އ.ދ ގައި ރާއްޖެއަށް މުހިއްމު ހުރިހާ ކަމެއްގައި ބަސް އިއްވާނަން

Fri, 20 Sep 2024 08:44 PM

View on this article on adduLive

އ.ދ ގައި ރާއްޖެއަށް މުހިއްމު ހުރިހާ ކަމެއްގައި ބަސް އިއްވާނަން

އ.ދ ގައި ރާއްޖެއަށް މުހިއްމު ހުރިހާ ކަމެއްގައި ބަސް އިއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.



އ.ދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންނެވުމުގެ ކުރިން މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި އެކިއެކި ބައްދަލުވުންތަކުގައި ރާއްޖެ އަށް މުހިއްމު ހުރިހާ ކަމެއްގައި ބަސް އިއްވާނެ ކަމަށާއި ރާއްޖެ އަށް އެންމެ ފައިދާވާނީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅި ލާމެހުނު ވަރަކަށް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތުން އ.ދ އަށް ދިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މި ދަތުރުފުޅުގައި ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ހޯއްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވި އެވެ. އަދި މި ދަތުރުފުޅު ވެގެންދާނީ ރައްޔިތުންނަށް ފައިދާހުރި ދަތުރުފުޅަކަށް ކަމަށާއި އޭގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ކާމިޔާބު ކަމާއެކީ ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތެއްވާ ކޮންމެ ބަޔަކާއެކީގައި އަޅުގަނޑުމެން ގާތް ގުޅުން އުފެއްދުމަކީ އަޅުގަނޑުމެންނަށް ހައްގު އެންމެ ރަނގަޅު ގޮތް،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ތަޤުރީރުކުރައްވާނީ އަންގާރަ ދުވަހު އެވެ.

މި ދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެކި ދައުލަތްތަކާއި ޤައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެ އެވެ.

މިއީ ރައީސް މުޢިއްޒު އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

The post އ.ދ ގައި ރާއްޖެއަށް މުހިއްމު ހުރިހާ ކަމެއްގައި ބަސް އިއްވާނަން appeared first on adduLIVE.



More from adduLive