެއް! 

Thu, 25 Apr 2024 09:16 AM

View on this article on Adhives Online

ކޮލަމް ކެޔޮނިރު: ޤައުމުގެ ހާލަތު ބަދަލު ކުރުމުގެ ހިޔާލާތެއް! 

ނިމި ދިޔަ މަޖުލިސް އިންތިހާބުގެ ބޮޑު މަންޒަރު ދައްކާލި ކުރެހުމެއްގެ ތިރީގައި ލިޔެފައި އޮތެވެ. ރައީސް ނަޝީދާ ނުލައި އެމް.ޑީ.ޕީގެ ސައިޒު އެނގިއްޖ" ކަމަށެވެ. ނަމަވެސް، އެ މަންޒަރުގެ އަނެއް ފަރާތަށް ބަލައިލުމުން ފެންނަނީ އެމް.ޑީ.ޕީއާ ނުލައި ރައީސް ނަޝީދުގެ ސައިޒު ވެސް ވަރަށް ކުޑަ ކަމެވެ. ނިމެމުން މިދާ 19 ވަނަ މަޖުލީހަށް، ރައީސް ނަޝީދުގެ ތާއީދާ އެކުގައި އެމް.ޑީ.ޕީގެ 65 މެމްބަރުން ހޮވުނެވެ. ނަމަވެސް، 21 އޭޕްރިލްގައި ބޭއްވުނު 20 ވަނަ މަޖުލިސް އިންތިހާބުން، ރައީސް ނަޝީދުގެ އެހީއާ ނުލައި، އެމް.ޑީ.ޕީ އަށް ލިބުނީ އެންމެ 12 ގޮނޑި އެވެ. ހަމަ އެހެންމެ، އެމް.ޑީ.ޕީން ވަކިވެވަޑައިގަނެ، އެމް.ޑީ.ޕީއާ ނުލައި، ރައީސް ނަޝީދުގެ އާ ޕާޓީ އަށް ލިބުނީ ސުން ގޮނޑިއެވެ! އެންމެ ގޮނޑިއެއް ވެސް ދަ-ޑިމޮކްރެޓްސް އަށް ކާމިޔާބު ނުކުރެވުނެވެ. މިއަދު ފެންނަން އޮތް ސިޔާސީ ހަޤީގަތަކީ ރައީސް ނަޝީދާ ނުލައި އެމް.ޑީ.ޕީގެ ސިޔާސީ ކުރިމަގެއް ނެތް ކަމާއި، އަދި އެމް.ޑީ.ޕީއާ ނުލައި ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގެއް ވެސް ނެތް ކަމެވެ.



މިދިޔަ އަހަރުގެ ރިއާސީ އިންތިހާބާއި މިއަހަރުގެ މަޖުލިސް އިންތިހާބުން އެމް.ޑީ.ޕީ އަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ލީޑަޝިޕް ބަދަލުކޮށް، އާ ލީޑަޝިޕެއް ހޮވަން އާއްމު މެމްބަރުން ގޮވާ އަޑު، ސޯޝަލް މީޑިއާގައި ގަދަވެފައިވާ އިރު، އުފެދޭ ސުވާލަކީ، ރައީސް ނަޝީދު އަލުން އެމް.ޑީ.ޕީއާ ގުޅިވަޑައިގެންފި ނަމަ އެ ޕާޓީ އަށް ކުރީގެ ރަން ޒަމާނާއި، މަޤާމާއި ބާރު ހޯދިދާނެތޯ އެވެ؟

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު މި ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ރައީސް ޔާމީނާ ނުލައި ޕީޕީއެމް/ޕީއެންސީ ވެސް އިންޤިލާބީ ކާމިޔާބެއް ހޯދައިފިއެވެ. ކުރީގެ "ކިންގް މޭކަރ" ޤާސިމް އިބްރާހިމްގެ ސިޔާސީ ތަރި އޮއްސިއްޖެއެވެ. ރައީސް ނަޝީދަކީ އެހާ ބޮޑު ތާއީދެއް މިހާރު އޮތް ބޭފުޅެއް ނަމަ އެމް.ޑީ.ޕީއާ ނުލައި ވެސް މަދުވެެގެން ހައެއްކަ ގޮނޑި ނަމަވެސް ދަ-ޑިމޮކްރެޓްސް އަށް ލިބުނީ ހެވެ. މި ހަޤީގަތް ތަކަށް ވިސްނާލުމުން އެނގޭ އެއްޗަކީ، ސިޔާސީ "ކަލްޓް" ލީޑަރުން ފަހަތުން ދިވެހިން ދުވި ޒަމާން ފާއިތުވެއްޖެ ކަމާއި، ރައްޔިތުން ސިޔާސީ ގޮތުން މާ ހޭލުންތެރި ވެއްޖެ ކަމެވެެ. ރައްޔިތު މީހާ ބޭނުންވަނީ ޤައުމުގެ މިނިވަން ކަމާއި، އިސްތިޤްލާލާއި، ދިވެހީންގެ ދީން ހިމާޔަތްކޮށް، ފުދުންތެރި ރައްޔިތަކަށް ވުމަށެވެ!

