ޗާގޮސް ރައްޔިތުންގެ ރަށްވެހިކަން ފުހެލަނީ

Sat, 04 May 2024 02:20 PM

View on this article on Adhives Online

ޗާގޮސް ރައްޔިތުންގެ ރަށްވެހިކަން ފުހެލަނީ

އިންޑިއާ ކަނޑުގައި ދިވެހި ރާއްޖެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ޗާގޮސް ޖަޒީރާގެ ރައްޔިތުންގެ ރަށްވެހިކަން ފުހެލަން މޮރިޝަސްއާއި ސީޝެލްސްއިން މަސައްކަތް ފަށައިފިއެވެ.



ޗާގޮސްގެ ރައްޔިތުން ބުނީ މޮރިޝަސް އާއި ސީޝެލްސްއިން މިހާރު ހަދައިދޭ ޕާސްޕޯޓާއި އުފަން ދުވަހުގެ ސެޓްފިކެޓްގައި އުފަންވި ރަށުގެ ގޮތުގައި ޗާގޮސްގެ އެއްވެސް ރަށެއްގެ ނަން ނުޖަހައިދޭ ކަމަށާއި އަދި ބެލެނިވެރިންގެ ނަން ވެސް ނުހިމަނާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ އިސްތިއުމާރީ ބާރުގެ ދަށަށް 1814 ވަނަ އަހަރު ގެނައި ޗާގޮސްއަކީ މޮރިޝަސްގެ ރަށެއް ކަމަށް ހަދަން މޮރިޝަސްއިން އަންނަނީ މިހާރު މަސައްކަތް ކުރަމުންނެވެ. މޮރިޝަސްއާ ޗާގޮސް ހަވާލު ނުކުރަން އިނގިރޭސި ވިލާތުން މިދިޔަ އަހަރު ނިންމިއެވެ. އެއީ ޗާގޮސްގައި އިނގިރޭސީންގެ އިސްތިއުމާރީ ވެރިކަމެއް ހިންގަނީ ގާނޫނާ ހިލާފަށް ކަމަށް އދ.އިން ބުނެފައި ވެސް ވަނިކޮށެވެ.

އިނގިރޭސި ވިލާތުން ޗާގޮސްގެ ރަށްވެހިން އެ ޖަޒީރާއިން 1960ގެ އަހަރުތަކުގައި ބާލާފައި ފޮނުވީ މޮރިޝަސްއަށާއި ސީޝެލްސްއަށެވެ. އަދި އެއަށް ފަހު ޗާގޮސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހަދަން އެމެރިކާއަށް ވަނީ ކުއްޔަށް ދީފައެވެ.

މޮރިޝަސް އާއި ސީޝެލްސްގައި ޗާގޮސްގެ ރައްޔިތުން މިހާރު ވެސް އުޅެނީ ފަގީރުކަމުގައެވެ.

ޗާގޮސްގެ އެތައް ރައްޔިތުންނަށް އިނގިރޭސި ވިލާތުގެ ރަށްވެހިކަން ދޭން 2002 ވަނަ އަހަރު ވަނީ ނިންމައިފައެވެ. އަދި އެއާއެކު 2022 ވަނަ އަހަރު ޗާގޮސް ރައްޔިތުންގެ ދަރިންނަށް ވެސް އިނގިރޭސި ވިލާތުގެ ރަށްވެހިކަން ލިބޭ ގޮތަށް ވަނީ ނިންމައިފައެވެ. ނަމަވެސް މިހާރު މައްސަލައަކަށް ވެފައިވަނީ އިނގިރޭސި ވިލާތުގެ ރަށްވެހިކަން ލިބޭ ގޮތަށް ހަމަޖައްސާނީ ޗާގޮސްގެ ރައްޔިތުން ޗާގޮސްއަށް އުފަންވެފައިވާ ކަމަށާއި ނުވަތަ ޗާގޮސްގެ ރަށްވެއްސެއްގެ ދަރިއެއްކަން ސާބިތު ކޮށްދޭ ލިޔެކިޔުން ދެއްކީމާ ކަމަށް އިނގިރޭސި ވިލާތުން ނިންމުމުންނެވެ.

ޗާގޮސް އޮންނަނީ ދިވެހި ރާއްޖެއާ ބަރާބަރު 310 މޭލު ދެކުނުގައެވެ.

ޑިއެގޯ ގާސިއާއަކީ މެދުއިރުމަތީގައިވާ އެމެރިކާގެ ހަތުރުންނަށް ހަމަލަ ދޭން ބޭނުން ކުރާ އަސްކަރީ މަރުކަޒެކެވެ.

ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް އިން މިދިޔަ އަހަރު ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ އެއިރުގެ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އިނގިރޭސި ވިލާތުގެ ރަސްމީ ލިޔެކިޔުންތަކުގައި ޗާގޮސް އަށް ދީފައިވާ ނަމަކީ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ"އެވެ.

