ޢުލޫމުލް ޤުރްއާން (8)

Sat, 27 Jul 2024 06:30 AM

View on this article on adduLive

ޢުލޫމުލް ޤުރްއާން (8)

(ޖޫން 14 ވަނަ ދުވަހުގެ ބަޔާ ގުޅޭ)



ވަޙީ

ﷲ ތަޢާލާ ކީރިތި ޤުރުއާން ނަބިއްޔާ މުޙައްމަދު ﷺ ގެ މައްޗަށް ބާއްވައިލެއްވީ ޖިބްރީލްގެފާނު މެދުވެރިކުރައްވާ ވަޙީގެ ޛަރީޢާއިންނެވެ.
ވަޙީގެ ލުޣަވީ މާނަ: ވަޙީގެ ބަހަވީ މާނަތަކުގެ ތެރޭގައި ވަސްވާސް، އިލްހާމު، އިޝާރާތް، ސިއްރުން އަވަހަށް އަންގާ އެންގުން ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ﴾ سورة القصص 7 ‏
މާނައީ: "އަދި ތިމަންރަސްކަލާނގެ މޫސާގެފާނުގެ މަންމައަށް އިލްހާމު ކުރެއްވީމެވެ."
މިއާޔަތުގައި "ވަޙީ" މިލަފްޒު ވާރިދުވެފައިވަނީ އިލްހާމުގެ މާނައިގައެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ‎﴿فَخَرَجَ عَلَى قَوْمِهِ مِنَ الْمِحْرَابِ فَأَوْحَى إِلَيْهِمْ أَنْ سَبِّحُوا بُكْرَةً وَعَشِيًّا﴾ سورة مريم 11
މާނައީ: "ފަހެ، އެކަލޭގެފާނު، ނަމާދުކުރައްވާތަނުން އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ނުކުމެވަޑައިގަތެވެ. ދެން ހެނދުނާއި، ހަވީރު، ތަސްބީޙަ ކިޔަވައި އުޅުމަށް އެއުރެންނަށް އިޝާރާތުން އެންގެވިއެވެ."
މިއާޔަތުގައި "ވަޙީ" މިލަފްޒު ވާރިދުވެފައިވަނީ އިޝާރާތުގެ މާނައިގައެވެ.
‎ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ ۖ﴾ سورة الأنعام 121 ‏
މާނައީ: "އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ ޖަދަލުކުރުމަށް ޝައިޠާނުން އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ."
މިއާޔަތުގައި "ވަޙީ" މިލަފްޒު ވާރިދުވެފައިވަނީ ވަސްވާހުގެ މާނައިގައެވެ.
‎‎ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿إِذْ يُوحِي رَبُّكَ إِلَى الْمَلائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا﴾ سورة الأنفال 12
މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. ފަހެ، އީމާންވި މީހުންނަށް ސާބިތުކަން ދެއްވާށެވެ!"

މިއާޔަތުގައި "ވަޙީ" މިލަފްޒު ވާރިދުވެފައިވަނީ ސިއްރުގައި އަވަހަށް އަންގާ އެންގުމުގެ މާނައިގައެވެ.
ވަޙީގެ އިޞްޠިލާޙީ މާނަ: ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ޚިޔާރު ކުރައްވަވާ އަޅަކަށް އެއިލާހުގެ އެންގެވުންތައް ސިއްރިޔާތުގައި އަންގަވާ އެންގެވުމެވެ. (ނުނިމޭ)

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.

The post ޢުލޫމުލް ޤުރްއާން (8) appeared first on adduLIVE.



More from adduLive