އެކަން ކޮށްނުދެއްވިއްޖެ ނަމަ ފަސް އަހަރު ފަހުން ޕީ.އެން.ސީ އަށް ވެސް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ހަމަ ޖެހޭނީ އެމް.ޑީ.ޕީ އާއި ރައީސް ނަޝީދާއި ރައީސް ސޯލިހަށް ޖެހުނު ހާލެވެ. އަލަށް ގުޅުނު އަމިއްލަ މެމްބަރުންނާއި ސަން ސިޔާމް ޕާޓީގެ ދެ ގޮނޑި އާއި، ޖުމްހޫރީ ޕާޓީގެ އެއް ގޮނޑި އާއި، ކާނަލް ނާޒިމްގެ ގޮނޑި ހިމަނައިގެން، ސަރުކާރަށް މިވަގުތު 77 ގޮނޑީގެ ސުޕަ މެޖޯރިޓީއެއް އެބައޮތެވެ. މި ސުޕަ މެޖޯރިޓީގެ އެހީގައި، މިހާރު، އެއްވެސް އުޒުރެއް ނެތި ދިވެހި ޤައުމު ހަމަ މަގަށް އެޅުވުމުގެ ހުރިހާ ބާރަކާއި އިހްތިޔާރެއް ދިވެހި ރައްޔިތުން މިވަނީ ރައީސް ޑރ. މުއިއްޒަށާއި ޕީ.އެން.ސީ އަށް ދީފައެވެ.

ސުޕަރ މެޖޯރިޓީގެ އެހީގައި، މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ޤާއިމް ކުރަންވީ އެވެ. ގޭންގްތައް ހުއްޓުވައި، ނައްތާލަންވީ އެވެ. ދިވެހި ރާއްޖެ އަށް ޑްރަގް އެތެރެވުން ހުއްޓުވައި، ޑްރަގްގެ ވިޔަފާރި ހުއްޓުވައި، ޑްރަގް ގަންނަން ބޭނުންވާ އެޑިކްޓުން ރީހެބިލިޓޭޓްކޮށް، ޑްރަގްގެ ވިޔަފާރި އާލާވާ މާހައުލު އެއްކޮށް ނައްތާލަންވީ އެވެ. ރަލުގެ ވަގު ވިޔަފާރި ހުއްޓުވަން ވީއެވެ. މިހާރު މިއޮތް ޓޫރިޒަމް ސިނާއަތާ އެއްކޮށް ހިންގޭނެ "ހަލާލް-އިސްލާމިކް ޓޫރިޒަމް" ސިނާއަތެއް އުފައްދަން ވީއެވެ. ޑޮލަރުގެ ކަޅު ބާޒާރު އެކޮށް ނައްތާލަން ވީއެވެ. ބިދޭސީ ލޭބަރުންގެ މައްސަލަ އެކޮށް ހައްލު ކުރަންވީއެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ މަތީ މަޤާމް ތަކުގައި ބިދޭސީން ގިނަވެފައިވާ މައްސަލަ ހައްލު ކުރަންވީއެވެ. މަސްވެރިން ކިރާ މަހަށް ދުވަހުން ދުވަހަށް ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ޤާއިމް ކުރަންވީއެވެ. އިންޑިއާގެ ކުނި ބިހާއި ކުނި ފިޔާ، އަދި ފޭކް ބޭހާ ނުލައި ދިވެހީންނަށް ކުރިއަށް ދެވޭނެ ގޮތް ހޯދައިދޭންވީ އެވެ.

