ބާރުގަދަ ވަަޒީރުން ނިސްބަތްވަނީ ފޮނަދޫއަށް، ސަރުކާރު ދަމަހައްޓަންޖެހޭ

Fri, 26 Apr 2024 10:31 PM

View on this article on adduLive

ބާރުގަދަ ވަަޒީރުން ނިސްބަތްވަނީ ފޮނަދޫއަށް، ސަރުކާރު ދަމަހައްޓަންޖެހޭ

މި ސަރުކާރުގައި ހިމެނޭ ބާރުގަދަ ދެ ވަަޒީރުން ނިސްބަތްވަނީ ލ. ފޮނަދޫއަށް ކަމަށާއި މި ސަރުކާރު ދަމަހައްޓަން ފޮނަދޫ ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.



މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ހައްދުންމަތީގެ ސިޔާސީ ތާރީހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުކޮށްދެއްވާފައިވާ ކަމަށާއި ދިވެހި ދައުލަތް ހިނގަމުން އަންނަތާ 4،000 އަހަރު ވީއިރު މީގެކުރިން ރާއްޖޭގެ އެންމެ ފަތީ ފަނޑީގައި ހައްދުންމަތީގެ ބޭފުޅަކު ދުވަހަކު ވެސް ހިމެނިފައި ނުވާ ކަމަށެވެ.

"އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ މަނިކުފާނު އެކުލަވައިލެއްވި ފުރަތަމަ ކެބިނެޓުގައި، އެ ކެބިނެޓުގެ އެންމެ ބާރުގަދަ ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫގެ ދެ ބޭފުޅުން. ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް. އޭގެ އިތުރުން އަޅުގަނޑު ވެސް އޭގެ ކޮންމެވެސް ހިސާބެއްގައި އެބަ ލައްވައިލާ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށް ފޮނަދޫ އަށް ވުރެ ވަކިން ބޮޑަށް މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ނެތް ކަމަށެވެ. އަދި މިވަގުތު ޕާޓީ ފިކުރަށް ވުރެ އިސްކުރަންވީ ފޮނަދޫގެ ފިކުރު ކަމަށާއި ފޮނަދޫ އަށް މިއަދު ރަނުގެ ފުރުސަތެއް ލިބިފައިވާއިރު މި ފުރުސަތުގެ ބޭނުން ފޮނަދޫގެ ހުރިހާ ރައްޔިތުން ހިފުމަށް އަދުރޭ ގޮވާލެއްވި އެވެ.

މީގެއިތުރުން ހައްދުންމަތި އަދި ފޮނަދޫގެ ތަރައްގީ އަށް 24 ގަޑިއިރު ވެސް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށާއި ފޮނަދޫ ރައްޔިތުން ދޫކޮށްލާފައި އެހެން ދިމާލަކަށް ނުދާނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.



More from adduLive