"ކަލްކީ" ގެ ދެވަނަ ބައި 3 އަހަރު ފަހުން

Mon, 01 Jul 2024 11:52 AM

View on this article on adduLive

"ކަލްކީ" ގެ ދެވަނަ ބައި 3 އަހަރު ފަހުން

މިދިޔަ ހަފުތާގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދަމުން އަންނަ އިންޑިއާގެ ފިލްމު "ކަލްކީ: 2989 އޭޑީ" ގެ ސީކްއެލް ތިން އަހަރު ފަހުން ގެނެސްދޭނެ ކަމަށް ބުނެފި އެވެ.



މިކަމާ ބެހޭ ގޮތުުން ޕްރޮޑިއުސަރު އަޝްވިނީ ދަތު ބުނީ ފުރަތަމަ ބައިގެ މަސައްކަތުގެ ތެރޭގައި ފިލްމުގެ ދެވަނަ ބައިގެ ޝޫޓިންގެ ބޮޑު ބައެއް ވެސް އޮތީ ނިންމާފައި ކަމަށެވެ.

"ސީކްއެލްގެ ގާތްގަނޑަކަށް ފަސްދޮޅަސް ޕަސެންޓް ޝޫޓިން އޮތީ ނިމިފައި،" އޭނަ ބުންޏެވެ. "އެހެންވެ މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން ދެވަނަ ބައި ތިން އަހަރު ފަހުން ބެލުންތެރިންނާ ހަމައަށް އަންނާނެ."

"ކަލްކީ" އަކީ ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް ވެސް ހިމެނޭ ފިލްމަކަށްވާތީ، ދެވަނަ ބައި ހުރިހާ ގޮތަކުން ވެސް ވަރުގަދަވާނެކަމުގެ ޔަގީންކަން އަޝްވިނީ ދީފައިވެ އެވެ.

މިދިޔަ މަހުގެ 27 ގައި ސިނަމާތަކަށް ގެނައި "ކަލްކީ" ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިން ލިޔެ، ޑައިރެކްޓްކޮށްފައިވާ ސައިންސް ފިކްޝަން ފިލްމެކެވެ. މީގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޕްރަބާސް، ދީޕިކާ ޕަދްކޯން، އަމީތާން ބައްޗަން، ޑިޝާ ޕަޓާނީ އަދި ކަމަލް ހަސަނެވެ.

ޖުމްލަ 600 ކްރޯޑް ރުޕީސް (72 މިލިއަން ޑޮލަރު) ގެ ބަޖެޓުން ހަދާފައިވާ "ކަލްކީ" އަށް މިހާތަނަށް 370 ކްރޯޑް ރުޕީސް (44 މިިލިއަން ޑޮލަރު) ލިބިފައިވެ އެވެ. މި ފިލްމަށް އިންޑިއާ އިން ބޭރުން ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ކްރިޓިކުން ބުނެފައިވާ ގޮތުގައި "ކަލްލީ" އަކީ އިންޑިއާގެ ސިނަމާގެ ވަރުގަދަކަން އިންތިހާ އަށް ދައްކުވައިދޭ ފިލްމެކެވެ.

ތެލެގޫ ފިލްމުތައް ކަމަށްވާ "ބާހްބަލީ" އާއި "އާރްއާރްއާރް" އަކީ މީގެ ކުރިން ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު ފިލްމުތަކެކެވެ.



More from adduLive