ސުޕަރ މެޖޯރިޓީގެ އެހީގައި، ބޭރު ޤައުމުތަކުގައި ހުރި ދިވެހި އެމްބަސީތަކުގައި ތިބި ބޭކާރު މުވައްޒަފުން މަދުކޮށް، ބޭކާރު އެމްބަސީތައް ބަންދު ކުރަންވީ އެވެ. ސަރުކާރު ބްލެކް މެއިލް ކޮށްގެން ބޮޑެތި ލޯނުތަކަށް ސޮވެރިން ގެރެންޓީ އާއި ފަޅުތައް ހޯދަން އުޅޭ ބޮޑެތި ވިޔަފާރިވެރިންގެ ކިބައިން ޤައުމު ސަލާމަތް ކުރަންވީ އެވެ. ތައުލީމީ ނިޒާމް މިހާރަށް ވުރެ ބޮޑަށް އިސްލާމީ ނިޒާމާ އެއްގޮތަށް ބައްޓަން ކުރަންވީއެވެ. އާސަންދައިން ބޭރުގެ ހޮސްޕިޓަލް ތަކަށް މިލިއަނުން ހަރަދު ކުރަން ނުޖެހޭ ގޮތަށް ސިއްހީ ނިޒާމް ބަދަލު ކުރަންވީ އެވެ. ހަމައެކަނި ފަތުރުވެރިކަމުގެ ނިޒާމަށް ބަރޯސާވެފައި އޮތް އިގްތިސޯދުގެ ފައުންޑޭޝަން ފުޅާކޮށް އާ ސިނާއަތްތައް އުފައްދަންވީއެވެ.

ސުޕަރ މެޖޯރިޓީގެ އެހީގައި، ހުކުރު ހުތުބާ އަކީ ސަރުކާރުން ލިޔެފައި ދިނީމައި ބަލައިގެން ކިޔާ އެއްޗެއްގެ ގޮތުގައި އޮތް އޮތުުން ބަދަލުކޮށް، އިސްލާމް ދީނުގައި ސަރުކާރުން ބަގުޑިބައްދައިގެން އޮތް އޮތުން ބަދަލު ކުރަންވީ އެވެ. ފައިގަތަޅާ ކަހަލަ ކުދި ކުޅިވަރުތަކަށް ބޮޑެތި ހަރަދު ނުކޮށް، ދިވެހީންނަށް ކުރިއަށް ދެވޭނެ، ފިރިހެނުންގެ ފުޓުބޯޅަ، ވޮލީ އަދި ބާސްކެޓް ބޯޅަ ފަދަ ކުޅިވަރުތަކަށް ފޯކަސް ކޮށްގެން، ކުދި ކުޅިވަރުތަކަށް ދައުލަތުން ބޮޑެތި ހަރަދު ކުރުން ހުއްޓާލަންވީއެވެ. ސީލެވެލް ރައިސްއޭ ކިޔައިގެން ދުނިޔޭގައި މިހިންގާ ބޮޑު ސްކޭމްގެ ހަޤީގަތް ދުނިޔެއަށް ހާމަކޮށްދިނުމަށް ދިވެހި ސަރުކާރުން އިސްނަގަންވީއެވެ. އަދި، ކޮވިޑޭ ކިޔައިގެން ދުނިޔޭގައި ބޮޑު ސްކޭމެއް ހިންގައި، ޤައުމުތަކުގެ އިގްތިސޯދު ފުނޑާލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ނުދެވޭ ގޮތަށް ރާއްޖޭގެ ޤާނޫނު ބަދަލު ކުރަންވީ އެވެ.

ސުޕަރ މެޖޯރިޓީގެ އެހީގައި، ކޮންމެ ދިވެހި ރައްޔިތަކީ ދިވެހި ބިމުން ކޮންމެވެސް ވަރެއްގެ ބިންކޮޅެއް ނުވަތަ މަދުވެެގެން ފްލެޓެއް ނަމަވެސް ލިބިފައިވާ މީހަކަށް ހަދަންވީ އެވެ. ދިވެހި ރާއްޖެ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްދެއް ނެތި ރީކޮންޑިޝަން، ޑެމޭޖްޑް، ކާރު ގެނެސް އޮއްސާ ޖަންކް ޔާޑެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ހައްދެއް ނެތި މިފަދަ ވެހިކަލް އެތެރެކުރެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަންވީއެވެ. އަދި، ރައްޔިތުންގެ މަޖުލީހުގެ ކުރީގެ މެމްބަރުންނަށްދޭ ހައްދެއްނެތް ބޮޑު އިނާޔަތާއި ޕެންޝަންތައް ކަނޑާލަންވީ އެވެ. އަދި ކުރީގެ ރައީސުންގެ ބިޔަ، ބޮޑު އިނާޔަތްތައް ކުޑަ ކުރަންވީ އެވެ.

