ތަފާތު ގިނަ ހަރަކާތްތަކާ އެކު މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ތައްޔާރީތައް އެޗްޑީސީ އިން ފަށައިފި އެވެ.
އެޗްޑީސީން ބުނީ "މައި ހުޅުމާލެ އީދު އުފާ ޕަވާޑް ބައި ދިރާގު" ނަމުގައި ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި އިވެންޓަކީ ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާއެކު ކުރިއަށް ގެންދާ އިވެންޓެކެވެ.
އަޟްހާ އީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 15 ވާ ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިމުގެ ފޯރިގަދަ ހަރަކާތުންނެވެ. އަދި ހުޅުމާލޭގައި މިއަހަރު އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ފޭސް 1 ގެ ސިންތެޓިކް ޓްރެކް އަދި ފޭސް 2 ގެ ކްރިކެޓްސްޓޭޑިއަމްގަ އެވެ. އަދި އީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން، 16 އަދި 17 ޖޫން ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އީދުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.
އީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިޔަށްދާނެ އެވެ. އެޗްޑީސީން ބުނީ ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވާނެ އެއް ހަރަކާތް ކަމަށެވެ.
މީގެ އިތުރުން މި އީދު ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
The post ހުޅުމާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ appeared first on adduLIVE.