މޮރިޝަސް އާއެކު އިނގިރޭސީން "ޑީލް"އެއް ހަދާ ގޮތަށް ރާވާފައިވާއިރު، އޭގައި ހިމެނެނީ ޗާގޮސްގައިވާ 60 ރަށްތައް މޮރިޝަސް އަށް ދިނަސް، އަސްކަރީ މަރުކަޒު ހިމެނޭ ޑިއެގޯ ގާސިއާ އިނގިރޭސީންގެ ބާރުގެ ދަށުގައި ބޭއްވުމަށެވެ. އަދި މި ޑީލްގެ ދަށުން، އަސްކަރީ މަރުކަޒު އިނގިރޭސީންގެ އަތްދަށުގައި ބޭއްވުމަށް، މޮރިޝަސް ސަރުކާރަށް ދެ ބިލިއަން އިނގިރޭސި ޕައުންޑް (2.5 ބިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް ރާވާފައިވެއެވެ.

މީގެ އިތުރުން އެހެން ޑީލެއް ހެދުމުގެ މަޝްވަރާތަކުގައި ހިމެނެނީ މުޅި ޗާގޮސް މޮރިޝަސް އަށް ދީފައި، އިނގިރޭސި ވިލާތާއި އެމެރިކާ އަށް އަސްކަރީ މަރުކަޒުގެ ގޮތުގައި މޮރިޝަސް އިން ޑިއެގޯ ގާސިއާ އަލުން ކުއްޔަށް ދިނުމެވެ.

އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ޓްވިން ޓަވަރަށް 2001ގެ ސެޕްޓެމްބަރު 11 ގައި ދިން ހަމަލައާ ގުޅިގެން އެމެރިކާއިން އަފްޣާނިސްތާނަށް ދޭން ފެށި ހަމަލާތަކުގައި ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒު ފުޅާ ދާއިރާއެއްގައި ބޭނުން ކޮށްފައިވެއެވެ. މީގެ އިތުރުން 2003 ގައި ފެށި އިރާގު ހަނގުރާމައިގެ އިތުރުން 2006 އިން ފެށިގެން މެދުއިރުމަތީގައި ބޭނުން ކުރާ، އެމެރިކާގެ "ފައްތާ ނުލެވޭނެ ކަމަށް" ދައުވާ ކުރާ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުފަހަރު އުފުލާ މަނަވަރުތަކުގައި، މެދުއިރުމައްޗަށް އެމެރިކާ ސިފައިން ގެންދިއުމަށް ވެސް ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒު އެމެރިކާއިން ބޭނުން ކުރަމުންދެއެވެ.

ޗާގޮސް ދޫކޮށް ނުލުމަށް އިނގިރޭސި ސަރުކާރުން ނިންމުމުން ބައިނަލްއަގުވާމީ ގާނޫތަކާ ހިލާފު ވާނެތީ، މިއީ އދ. އާ އެކު އިނގިރޭސި ވިލާތުން ބާއްވާ ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް އަނެއްކޮޅުން އެމެރިކާ އާއެކު އިނގިރޭސީން ބާއްވާ ގުޅުން "ރައްކާތެރިވާނެ" ކަމަށް ވެސް ބެލެވެއެވެ.

މޮރިޝަސް އަށް ޗާގޮސް ގެއްލުނީ 1965 ގައެވެ. އެއީ 1968 ގައި މޮރިޝަސް އަށް ފުރިހަމަ މިނިވަންކަން ލިބެން ދިޔަ މަގުމަތީގައެވެ.

އިނގިރޭސީން ވަނީ ޗާގޮސްގެ 2،000 އަށް ވުރެ ގިނަ ވަޒަންވެރިން ބޭރުކޮށްލައި، މޮރިޝަސް އަށާއި ސީޝެލްސް އަށް އެ މީހުން ބަދަލުކޮށްފައެވެ. އެއީ ޗާގޮސްގެ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހެދުމަށްޓަކައެވެ. މި ކަމުގެ ސަބަބުން "އިންސާނީ ހައްގުތަކަށް ގޮވާލާ އަޑުތައް" ގަދަވެ، 2016 ގައި، ޗާގޮސްގެ ރައްޔިތުންނަށް ބަދަލު ދިނުމަށްޓަކައި 40 މިލިއަން ޕައުންޑް (50 މިލިއަން ޑޮލަރު)ގެ ފަންޑެއް ގާއިމު ކުރެވުނެވެ.

The post ޗާގޮސް ރައްޔިތުންގެ ރަށްވެހިކަން ފުހެލަނީ first appeared on އަދިވެސް އޮންލައިން.



More from Adhives Online