މިހެން ގޮސް، ލިސްޓް ކިޔާނެ ކަމެއް ނެތެވެ! ސުޕަ މެޖޯރިޓީގެ އެހީގައި މިފަދަ އެތައް އެތައް ކަމެއް ކުރެވޭނެއެވެ. ކުރަން ޖެހޭނެ އެވެ. ނުކޮށްފިނަމަ މި ހޮވުނު މަޖުލީހުގެ މެމަބަރުންނާއި، ސުޕަ މެޖޯރިޓީ ލިބުނު ޕާޓީ އާއި، ރައީސުލް ޖުމްހޫރިއްޔާވެސް ފަސް އަހަރު ފަހުން ރައްޔިިތުންގެ ކުރިމައްޗަށް އަންނަންް ޖެހޭނެކަން ހަނދާން ބަހައްޓަން ޖެހެއެވެ.

ދިވެހި ރައްޔިތުން ނިންމާފައި މިވަނީ ދިވެހި ޤައުމުގެ ކުރިމަގު ކަނޑަ އެޅުމުގައި ކުރީގެ މަޖުލީހަކަށް، އަދި ކުރީގެ ރައީސުންނަކަށް، އަދި ކުރީގެ ބިޔަ ބޮޑު ޕާޓީތަކަށް ވެސް އެއްވެސް ބާރެއް ދޭން ބޭނުން ނުވާކަމަށެވެ. ރައްޔިތުން މިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގެ ޗާޓު އަލުން ކުރަހައިފައެވެ. ވަރަށް އިތުބާރާއި، ޔަޤީން ކަމާ އެކު ރައީސް ޑރ.މުއިއްޒާއި، ޕީ.އެން.ސީ އަށް ދިވެހި ޤައުމުގެ ހުންގާނު، ފުރިހަމަ އިހުތިޔާރާ އެކު ހަވާލުކޮށްފައެވެ.

މަޝްހޫރު ދިވެހި ޅެންވެރިޔާ، މަރުހޫމް އާމިނަތު ފާއިޒާގެ ޅެމެއްގައި ވެއެވެ: "ކަލާނގެ ސަފުން ބަދަލު ނުކުރައްވަތޭ ޤައުމެއްގެ ހާލަތު، ނުވާނަމަ ޤައުމުގައި ހާލަތު ބަދަލު ކުރުމުގެ ހިޔާލާތެއް."

އެކާވީސް އޭޕްރިލް ވީ އާދީއްތަ ދުވަހު ދިވެހި ރައްޔިތުން ނިކުމެ ދިވެހި ޤައުމުގެ ހާލަތު ބަދަލުކުރުމުގެ ހިޔާލާތު ހުރިގޮތް ދައްކުވައިދީފިއެވެ. ލާދީނީ ސިޔާސީ ފަރާތްތަކާއި، ބިދޭސީންނަށް ޤައުމު ވިއްކާ ސިޔާސީ ފަރާތްތަކާއި، ކޮރަޕްޓް ސިޔާސީ ފަރާތްތަކާއި، ދިވެހި ރައްޔިތުންނަށް ދޯކާ ދީގެން މަތީ މަޤާމްގައި ދެމިތިބި ފަރާތްތައް އެކަހެރި ކޮށް ޤައުމުގެ ހާލަތު ބަދަލު ކުރުމުގެ ހިޔާލާތު ދައްކުވައިދީފިއެވެ. މާތް ﷲ އެގޮތުގައި ބަރަކާތް ލައްވާށިއެވެ. ވެރިކަމުގެ އަމާނާތް ހަވާލު ކުރެވުނު ފަރާތްތަކުން ބޮޑާކަމެއް، ހިޔާނާތެއް، މަކަރުވެރިކަމެއް ނެތި ދިވެހި ޤައުމާއި، ރައްޔިތުންނާއި، އިސްލާމް ދީނުގެ ހައްޤުގައި ޤައުމުގެ ހާލަތު ބަދަލު ކުރަންވީއެވެ. ފަސްބެލުމެއްނެތި ކުރިއަށް ދާށެވެ. في أمان الله.

The post ކޮލަމް ކެޔޮނިރު: ޤައުމުގެ ހާލަތު ބަދަލު ކުރުމުގެ ހިޔާލާތެއް!  first appeared on އަދިވެސް އޮންލައިން.



More from Adhives Online